Roadha Mihaaru
ކޮވިޑް-19އަށް ނެގެޓިވްވި ކުއްޖާއަށް ހިލޭ ޗުއްޓީއެއް

ވިލިވަރަށް ފުރަތަމަ ގެންދިޔަ ކުއްޖާ: ހިލޭ ޗުއްޓީއަކާ އެކު އެނބުރި ގައުމަށް

16 މާޗް 2020

މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ އެކު، އެ ބަލި ރާއްޖެ އަށް ވެސް އަންނާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އެވެ. އެކަމަކު ރާއްޖޭން އެ ބައްޔަށް އެންމެ ފުރަތަމަ ޝައްކު ކުރެވޭ މީހުންގެ ތެރޭގައި ތުއްތު މި ކުއްޖާ ހިމެނި، ދަރިފުޅު ކަރަންޓީނު ކުރާނެ ކަމަކަށް އޭނާގެ މައިންބަފައިން އުއްމީދެއް ނުކުރެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ އެކު، އެ ބަލި ރާއްޖެ އަށް ވެސް އަންނާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އެވެ. އެކަމަކު ރާއްޖޭން އެ ބައްޔަށް އެންމެ ފުރަތަމަ ޝައްކު ކުރެވޭ މީހުންގެ ތެރޭގައި ތުއްތު މި ކުއްޖާ ހިމެނި، ދަރިފުޅު ކަރަންޓީނު ކުރާނެ ކަމަކަށް އޭނާގެ މައިންބަފައިން އުއްމީދެއް ނުކުރެ އެވެ.

އިޓަލީގެ މި ދެމަފިރިން ވ. ތިނަދު އަށް ދިޔަ ޗުއްޓީ ކުރުކޮށްލަން ޖެހުނީ ތުއްތު ކުއްޖާ އެ ރޯގާއަށް ޝައްކުކޮށް، ކަރަންޓީނު ކުރަން ޖެހުމުންނެވެ. މިއީ މި ރޯގާއަށް ޝައްކު ކުރެވޭ މީހުން އެކަހެރިކޮށް ބައިތިއްބުމަށް ކ. ވިލިވަރުގައި ގާއިމު ކުރި ތަނުގައި ކަރަންޓީނު ކުރި ފުރަތަމަ ކުއްޖާ އެވެ. ޓެސްޓު ނެގެޓިވްވި ނަމަވެސް، މިއީ އެ މީހުން ސިފަ ކުރިގޮތުގައި "އުއްމީދުނުކޮށް ހުއްޓާ ކުރިމަތިވި ބަދުނަސީބު ހާދިސާ" އެކެވެ.

ކަރަންޓީނުގެ 14 މުއްދަތު ހަމަވުމުން މިއަދު އެ އާއިލާ އެނބުރި ގައުމަށް ފުރައިފި އެވެ. އެކަމަކު އެނބުރި ރާއްޖެ އައުމަށް އެދި ހިލޭ ދިން ޗުއްޓީއަކާ އެކު އެވެ.

"އަހަރުމެންގެ މި ފެއަރީޓެއިލްގެ އާ ސަފުހާއެއް ލިޔުމަށް 2021 އަދި ރާއްޖެ އަންނާނަން. ސަނީސައިޑްއޮފްލައިފްގައި ޗުއްޓީ ހޭދަކުރާނީ ފަންތަކުގެ ރާގާއި މޫދުގެ ލަވައާ އެކުގައި،" އާއިލާއަށް ހަދިޔާއަކަށް ދިން، ދޯންޏެއްގެ ރިޔަލުގައި ލިޔެފައި ވެ އެވެ.

އާއިލާއިން އަންނަ އަހަރު ރާއްޖެ އަންނަން ބޭނުންވުމުން، ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ދަތުރު ސްޕޮންސާކޮށްފަ އެވެ. މިއީ އެ އާއިލާއިން އުފުލި ތަކުލީފަށް ރާއްޖޭގެ ފަރާތުން ދިން ހަދިޔާ އެކެވެ.

އެއާޕޯޓުން އެ އާއިލާއާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައްދަލު ކުރެއްވި އެވެ. އަދި އިޓަލީ އަށް ރާއްޖޭގެ ފަރާތުން ހެޔޮދުއާ ކުރެއްވި އެވެ.

ނުރައްކާތެރި ރޯގާގެ ބިރު ބޮޑުވެ، އިޓަލީ ހިމެނޭ ގޮތަށް އެހެން ބައެއް ގައުމުތަކުން ވެސް ޓޫރިސްޓުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ. އެއާ އެކު ޓޫރިޒަމްގެ ވިިޔަފާރި ދަށްވެ، ރާއްޖޭގެ އިގްތިސާދަށް ވަނީ ލޮޅުން އަރައިފަ އެވެ. އެކަމަކު، ރާއްޖެ ދޫކޮށް ދިޔަ ޓޫރިސްޓުން ދައްކައިދިނީ އަދިވެސް އެ މީހުންގެ ހިތުގައި މި ގައުމަށް އޮތް ލޯތްބެވެ.

ކޮވިޑް-19 ރޯގާ އަށް ކުޑަކުއްޖާ ޝައްކު ކުރެވުމާ އެކު، ސަރުކާރުން ވަނީ ތިނަދުއަށް އަރައި ފޭބުން މަނާކޮށްފަ އެވެ. މިއީ މި ރޯގާއާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކަށް އަރައި ފޭބުން މަނާކުރި ފުރަތަމަ ފަހަރެވެ.

އޭގެ ކުރިން، ޅ. ކުރެއްދޫގެ ޓޫރިސްޓަކު ވައިރަހަށް ޕޮޒިޓިވުމުން، އެ ރިސޯޓް ބަންދު ކުރި އެވެ.

ކޮވިޑް-19 އަށް މި ވަގުތު ރާއްޖެ އިން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ. ދެން ހިމެނެނީ އެ ޓޫރިސްޓުންނާ ކޮންޓެކްޓްވި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.