Roadha Mihaaru
ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން މެޑްވެޑޭވް ހޯދައިފި

ޖޮކޮވިޗް ބަލިކޮށް މެޑްވެޑޭވް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

13 ސެޕްޓެމްބަރ 2021

ނިއު ޔޯކް (ސެޕްޓެމްބަރު 13) - ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވާކް ޖޮކޮވިޗް ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގެ ދެވަނަ ޑެނިއެލް މެޑްވެޑޭވް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނިއު ޔޯކް (ސެޕްޓެމްބަރު 13) - ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވާކް ޖޮކޮވިޗް ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގެ ދެވަނަ ޑެނިއެލް މެޑްވެޑޭވް ހޯދައިފި އެވެ.

މެޑްވެޑޭވް މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އޭނާ ސެޓުތައް ކާމިޔާބުކުރީ 6-4، 6-4، 6-4 އިންނެވެ.

މި ކާމިޔާބާ އެކު މެޑްވެޑޭވް ހިމެނިފައި ވަނީ ގްރޭންޑް ސްލޭމްގެ ފިރިހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ރަޝިއާގެ ތިންވަނަ ކުޅުންތެރިޔާ އަށެވެ. މެޑްވެޑޭވް، 25، ގްރޭންޑް ސްލޭމް ކާމިޔާބުކުރީ އޭނާ ކުޅުނު ތިންވަނަ ފައިނަލްގަ އެވެ. ޔޫއެސް އޯޕަން 2019 ގެ ފައިނަލުން މެޑްވެޑޭވް ބަލިވީ ރަފޭލް ނަޑާލް އަތުންނެވެ. އަދި މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލުން ޖޮކޮވިޗް އަތުން ބަލިވި އެވެ.

ޔޫއެސް އޯޕަން ފައިނަލަށް މެޑްވެޑޭވް އާއި ޖޮކޮވިޗް --- ފޮޓޯ: އޭއެފްޕީ

ޔޫއެސް އޯޕަން ފައިނަލަށް މެޑްވެޑޭވް އާއި ޖޮކޮވިޗް --- ފޮޓޯ: އޭއެފްޕީ

މުބާރާތުގެ ފައިނަލަށް ޖޮކޮވިޗް ނުކުތީ ތާރީހީ ރެކޯޑެއް ހާސިލުކުރުމުގެ ބޮޑު އުންމީދަކާ އެކު އެވެ. އޭނާ ނުކުތީ 52 އަހަރު ފަހުން އެއް އަހަރު ތެރޭ ގްރޭންޑް ސްލޭމްގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށެވެ. ސާބިއާ އަށް ނިސްބަތްވާ ޖޮކޮވިޗް ވަނީ މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ އިތުރުން، ފްރެންޗު އޯޕަން އަދި ވިމްބަލްޑަން ކާމިޔާބުކޮށްފަ އެވެ.

މީގެ ކުރިން އެއް އަހަރުގައި ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއް ކާމިޔާބުކުރި ކުޅުންތެރިޔަކީ 1969 އަހަރުގެ ހުރިހާ ގްރެންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި އޮސްޓްރޭލިއާގެ ރޮޑް ލާވާ އެވެ.