Roadha Mihaaru
ޖާބިރަށް ގެސްޓް ހައުސް ދިނުމުން ބޮޑު އަރައިރުމެއް

ޖާބިރަށް ގެސްޓް ހައުސް ދިނުމުން ޓޫރިޒަމް މިނިސްޓްރީ އާއި މަތިވެރި ކައުންސިލްގެ އަރައިރުމެއް

30 ސެޕްޓެމްބަރ 2019

އއ. މަތިވެރީގައި ހުރި އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އަށް ޓޫރިޒަމް މިނިސްޓްރީން 50 އަހަރަށް ކުއްޔަށް ދިނުމުން އެ މިނިސްޓްރީ އާއި އެ ރަށު ކައުންސިލާ ދެމެދު ބޮޑު އަރައިރުމެއް ފެށިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އއ. މަތިވެރީގައި ހުރި އެންމެ ބޮޑު ގެސްޓް ހައުސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އަށް ޓޫރިޒަމް މިނިސްޓްރީން 50 އަހަރަށް ކުއްޔަށް ދިނުމުން އެ މިނިސްޓްރީ އާއި އެ ރަށު ކައުންސިލާ ދެމެދު ބޮޑު އަރައިރުމެއް ފެށިއްޖެ އެވެ.

"ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ކުރިން ހިންގި އެ ގެސްޓް ހައުސް، ރިޗް ކްލަބް މޯލްޑިވްސް އަށް ކުއްޔަށް ދިނުމުން މަތިވެރި ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެއީ އެ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ތަނެއް ކަމަށާއި ޓޫރިޒަމް މިނިސްޓްރީއަށް އެތަން ކުއްޔަށް ނުދެވޭނެ ކަމަށެވެ. އެކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަމަލު ކުރައްވާފައިވާ ގޮތް ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް މަތިވެރި ކައުންސިލުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފަ އެވެ.

ޖާބިރަށް، ގެސްޓް ހައުސް ކުއްޔަށް ދިން މައްސަލަ އަށް ހާއްސަ ކޮށްގެން މިނިސްޓަރު އަލީ ވަހީދު މިއަދު ބޭއްވެވި ނިއުސް ކޮންފަރެންސެއް ގައި ވިދާޅުވީ، އެއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި އެތަން މިހާތަނަށް ހުރީ "ހައިޖެކް ކޮށްފައި" ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގާނޫނީ ޓީމުން ނޫސްވެރިންނާ މިއަދު ހިއްސާކުރި ލިޔެކިއުންތަކުން އެނގޭ ގޮތުގައި، ގެސްޓް ހައުސް އިމާރާތް ކޮށްފައިވާ ސަރަހައްދަކީ މަތިވެރި ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހިމެނޭ ތަނެއް ނޫނެވެ. ކައުންސިލްގެ އިހްތިސާސް އެ ތަނަށް ނުހިނގަނީ އެއީ ޓޫރިޒަމް ތަރައްގީ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން 2017 ވަނަ އަހަރު ކަނޑައަޅުއްވާފައިވާ ދެ ބިމަކަށް ވާތީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މަތިވެރީ ކައުންސިލުން އެންމެ ފުރަތަމަ އެ ރަށުގެ 21،000 ފޫޓުގެ ބިމަކާއި 25،000 ފޫޓުގެ ބިމެއްގައި ގެސްޓް ހައުސްއެއް ހިންގުމަށް އަމިއްލަ މީހަކާ ދެމެދު އެއްބަސްވުމެއް ހަދައި ކުއްޔަށް ދިނީ 10 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ދެ ބިމުގައި ބޮޑު އިންވެސްޓްމަންޓަކާ އެކު "ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ތަނެއް ހުޅުވި އެވެ. ހަތަރު ތަރީގެ ގެސްޓް ހައުސް އަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ.

އޭރު އެ ބިން ދޫކޮށްފައި އޮތީ ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ހ. މާކޮށާރު އަބްދުއްރައްޒާގު އަލީ އަށެވެ.

ނަމަވެސް އަބްދުއްރައްޒާގާ އެކު އޮތް އެއްބަސްވުން މަތިވެރި ކައުންސިލުގެ ގަރާރަކުން އުވާލައި ބިން ހަވާލުކުރަން 2017 ވަނަ އަހަރު އެންގި އެވެ.

ރައްޒާގު، އެ މައްސަލަ މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެއީ ކައުންސިލްގެ އިހްތިސާސް ހިނގާ ދެ ބިން ނޫން ކަމަށެވެ. އަދި އެ މައްސަލަ މަތިވެރި ކައުންސިލުން ހައި ކޯޓަށް ހުށަހެޅުމަށް ފަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އަލީ ވަހީދު ވިދާޅުވީ ރިޗް ކްލަބް މޯލްޑިވްސްއާ އެކު އެއްބަސްވުން ހެދީ ހައި ކޯޓުން މައްސަލަ ނެގުމުން އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދަވައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބިމުގެ މައްސަލައިގައި މަތިވެރި ކައުންސިލުން އެކި ފަހަރު އެކި ގޮތަށް ކަންތައް ކުރި އިރު ވެސް ކައުންސިލްގެ ރައީސަކަށް ހުންނެވީ މިހާރުގެ ވެސް ރައީސް އިސްމާއީލް އާތިފް ކަމަށެވެ. އެ މައްސަލައިގައި އާތިފް އަމަލުކުރައްވާ ގޮތުން އޭނާގެ އަމިއްލަ މަސްލަހަތެއް އެކަމުގައި އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.