Roadha Mihaaru
ޖާބިރާ ދެކޮޅަށް މަތިވެރި މީހުން މުޒާހަރާކޮށްފި

ޖާބިރާ ދެކޮޅަށް މަތިވެރި ރައްޔިތުން ނުކުމެއްޖެ، މިހާރު ހުންނެވީ ރައްކާތެރިކަމަށްޓަކައި ޕޮލިސް ސްޓޭޝަނުގައި

21 ސެޕްޓެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރި އަށް މިރޭ ވަޑައިގަތުމާއެކު، އެ ރަށުގެ މީހުން އޭނާއާ ދެކޮޅަށް ނުކުމެ މުޒާހަރާކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރި އަށް މިރޭ ވަޑައިގަތުމާއެކު، އެ ރަށުގެ މީހުން އޭނާއާ ދެކޮޅަށް ނުކުމެ މުޒާހަރާކޮށްފި އެވެ.

ކައުންސިލުން ބުނީ، ޖާބިރު އެ ރަށަށް ވަޑައިގަތީ އިރުއޮއްސި 6:30 ހާއިރު ކަމަށާއި އެކަން އެނގިގެން މަތިވެރީގެ ގިނަ ބަޔަކު ތިބީ އޭނާއާ ދެކޮޅަށް ކުރީބައިގައި ނުކުމެފައި ކަމަށެވެ.

މަތިވެރީގެ މީހުން ޖާބިރާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން ދާއިރު، އެ މީހުން ގޮވަމުން ދިޔައީ އޭނާ އެ ރަށުން ބޭލުމަށެވެ.

ޖާބިރާ ދެކޮޅަށް ރަށުގެ އެތައް ބަޔަކު ނުކުމެ އިހުތިޖާޖު ކުރަން ފެށުމުން، އޭނާގެ ސަލާމަތަށްޓަކައި މިހާރު ހުންނެވީ މަތިވެރި ޕޮލިސް ސްޓޭޝަންގަ އެވެ.

"ފުލުހުން މިހާރު ވަނީ ޖާބިރު އަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޖާބިރަށް ރައްކާތެރިކަން ދޭން ފުލުހުންގެ މަރުކަޒަށް ގެންދިޔަ ނަމަވެސް މަތިވެރީގެ މީހުން ދަނީ އެ ސަރަހައްދަށް ވެސް އެއްވެ އަޑު އުފުލަމުންނެވެ.

އެނގިފައިވާ ގޮތުގައި މަތިވެރީގެ މީހުން ޖާބިރާ ދެކޮޅަށް މުޒާހަރާ ކުރަނީ އޭނާ އެ ރަށުން ބައްލަވައިގެންފައިވާ ބިން ތަކަކަށް ފައިސާ ނުދައްކަވާ މައްސަލައެއްގައި ކަމަށް ކައުންސިލުން ބުނެ އެވެ.

ގެސްޓް ހައުސް ހިންގުމަށް އެ ރަށުގެ ކައުންސިލުން ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ދެ ބިމެއް ޖާބިރު ބައްލަވައިގެންފައިވާއިރު. އެއީ މީގެ ކުރިން އެހެން ފަރާތަކަށް 10 އަހަރަށް ކުށްޔަށް ދޫކޮށްފައި އޮތް ބިމެކެވެ.

މަތިވެރި ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒު "މިހާރު" އަށް ވިދާޅުވީ، ޖާބިރު އެ ދެން ބިން ބައްލަވައިގަތީ ހުރިހާ ލައިބިލިޓީއަކާ އެކު ކަމުން ކައުންސިލަށް ދައްކަންޖެހޭ ބޮޑު އަދަދެއްގެ ފައިސާ ނުދައްކަވާ ކަމަށެވެ.

ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެ ދެ ބިން ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓު ގެސްޓް ހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް، ބިން ކުއްޔަށް ދިނުމަށްޓަކައި ބިން ކަނޑައެޅުމާބެހޭ އުސޫލާ ހިލާފަށް، ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށް އެ ފަރާތުން ބުނެ އެވެ.

އަދި އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ވެސް މަތިވެރީގެ 360 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ކައުންސިލަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޖާބިރާއެކު ރަށު ކައުންސިލުން ބިމުގެ މައްސަލައިގައި އެއްބަސްވުމެއް ހަދާފައިވާނެ އެވެ. ނަމަވެސް ޖާބިރު މިއަދު އެ ރަށަށް ވަޑައިގަތީ އެއްވެސް ވަރަކަށް ކައުންސިލަށް އެންގުމެއް ނެތި އެވެ.