Roadha Mihaaru

ހިންމަފުށީ ކައުންސިލްގެ ހަރަދުގައި ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ސްކޮލާޝިޕްތަކެއް

ކ. ހިންމަފުށީ ކައުންސިލް ހަރަދުގައި، ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ސްކޮލާޝިޕްތަކަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހިންމަފުށީ ކައުންސިލްގެ ހަރަދުގައި ސްކޮލަޝިޕްގެ ފުރުސަތު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 މެއި 2025

ކ. ހިންމަފުށީ ކައުންސިލް ހަރަދުގައި، ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ސްކޮލާޝިޕްތަކަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ ރަށު ކައުންސިލް ރައީސް ހަސަން ފާއިޒް "މިހާރު" އަށް މިއަދު ވިދާޅުވީ އެފަދަ ސްކޮލާޝިޕެއް ދިނުމަށް ކައުންސިލުން ނިންމީ ރަށުގެ ދަރިވަރުންގެ ތެރެއިން ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުން ކިޔެވުމަށް ބާރު އެޅުމަށް ކަމަށެވެ. އަދި ރަގަޅު ނަތީޖާ ހޯދުމަށް ހިތްވަރު ދިނުމާއި ރަށުގައި ތައުލީމީ ގޮތުން ކުރިއަރާފައިވާ ދަރިން ބިނާކުރުމުގެ މަގުސަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްކޮލާޝިޕަށް އެދޭ ދަރިވަރަކު ކިޔަވަން ބޭނުންވާ ދާއިރާއަކުން ޑިގްރީން ފެށިގެން ޕީއެޗްޑީ އަށް ކިޔެވޭނެ. ނުވަތަ ޑޮކްޓަރުކަން ކަހަލަ އެއްޗެއް ވެއްޖެ ނަމަ އޭގެން ކިޔެވޭ އެންމެ މައްޗަކަށް ކިޔެވޭނެ،" ފާއިޒު ވިދާޅުވި އެވެ.

ހިންމަފުށީ ސްކޫލު ދަރިވަރުންތަކެއް.---

ހިންމަފުށީ ސްކޫލު ދަރިވަރުންތަކެއް.---

ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތަށް ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން 15 ދުވަހެވެ. އެޕްލިކޭޝަން ހުށަހެޅޭނީ މިދިޔަ ހަތަރު އަހަރު ގްރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން މަތީ ވަނަތަށް ހާސިލް ކޮށްފައިވާ ދަރިވަރުންނަށެވެ. އަދި މި އަހަރުން ފެށިގެން ފެށިގެން ބެސްޓް އޯލް ރައުންޑަށް ހޮވޭ ދަރިވަރުން ސްކޫލުން އެ މަގާމަށް ހޮވުނުކަން އިއުލާނުކުރާތާ އެއް މަސް ދުވަސް ތެރޭ ސްކޮލާޝިޕަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ހިންމަފުށީ ކައުންސިލް އިދާރާ އިން ބުންޏެވެ.

ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު:

ހިންމަފުށި ސްކޫލުގައި 2021 އިން 2024 ގެ ނިޔަލަށް ތައުލީމު ހާސިލްކޮށް ގްރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 10 ހާސިލް ކޮށްފައިވާ ދަރިވަރުން ޖެހެނީ އެ ސްކޮލާޝިޕަށް އެދި ހުށަހަޅާށެވެ.

މި އަހަރުން ފެށިގެން އެ ސްކޫލުން ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން "ބެސްޓް އޯލް ރައުންޑް" ހާސިލްކުރާ ދަރިވަރަށާއި ގައުމީ ގަދަ 10 ގެ ވަނައެއް ހާސިލް ކުރާ ހިންމަފުށީގެ ކުދިންނަށް ސްކޮލާޝިޕް ދޭން ނިންމާފައިވާ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

- ސްކޮލާޝިޕްގެ ދަށުން ފައިސާ ދެނީ ކޯހުގެ ޓިއުޝަން ފީ، ރެޖިސްޓްރޭޝަން ފީ، އިދާރީ ފީ އަދި ކޯހާ ގުޅުން ހުރި ހުރިހާ ފީ ތަކެއް ވެސް ހިމަނައިގެން.

- ސްކޮލާޝިޕްގެ ދަށުން ސްޓައިޕެންޑްގެ ގޮތުގައި ރާއްޖޭގައި ތިބެގެން ކިޔަވާ ކޯސްތަކަށް 2،500ރ.

- ސްކޮލާޝިޕްގެ ދަށުން ސްޓައިޕެންޑްގެ ގޮތުގައި ރާއްޖޭން ބޭރުގައި ތިބެގެން ކިޔަވާ ކޯސްތަކަށް 5،000ރ.

ހިންހިންމަފުށީ ސްކޫލު ގްރޭޖުއޭޝަނެއްގައި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރަނީ--

ހިންހިންމަފުށީ ސްކޫލު ގްރޭޖުއޭޝަނެއްގައި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރަނީ--

ސްކޮލާޝިޕްގައި ކިޔަވަމުން އައި ކޯސް ދޫކޮށްލައިފި ނަމަ އެ ކޯހަށް ވާ ފައިސާ އެ ދަރިވަރަކު ކައުންސިލަށް ދައްކަން ޖެހެ އެވެ. ކިޔަވައިގެން އައިސް އެ ދަރިވަރު ރަށަށް ހިދުމަތް ކުރަން ވެސް އުސޫލުގައިވެ އެވެ. އެއީ:

- ކޯހުގެ މުއްދަތަކީ ހަތަރު އަހަރު ނުވަތަ ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ނަމަ ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންމަފުށީގެ އިދާރާއެއްގައި މަސައްކަތް ކުރަން ޖެހޭ.

- ކޯހުގެ މުއްދަތު ހަތަރު އަހަރަށް ވުރެ ދިގު ނަމަ ހަތް އަހަރު ދުވަހުގެ މުއްދަތަށް ހިންމަފުށީގެ އިދާރާއެއްގައި މަސައްކަތް ކުރަން ޖެހޭ.