Roadha Mihaaru
ޖާބިރަށް ހަމަލަދިން މައްސަލައިގަ ދެމީހަކު ހައްޔަރުކޮށްފި

ޖާބިރަށް ހަމަލަދިން މައްސަލައިގެ ތުހުމަތށް މަތިވެރިން ދެ މީހަކު ހައްޔަރުކޮށްފި

23 ސެޕްޓެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރި އަށް ވަޑައިގަތުމުން ހަމަލާ ދިން ދެ މީހަަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރި އަށް ވަޑައިގަތުމުން ހަމަލާ ދިން ދެ މީހަަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 42 އަހަރާއި 19 އަހަރުގެ ދެ ދިވެހި ފިރިހެނުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖާބިރު، މިދިޔަ އަންގާރަ ދުވަހު މަތިވެރި އަށް ވަޑައިގަތުމުން އެ ރަށުގެ މީހުން ވަނީ މުޒާހަރާކޮށް ޖާބިރު އެ ރަށުން ބޭލުމަށް ގޮވާލައިފަ އެވެ. މަތިވެރީގެ މީހުން މުޒާހަރާކުރަން ފެށުމުން އެ ރޭ ފުލުހުން ވަނީ ޖާބިރު އަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. އަދި މަސްލަހަތަށް ބެލުމަށް ފަހު، ފުލުހުން ޖާބިރު އެ ރަށުން ބޭލީ އެރޭގެ ދަންވަރުގެ ވަގުތެއްގަ އެެވެ.

އެނގިފައިވާ ގޮތުގައި މަތިވެރީގެ މީހުން ޖާބިރާ ދެކޮޅަށް މުޒާހަރާކުރީ އޭނާ އެ ރަށުން ބައްލަވައިގެންފައިވާ ބިން ތަކަކަށް ފައިސާ ނުދައްކަވައި އަދި މީހުން ލައްވައި މައްސައްކަތް ކުރުވުމަށް ފަހު އުޖޫރު ނުދޭ މައްސަލަތަކެއްގަ އެވެ.

ގެސްޓް ހައުސް ހިންގުމަށް މަތިވެރި ކައުންސިލުން ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ދެ ބިމެއް ޖާބިރު ބައްލަވައިގެންފައިވާއިރު، އެއީ މީގެ ކުރިން އެހެން ފަރާތަކަށް 10 އަހަރަށް ކުށްޔަށް ދޫކޮށްފައި އޮތް ބިމެކެވެ.

މަތިވެރި ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒު "މިހާރު" އަށް ވިދާޅުވެފައި ވަނީ ޖާބިރު އެ ދެ ބިން ބައްލަވައިގަތީ ހުރިހާ ލައިބިލިޓީއަކާ އެކު ކަމުން ކައުންސިލަށް ދައްކަވަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކަވާ ކަމަށެވެ.

ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެ ދެ ބިން ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓު ގެސްޓް ހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް، ބިން ކުއްޔަށް ދިނުމަށްޓަކައި ބިން ކަނޑައެޅުމާބެހޭ އުސޫލާ ހިލާފަށް، ކައުންސިލާ މަޝްވަރާ ނުކޮށް ކަމަށް އެ ފަރާތުން ބުނެ އެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ވެސް މަތިވެރީގެ 360 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، ކައުންސިލަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޖާބިރާއެކު ރަށު ކައުންސިލުން ބިމުގެ މައްސަލައިގައި އެއްބަސްވުމެއް ހަދާފައިވާނެ އެވެ. ނަމަވެސް ޖާބިރު އެ ރަށަށް ވަޑައިގަތީ އެއްވެސް ވަރަކަށް ކައުންސިލަށް އެންގުމެއް ނެތި އެވެ.