Roadha Mihaaru

ޝަރުތު ހަމަނުވާ މީހަކަށް އައިޔޫއެމްގެ ވަޒީފާ ދީފައިވާތީ ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ

އިއުލާން ކޮށްފައިވާ ޝަރުތަށް ނުފެތޭ މީހަކަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ މަގާމެއް ދިން މައްސަލައެއްގައި އެ ޔުނިވާސިޓީގެ ކުރީގެ އިސް ދެ ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.

ޝަރުތުހަމަނުވާ މީހަކަށް ވަޒީފާ ދިން މައްސަލަ ޕީޖީ އަށް

އިއުލާން ކޮށްފައިވާ ޝަރުތަށް ނުފެތޭ މީހަކަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ މަގާމެއް ދިން މައްސަލައެއްގައި އެ ޔުނިވާސިޓީގެ ކުރީގެ އިސް ދެ ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން ރޭ ބުނީ، އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން ނޮވެމްބަރު 5، 2017 ގައި އިއުލާންކުރި ނަމަވެސް އެ މަގާމަށް ނެގީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވި މީހެއް ނޫން ކަަމަށެވެ.

އެހެންވެ، އޭސީސީން ޕީޖީ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އެދުނީ އައިޔޫއެމްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި ތ. ތިމަރަފުށި، ނަރުގިސްވިލާ، އިބްރާހިމް ސަމީރާއި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމު އެ ދުވަސްވަަރު ފުރުއްވި ބ. އޭދަފުށި، ގުލްބަކާގޭ، އަަލީ ރަޝީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ.

އެ ދެ މުވައްޒަފުންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދުނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ހ) ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނިގޮތުގައި އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކަނޑައެޅި މީހާގެ ތައުލީމީ ސެޓްފިކެޓެއް އަދި ތަޖުރިބާގެ ލިޔުމެއް ވެސް ހުށަހަޅައިފައެއް ނެތެވެ.

"އެ އިއުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ R2 ޝީޓުގައި ޕޮއިންޓު ދީފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލާ ހިލާފަށެވެ. އަދި އިންޓަވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓު ދީ، އެ ފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓު މަތިކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކަން ތަހުގީގަށް ހޯދިފައި ވެ އެވެ،" އޭސީސީން ބުންޏެވެ.