Roadha Mihaaru
އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް

އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް

15 ސެޕްޓެމްބަރ 2021

އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް ކަނޑައަޅަން އެ ގައުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް ކަނޑައަޅަން އެ ގައުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖޭގެ އާ ސަފީރު ކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ މިހާރު އިންޑިއާ އިން އޮމާނަށް ކަނޑަޅާފައި ހުރި ސަފީރު މުނޫ މަހާވަރު އެވެ.

އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ތާރީހެއް އަދި ނުބުނެ އެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރާއްޖެ އަށް އާ ސަފީރަކު އިންޑިއާ ސަރުކާރުން އައްޔަން ކުރަން މިއަދު ނިންމާފައިވާ ކަމަށާއި އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ތާރީހަކާއި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އިންޑިއާގެ ސަފީރަކަށް މިހާރު ހުންނަވަނީ، މާޗު 5، 2019 ގައި އެ މަގާމާ ހަވާލުވެވަޑައިގެންނެވި ސަންޖޭ ސުދިރެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. އިންޑިއާއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި ޕްރޮޖެކްޓުތައް ވެސް ފަށަމުންނެވެ. އެގޮތުން، މި ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ދަށުން ފަށަން ވަނީ އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.