14 އޮކްޓޯބަރ 2024
ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވެ، އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވެ، އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އިންޑިއާގެ އާ ސަފީރަކަށް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު އަޒީމާ އެވެ. އޭނާ ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019-2023 އަށް އަދާކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިއަދު ހެނދުނު ފަށާއިރު، ޝަހީބުގެ ބަދަލުގައި އަޒީމާގެ ނަން ފާސްކުރުމަށްޓަކައި ރައީސް މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ވަނީ އެޖެންޑާގައި ހިމަނައިފަ އެވެ.
އިންޑިއާގައި ހުންނަވާ ސަފީރުކަމަށް ޝަހީބު އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނޮވެމްބަރު 2022 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ. އިންޑިއާގައި ހުންނަވާ ސަފީރުކަމަށް ޝަހީބު އައްޔަން ކުރެއްވިއިރު، އޭނާ ވަނީ ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމުގައި އެއް އަހަރު ފުރިހަމަ ކުރައްވައިފަ އެވެ.
ފޮރިން ސާވިސް ގާނޫނު ބުނާގޮތުން، ސަފީރުކަމުގެ މަގާމުގައި ބޭފުޅަކަށް ހުންނެވޭނީ ތިން އަހަރުގެ މުއްދަތަށެވެ. ސަފީރު ކަމުގައި ޝަހީބުގެ ތިން އަހަރުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.
ރައީސް މުއިއްޒު މި ފަހުން އިންޑިއާ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގައި ހުންނަވާ ސަފީރު ޝަހީބު އާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ޝަހީބު ވަނީ 1991 ވަނަ އަހަރުން ފެށިގެން ކެރިއާ ޑިޕްލޮމެޓެއްގެ ގޮތުގައި، އެކި މަގާމުތަކުގައި ހާރިޖިއްޔާގައި ހިދުމަތް ކުރައްވައިފަ އެވެ. ސަފީރުކަމުގެ އިތުރުން 2018 ވަނަ އަހަރު ޝަހީބު ވަނީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
އިންޑިއާގައި ހުންނަވާ ސަފީރު ބަދަލުކުރަނީ، އެ ގައުމާ އެކު އޮންނަ ޒަމާންވީ ގުޅުން ހީނަރުވެފައި އޮތުމަށް ފަހު، އެ ގުޅުން މި ފަހުން އަލުން އިޔާދަވެފައިވަނިކޮށެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ ހަފްތާގައި އިންޑިއާ އަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފަ އެވެ. މިއީ އެ މަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އެކި ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ހޯދައި ދިނުމަށް އިންޑިއާ އިން 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމަށް ވެސް އެ ދަތުރުފުޅުގެ ތެރެއިން އެއްބަސްވެފަ އެވެ.
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު
އިންޑިއާ، ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަކޮށްފި
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ