Roadha Mihaaru
ފެނަކައިގެ ކުރީގެ ދެ ވެރިއެއްގެ މައްސަލަ ޕީޖީއަށް

ފެނަކައަށް ސޮފްޓްވެއާއެއް ހެދުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ ކުރީގެ ދެ ވެރިއަކަށް ދައުވާކުރަން ފޮނުވައިފި

22 ސެޕްޓެމްބަރ 2021

ފެނަކަ ކޯޕަރޭޝަންގެ ކަސްޓަމަރުން ބިލް ކުރުމަށްޓަކައި ސޮފްޓްވެއާއެއް ހެދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ ދެ ވެރިއަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފެނަކަ ކޯޕަރޭޝަންގެ ކަސްޓަމަރުން ބިލް ކުރުމަށްޓަކައި ސޮފްޓްވެއާއެއް ހެދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ ދެ ވެރިއަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވައިފި އެވެ.

އެ ކުންފުނީގެ ސޮފްޓްވެއާ ބިލިން ސޮފްޓްވެއާ ހަދަން ހަވާލުކުރީ ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން އެއްބަސްވި މުއްދަތުގައި މަސައްކަތް ނުނިންމަނީސް ފައިސާ ދޫކޮށްފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

އެ މައްސަލައިގައި، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދީފައިވާ ކަމަށް ބުނެ އޭސީސީން ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ، ފެނަކަ ކޯޕަރޭޝަންގެ އައިސީޓީ ޑިޕާޓްމަންޓާ ކުރިން ހަވާލުވެ ހުންނެވި މާލެ، ފެހިވިދުވަރުގެ، އިސްމާއިލް ޝަމްއޫނާއި އެ ކުންފުނީގެ ސޭލްސް އެންޑް ބިލިން ޑިޕާޓްމަންޓްގެ ވެރިއަކަށް ކުރިން ހުންނެވި ކ. މާލެ، ރސ 13142، އަހުމަދު ނަޖާހުގެ މައްޗަށެވެ.

ސޮފްޓްވެއާގެ މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 8، 2017 ގައި ނިންމުމަށެވެ.

ސޮފްޓްވެއާ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއާ ޑިޒައިންކޮށް، ބޭނުން ކުރަން ފެށުމުން ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި އޮތަސް އޮކްޓޯބަރު 15، 2018 ގެ ނިޔަލަށް ވެސް އެ މަސައްކަތް ނުނިމޭ ކަމަށް އޭސީސީން ބުންޏެވެ.

މަސައްކަތް ނިންމާފައި ނުވަނީސް ވެސް ނޮވެމްބަރު 6، 2017 ގައި މަސައްކަތް ނިންމާފައިވާ ކަމަށް ބަޔާންކޮށް، ޝުވެކް އިން ފެނަކަ އަށް ފޮނުވި ސިޓީގައި ޝަމްއޫނާއި ނަޖާހު ސޮއިކުރައްވާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި ފައިސާ ދޫކޮށްދިނުމަށް އައިސީޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ޓެންޑާ ސެކްޝަނަށް ފޮނުވާފައިވާ އިންޓާނަލް މެމޯގައި ސޮއިކުރެއްވީ ޝަމްއޫން ކަމަށް އޭސީސީން ބުނެ އެވެ.

އޭގެ އިތުރުން، އެ ބިލިން ސޮފްޓްވެއާ ހޯސްޓް ކުރުމުގެ ގާބިލުކަން ފެނަކައިގެ އަމިއްލަ ސާވާގައި ހުރިކަން އެނގި ތިއްބަވައި، އަދި ހޯސްޓް ކުރުމާ ބެހޭ ކަމެއް އެއްބަސްވުމުގައި ނެތް އިރު، އެ ސޮފްޓްވެއާ ހޯސްޓް ކުރުމަށް ޝުވެކް އަށް ހުއްދަ ދީ، އެކަމަށް ފައިސާ ދޫކުރުމަށް ފެނަކައިގެ އައިސީޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް މެމޯއެއް ފޮނުވާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނިގޮތުގައި، ސޮފްޓްވެއާގެ އަގާއި ހޯސްޓް ކުރުމަށް ވެސް ފައިސާ ދޫކުރީ ޝަމްއޫނާއި ނަޖާހު ދިން ހުއްދައިގެ މައްޗަށެވެ.

ބިލިން ސޮފްޓްވެއާގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާއިރު، ގާތް ބައެއް އަތުން ފެނަކައަށް ދޯންޏެއް ކުއްޔަށް ހިފި މައްސަލައިގައި އޭރު ޕްރޮކިއުމަންޓުގެ ވެރިއަކަށް ހުންނެވި ފުވައްމުލަކު، ހޯދަނޑު މައިޒާން، މަރްޔަމް ދީނާ ސޯލިހުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.