Roadha Mihaaru
ނަފުސާނީ ފަރުވާގެ 46 ސްކޮލަޝިޕަށް ކުރިމަތިލެވޭ

ނަފުސާނީ ފަރުވާގެ ދާއިރާއިން މާސްޓާސްގެ 46 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

14 ސެޕްޓެމްބަރ 2021

ރާއްޖޭގައި ނަފުސާނީ ފަރުވާގެ ކަންކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެ ދާއިރާ އިން މާސްޓާސް އަށް ކިޔެވުމަށް 46 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ނަފުސާނީ ފަރުވާގެ ކަންކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެ ދާއިރާ އިން މާސްޓާސް އަށް ކިޔެވުމަށް 46 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ މި ސްކޮލަޝިޕްތައް އިއުލާނު ކުރެއްވީ، ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނަފުސާނީ ފަރުވާގެ ދާއިރާ އިން ތަޖުރިބާކާރު މީހުން މަދުވުމަކީ މި ވަގުތު ރާއްޖެ އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި ސްކޮލަޝިޕްތަކުގެ ބޭނުމަކީ އެ މައްސަލަ އަށް ހައްލެއް ގެނައުމެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި ސްކޮލަޝިޕްތަކުގެ ދަށުން ނަފުސާނީ ފަރުވާއާ ގުޅޭ ހަ ދާއިރާއަކުން މާސްޓާސް ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އެއީ؛

1. މާސްޓާސް އިން އެޑިކްޝަން ސްޓަޑީޒް / އެޑިކްޝަން މެނޭޖްމަންޓް.

2. މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް ނާސިން / މެންޓަލް ހެލްތް ނާސިން).

3. މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީ.

4. މާސްޓާސް އިން ކައުންސެލިން / ސައިކޮތެރަޕީ.

5. މާސްޓާސް އިން ސައިކިއޭޓްރީ.

6. މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސް.

މި ކޯސްތަކަށް ކުރިމަތިލެވޭނީ ކޯހާ ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލު ކޮށްފައިވާ ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ވާ ގޮތުން، މާސްޓާސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާ ނަމަ އެވެ. އަދި އެ ދަރިވަރަކު ކޯސް ފުރިހަމަކުރަން އެދޭ ޔުނިވާސިޓީގެ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަވުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްގައި ބައިވެރިވާން އެދުމަކީ ވެސް ޝަރުތެކެވެ.

މި ސްކޮލަޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުން، ތައުލީމު ފުރިހަމަ ކުރުމަށް ފަހު، ދައުލަތުގެ ކޮންމެ ވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ހިދުމަތްކުރަން ޖެހޭނެ އެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހަކީ އަންނަ މަހު ހަތަރެކެވެ.

މި ދާއިރާ އިން ސްކޮލަޝިޕްތައް އިއުލާނު ކުރެއްވި ދުވަހު، ރައީސް ވިދާޅުވެފައި ވަނީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެ އަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަން ޖެހޭ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމަށާއި ނަފުސާނީ ފަރުވާއަކީ އޭގެ ތެރެއިން ވަރަށް ހާއްސަ އިސްކަމެއް ދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ.