Roadha Mihaaru
"ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ބޯޑަރު ނުހުޅުވާނަން"

ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ބޯޑަރެއް ނުހުޅުވާނަން: އަލީ ވަހީދު

11 މެއި 2020

ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ރާއްޖޭގެ ބޯޑަރުތައް ނުހުޅުވާނެ ކަަމަށާއި ބޯޑަރު ހުޅުވާނީ، ސިއްހީ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ރާއްޖޭގެ ބޯޑަރުތައް ނުހުޅުވާނެ ކަަމަށާއި ބޯޑަރު ހުޅުވާނީ، ސިއްހީ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް ފަށޭ ކިޔާފައި ރާއްޖޭގެ ބޯޑަރު ހުޅުވާ ނުލާނެ ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކޮވިޑް-19 ބަލި ކޮންޓްރޯލު ކުރުމަށްފަހުގައި އެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވައިލަމުން އަންނަ އިރު ރާއްޖެ ވެސް ހުޅުވައިލާނީ ބަލި ކޮންޓްރޯލްވެ، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ވުމުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދުނިޔޭގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައި ނޫނީ އެފަދަ ނިންމުމެއް ނުނިންމާނަން. އަޅުގަނޑުމެން ފޯކާސްޓްގެ ވާހަކަ މި ދައްކަނީ ހުޅުވާނެ ދުވަހަށް ތައްޔާރުވުމަށްޓަކައި. މިއަދު އަޅުގަނޑުމެންގެ ފޯކަސް ހުރީ މި ސާޖަށް. އަޅުގަނޑު ޔަގީންކަން އަރުވަން ޑޮލަރު ފޮއްޗެއްގެ ބޭނުމެއްގައެއް އަޅުގަނޑުމެންގެ ބޯޑަރެއް ނުހުޅުވާނެކަމުގެ. ވިޔަފާރީގެ ބޭނުމެއްގައެއް ބޯޑަރެއް ނުހުޅުވާނަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތަށް ބަލާ އިރު މި ވަގުތަށް އޮތް އެންމެ ރަނގަޅު "ސިނޭރިއޯ" ގައި ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވެނީ އަންނަ ޖުލައި މަހު ކަމަށެވެ. މީގެ އިތުރުން ދެވަނަ އަށް ލަފާ ކުރާ "ސިނޭރިއޯ" ގައި ރާއްޖެ ޓޫރިޒަމަށް ހުޅުވައިލާނެ ކަމަށް ބެލެވެނީ، އޮކްޓޫބަރު މަހު އެވެ. މި ދެ ސިނޭރިއޯ އަށް ތައްޔާރުވުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ހާއްސަ ކަރުދާހެއް ޓޫރިޒަމް އިން ވަނީ ހުށަހަޅައިފަ އެވެ.

ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ވެސް ވަނީ ސިނޭރިއޯތަކެއް އެކުލަވާލައިފަ އެވެ. މީގެ ތެރެއިން "ސިނޭރިއޯ 3" ގައި ރާއްޖޭގެ ބޯޑަރު ޓޫރިޒަމަށް ހުޅުވާލަން ކަނޑައަޅާފައި ވެސް ވަނީ ޖުލައި މަހު ތެރޭގަ އެވެ. އެ މިނިސްޓްރީން ލަފާކުރާ ގޮތުގައި އެންމެ ގޯސް ހާލަތުގައި މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖެ އަށް ޓޫރިސްޓުން ނާންނާނެ އެވެ. އެންމެ ގޯސް ހާލަތު ބީޓް ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިހާރު ވެސް ޓޫރިސްޓުން އަންނަން ތިބީ ކެތްމަދުވެފައި

ޓޫރިސްޓުން މިހާރު ވެސް ރާއްޖެ އައުމަށް ތިބީ ކެތްމަދުވެފައި ކަމަށާއި، ބޯޑަރު ހުޅުވާލުމާ އެކު ޓޫރިސްޓުން އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މި ވަގުތު ވެސް މެދުއިރުމަތިންނާއި ޗައިނާ އިން ވެސް ޓޫރިސްޓުން އައުމުގެ ރިކުއެސްޓްތައް އެބަހުރި ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ، ޗުއްޓީގެ އިތުރުން ހަ މަސް ދުވަހަށް ކަރަންޓީނަށް ރާއްޖެ އަށް އަންނަން ބޭނުންވެގެން ވެސް ރިކުއެސްޓްތައް އެބަ ހުރި ކަމަށެވެ. މީގެ އިތުރުން ޓޫރިޒަމް ހުޅުވައިލާނެ ކަމަށް ބަލައި، ރާއްޖޭގެ ބައެއް ރިސޯޓުތައް ބަންދު ވެސް ނުކޮށް ހިދުމަތް ދެމުން އަންނަ ކަމަށެވެ.

"އަރަބި ގައުމުތަކުން ވެސް 2،000 ވުރެ ގިނައިން މީހުން އަންނަން ރިކުއެސްޓް އެބަހުރި. އަދި ކަރަންޓީނު ވާން ވެސް، މާނައަކީ ހަ މަސް ދުވަހު ކުއްޔަށް ހިފައިގެން އަންނަން ބޭނުންވެގެން ރިކުއެސްޓް އެބަ އާދޭ. އޭގެ އިތުރުން ޗާޓާ ފްލައިޓްތަކުގަ އާއި ޖެޓްތަކުގައި ވެސް އަންނަން ބޭނުން ވެގެން ރިކުއެސްޓްތައް އެބަ އާދޭ. ކުޑަވެސް ޝައްކެއް ނުކުރަން ބޯޑަރުތައް ހުޅުވާލުމުން ޓޫރިސްޓުން އައުމާ މެދު. އެހެން ނަމަވެސް ރީބައުންޑެއް ނަގަން އަހަރެއް ދޮޅު އަހަރެއް ނަގާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އިކޮނޮމިކް ކައުންސިލްގެ މަޝްވަރާއާ އެކު، ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ މިކަންކަން ހިއްސާ ކުރައްވާނެ ކަމަށެވެ. އެގޮތުން އަލުން ހުޅުވާލުމުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް ވެސް އެކުލަވައިލަން ވަނީ ނިންމައިފަ އެވެ. އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަރުދާހުގައި އެންމެ ފުރަތަމަ ހުޅުވައިލާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔައި ދެން ކޮން އެއާޕޯޓެއްތޯ ކަނޑައަޅައި، މިހާރު ރާއްޖޭގައި ހުރި އެއާޕޯޓްތަކުގެ ތެރެއިން ޕްރައިވެޓް ޖެޓް ޖެއްސޭނީ ކޮންކޮން އެއާޕޯޓްތަކެއްގައިކަން ތަފްސީލުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުނަށް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތްތަކާއި އެކަންކަން ކުރާނެ ގޮތްތައް ވެސް ވަނީ ހިމަނައިފަ އެވެ. މިނިސްޓަރު ވިދާޅުވީ، އުސޫލު ފައިނަލް ކުރުމަށްފަހު، ޓޫރިޒަމް ދާއިރާގެ މީހުންނަށް ފެސިލިޓީތައް ތައްޔާރު ކުރުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ޓޫރިސްޓުން އަލުން ގެންނަން ފަށާ އިރު މި ވަގުތަކީ ރާއްޖޭގެ ރިސޯޓުތަކާއި ހިދުމަތްދޭ އެހެނިހެން ފެސިލިޓީތައް ވެސް ހައްލު ކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެގޮތުން ސިއްހީ ގޮތުންނާއި ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޓޫރިޒަމްގެ ގައިޑްލައިނާ އެއްގޮތަށް އަލުން ފެށުމަށް އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.