Roadha Mihaaru
އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގުކުރަނީ

އަލިފާނުގެ ހާދިސާ ފުލުހުން ތަހުގީގުކުރަނީ

08 އެޕްރީލް 2019

އއ. މަތިވެރީގެ ގެސްޓްހައުސްއެއްގައި ރޭ އަލިފާން ރޯވި ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް އެ ރަށަށް ހިނގައްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އއ. މަތިވެރީގެ ގެސްޓްހައުސްއެއްގައި ރޭ އަލިފާން ރޯވި ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ޓީމެއް އެ ރަށަށް ހިނގައްޖެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ރަށުގައި ތިން ބުރިއަށް ހަދާފައި ހުރި ކަޒާ މިއާ ގެސްޓްހައުސްގައި ރޭ ރޯވެ ބައެއް ކޮޓަރިތައް އަނދައިހުލިވި އެވެ. އަލިފާންގަނޑު ނިއްވާލީ އެ ރަށު ރައްޔިތުން ނިކުމެ ފެންޖަހައިގެންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެތަނުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ. އަދި އެ މައްސަލަ ބަލަން އެ މަތިވެރި އަށް ދާން ފުލުހުންގެ ޓީމެއް މިއަދު ހެނދުނު ފުރި ކަމަށް ވެސް އެތަނުން ބުންޏެވެ. ނަމަވެސް އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އެތަނަކުން ނުބުނެ އެވެ.

މަތިވެރީގެ ގެސްޓު ހައުސްގައި ރޯވެފައި -- ފޮޓޯ: މިހާރު

މަތިވެރީގެ ގެސްޓު ހައުސްގައި ރޯވެފައި -- ފޮޓޯ: މިހާރު

ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ގެސްޓްހައުސްގައި ބަޔަކު އަލިފާން ރޯކޮށްލީ އެވެ. އެތަނަކީ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުން ކާށިދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރުގެ އާއިލާގެ ހިއްސާ އޮންނަ ތަނެކެވެ. ފަންސަވީސް ކޮޓަރި އަށް ހަދާފައި ހުރި އެ ގެސްޓްހައުސް މަރާމާތަށް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން ނިންމާފައި އޮތީ މި މަހުގެ ފަހުކޮޅު އެވެ.