Roadha Mihaaru
ވަވްރިންކާ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

ޖޮކޮވިޗް ބަލިކޮށް ވަވްރިންކާ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

12 ސެޕްޓެމްބަރ 2016

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 12) - ދުނިޔޭގެ އެއް ވަނަ އަދި އެންމެ ފަހުގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗް ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތް ސްވިޒަލެންޑްގެ ސްޓެން ވަވްރިންކާ ކާމިޔާބުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 12) - ދުނިޔޭގެ އެއް ވަނަ އަދި އެންމެ ފަހުގެ ޗެމްޕިއަން ނޮވަކް ޖޮކޮވިޗް ބަލިކޮށް ޔޫއެސް އޯޕަން ޓެނިސް މުބާރާތް ސްވިޒަލެންޑްގެ ސްޓެން ވަވްރިންކާ ކާމިޔާބުކޮށްފި އެވެ.

މިއީ ދުނިޔޭގެ ތިން ވަނައިގައި އޮތް ވަވްރިންކާ ޔޫއެސް އޯޕަން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ކާމިޔާބު ކޮށްފަ އެވެ.

ޖޮކޮވިޗް ރަނގަޅު ފޯމެއްގައި ހުރެގެން ފެށި މި މެޗުން ވަވްރިންކާ ވަނީ ފަހަތުން އަރައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފަހު ސެޓުގައި ޖޮކޮވިޗަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 6-7 (1-7) 6-4 7-5 6-3 އިންނެވެ.

"މުބާރާތުގައި ކުރިއަށް ދިޔައީ މެޗަކަށް ފަހު މެޗަކަށް ވިސްނައިގެން. ކުޅުން ރަނގަޅުވަމުން އައުމުން ޔަގީންކަން އޮތް ފައިނަލުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިގެން ކާމިޔާބު ހޯދޭނެ ކަމުގެ. ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވުމަކީ އަބަދުވެސް ފަހުރެއް،" އުމުރުން 31 އަހަރުގެ ވަވްރިންކާ ބުންޏެވެ.

ވަވްރިންކާ އަކީ 1970 އަހަރަށް ފަހު ޔޫއެސް އޯޕަން ކާމިޔާބުކުރި އެންމެ ދުވަސްވީ ކުޅުންތެރިއާ އެވެ. އެ ފަހަރު ޔޫއެސް އޯޕަން ތަށި އުފުލާލި ކެން ރޮސްވޯލްފެ އުމުރަކީ 35 އަހަރެވެ.

މިއީ ޖޮކޮވިޗާއި ދެކޮޅަށް ކުޅުނު 24 މެޗުން ވަވްރިންކާ އަށް ހޯދުނު ފަސް ވަނަ މޮޅެވެ. ޖޮކޮވިޗް ބުނީ މިއީ ވަވްރިންކާ އަށް ހައްގު މޮޅެއް ކަމަށެވެ.

"މެޗުގެ މުހިއްމު ވަގުތުތަކުގައި ހިތްވަރު ދެއްކީ ވަވްރިންކާ. މި މެޗުގައި އޭނާ ފެނުނީ މުޅިން ތަފާތުކޮށް. އަަހަރެން ވަވްރިންކާ އަށް މަރުހަބާ ކިޔަން،" ޖޮކޮވިޗް މެޗަށް ފަހު ބުންޏެވެ.

އޭނާ ބުނީ ފަހު ސެޓުގައި އަނިޔާގެ މައްސަލަތައް ދިމާވި ކަމަށާއި އެހެން ނަމަވެސް ބަލިވުމުން އެ ޝަކުވާ ކުރަން ބޭނުން ނުވާ ކަމަށެވެ.