Roadha Mihaaru
އާޝާ އަށް އެންމެ ކަމުދަނީ "އަނޫޕަމާ"

އާޝާ އަށް އެންމެ ކަމުދާ ސިލްސިލާ އަކީ "އަނޫޕަމާ"

27 ސެޕްޓެމްބަރ 2021

ސްޓާ ޕްލަސްގެ ސިލްސިލާ "އަނޫޕަމާ" އަކީ މިހާރު އެންމެ ކަމުދާ ސިލްސިލާ ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ގުޅާފައި، އޭގެ ފުރިހަމަކަމުގެ ވާހަކަ ދެއްކުމަކީ ޕްރޮޑިއުސަރެއްގެ ގޮތުގައި މިހާތަނަށް ލިބުނު އެންމެ އުފާ ކަމަށް ރަޖަން ޝާހީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސްގެ ސިލްސިލާ "އަނޫޕަމާ" އަކީ މިހާރު އެންމެ ކަމުދާ ސިލްސިލާ ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ގުޅާފައި، އޭގެ ފުރިހަމަކަމުގެ ވާހަކަ ދެއްކުމަކީ ޕްރޮޑިއުސަރެއްގެ ގޮތުގައި މިހާތަނަށް ލިބުނު އެންމެ އުފާ ކަމަށް ރަޖަން ޝާހީ ބުނެފި އެވެ.

އީ-ޓައިމްސް އަށް ދިން އިންޓައުއެއްގައި "ޔޭ ރިޝްތާ ކިޔާ ކެހެލެތާ ހޭ" ގެ ވެސް ޕްރޮޑިއުސަރު ބުނީ އާޝާ "އަނޫޕަމާ" ކަމުގޮސްގެން ދެއްކި ވާހަކަތަކުގެ ތެރޭގައި އެ ސިލްސިލާގެ އެޕިސޯޑްތައް ގަޑިއިރަކަށް ހަދަން ޖެހޭ ކަމަށް ވެސް ބުނި ކަމަށެވެ.

"އެއިން ވެސް އެނގުނީ އާޝާ އަށް ސިލްސިލާ ކިހާ ކަމުދާކަން. އާޝާ ބުނި ގޮތުގައި މިދިޔަ އަހަރު ސިލްސިލާ ދައްކަން ފެށި ފަހުން އޭގެ އެއްވެސް އެޕިސޯޑެއް ދޫކޮށްނުލާނެ ކަމަށް. އަދި އަނޫޕަމާގެ ވާހަކަ ވަރަށް ކަމުދާ ކަމަށާއި ސިލްސިލާގެ މުޅި ކާސްޓް ދައްކަމުން އަންނަ ހުނަރު ވެސް ވަރަށް މޮޅު ކަމަށް ބުނި." ރަޖަން ބުންޏެވެ.

އޭނާ ބުނީ އާޝާ ފަދަ ޝަހުސިއްޔަތަކު އަމިއްލަ ގޮތުން ގުޅާފައި، ކުރާ މަސައްކަތަތަށް ތައުރީފުކޮށް ވާހަކަ ދެއްކުމަކީ ވަރަށް ބޮޑު ކާމުޔާބީއެއް އަދި ޝަރަފެއް ކަމަށެވެ.

ރަޖަން "އަނޫޕަމާ" ގެ ބައިވެރިންނާ އެކު.

"ދެން ސިލްސިލާއާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް އަހަންނާ އާޝާ ދެއްކި. އެގޮތުން ވަކިވަކި ކެރެކްޓާތައް މާ ކަމުދާ ކަމަށް ވެސް ބުނި." ރަޖަން ބުންޏެވެ. "އަހަންނަށް އެންމެ ބޮޑު ސަޕްރައިޒަކަށްވީ ދިގު ކޯލުގައި އަނޫޕަމާގެ ވަރަށް ގިނަ ޑައިލޮގްތަކާއި ވަރަށް ގިނަ މަންޒަރުތައް ވެސް އާޝާ ވަރަށް ބޮޑަށް ހަނދާނުގައި ބަހައްޓައި އެކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކީމަ. އަދ ބުނި ކޮވިޑްގެ ހާލަތު ރަނގަޅުވީމަ ސިލްސިލާގެ ސެޓަށް ވެސް ޒިޔާރަތްކުރަން ބޭނުންވާ ކަމަށް. މިހާރު އެ ދުވަހަކަށް ވަރަށް އިންތިޒާރުކުރެވޭ."

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދައްކަން ފެށި "އަނޫޕަމާ" އަކީ ރަޖަންގެ މަންމަ ދީޕާ ޝާހީ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އެއްޗަކަށްޗާތީ އެކަމަށް ވެސް އާޝާ މަރުހަބާކި ކަމަށް ރަޖަން ބުންޏެވެ.

މިހާރު އިންޑިއާގެ އެންމެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "އަނޫޕަމާ" އަކީ ބޭފަވާތެރި ފިރިއެއްގެ ސަބަބުން އަންހެނެއްގެ ހަޔާތަށް އަންނަ ބަދަލުތައް ކިޔައިދޭ އެއްޗެކެވެ. ސިލްސިލާގެ ޓައިޓްލް ރޯލު ކުޅެނީ ރުޕާލީ ގަންގޫލީ އެވެ. ކާސްޓްގެ ދެން މުހިއްމު ބައިވެރިންނަކީ ސުދާންޝޫ ޕާންޑޭ (ވަންރާޖް ޝާހް) އާއި މަދަލްސާ ޝަރުމާ (ކާވިއާ) ގެ އިތުރުން ސިލްސިލާއާ ދާދި ފަހުން ގުޅުނު ގޯރަވް ކަންނާ (އަނޫޖް ކަޕާޑިއާ) އެވެ.

"އަނޫޕަމާ" ގެ 370 އަށް ވުރެ ގިނަ އެޕިސޯޑް މިހާރު ދައްކާފައިވެ އެވެ. މި ސިލްސިލާ ސްޓާ ޕްލަސް އިން ދައްކަނީ ކޮންމެ ހަފުތާއެއްގެ ހޯމައިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 9:30 ގަ އެވެ.