Roadha Mihaaru
ސަޕޯޓަރުންނާ އެކު އުފާކުރަން ޖޮކޮވިޗް ދެކޮޅު ހަދައިފި

ސަޕޯޓަރުންނާ އެކު އުފާފާޅުކުރަން ޖޮކޮވިޗް ދެކޮޅު ހަދައިފި

01 ސެޕްޓެމްބަރ 2021

ނިއު ޔޯކް (ސްޕްޓެމްބަރު 1) - ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ސަޕޯޓަރުންނާ އެކު އުފާ ފާޅުކުރަން ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ނޮވާކް ޖޮކޮވިޗް ދެކޮޅު ހަދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނިއު ޔޯކް (ސްޕްޓެމްބަރު 1) - ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ސަޕޯޓަރުންނާ އެކު އުފާ ފާޅުކުރަން ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ނޮވާކް ޖޮކޮވިޗް ދެކޮޅު ހަދައިފި އެވެ.

ޔޫއެސް އޯޕަން ސިންގަލްސް ފުރަތަމަ ރައުންޑްގައި މިއަދު ޖޮކޮވިޗް ވަނީ މުބާރާތުގެ ކޮލިފައިންގައި ވާދަކޮށް ރައުންޑް ބުރަށް ކޮލިފައިވި، ހޮލްގާ ރޫން ބަލިކޮށްފަ އެވެ. ޑެންމާކުގެ ޒުވާން ކުޅުންތެރިޔާ ރޫން، 18، ވަނީ ދެ ވަނަ ސެޓް ކާމިޔާބުކޮށްފަ އެވެ. ޖޮކޮވިޗް މެޗު ކާމިޔާބު ކުރީ، 6-1, 5-7, 6-2, 6-1 އިންނެވެ.

މެޗުން މޮޅުވިޔަސް ސަޕޯޓަރުންނާ އެކު އުފާފާޅު ކުރަން ޖޮކޮވިޗް ދެކޮޅު ހެދީ މެޗު ކުޅެމުން ދިޔައިރު ސަޕޯޓަރުން އޭނާ އަށް މަލާމާތް ކުރި ކަމަށް ބުނެ އެވެ. މެޗު ކުޅެމުން ދިޔަ ވަގުތު ސަޕޯޓަރުން ގޮވަމުން ދިޔައީ ރޫންގެ ނަމުންނެވެ.

މެޗު ނިންމާފައި އާންމުކޮށް ހަތަރު ފަރާތުގައި ތިބޭ ސަޕޯޓަރުންނަށް އިހްތިރާމް އަދާކުރާ ޖޮކޮވިޗްގެ ކިބައިން މިއަދުގެ މެޗަށް ފަހު އެކަމެއް ނުފެނުނެވެ. ފަހުން އޭނާ ބުނީ އޭނާ ހީކުރީ ސަޕޯޓަރުން އޭނާ އަށް މަލާމާތް ކުރުމުގެ ގޮތުން އެއްޗިހި ގޮވަމުން ދިޔަ ކަމަށެވެ.

"ހަމަ ހަގީގަތުގައި ވެސް އަހަންނަކަށް ނޭނގެ އެމީހުން ސަޕޯޓަރުން] ގޮވަމުން ދިޔައީ ކޯޗެއް ކަމެއް. އަހަރެން ހީކުރީ އަހަންނަށް މަލާމާތް ކުރަނީ ކަމަށް،" ޖޮކޮވިޗް ބުންޏެވެ.

"އަހަންނަކަށް ނޭނގެ. އެ މާހައުލަކީ އަހަންނަށް އެންމެ ކަމުދިޔަ މާހަުލެއް ނޫން. އެކަމަކު މިކަހަލަ މާހައުލަކީ މީގެ ކުރިން ވެސް އަހަރެން ތަޖުރިބާ ކޮށްފައިވާ މާހައުލެއް ކަމަށް ވުމުން އެކަމާ ކުރިމަތިލާނެ ގޮތް އަހަންނަށް އެނގޭ. އަހަރެމެންގެ މި ކުޅިވަރުގައި އެންމެ ބޮޑު ސްޓޭޑިއަމްއަކީ އެއީ. އަބަދުވެސް އުންމީދު ކުރާނެ މޮޅުވީމަ މެޗު ބަލަން ވަން ސަޕޯޓަރުން އަހަރެމެންނާ އެކު ތިބޭނެ ކަމަށް. އެކަމަކު އެއީ ކޮންމެ ފަހަރަކު ވާނެ ގޮތެއް ވެސް ނޫން. އެއީ އަހަރެން ބުނަން އޮތް އެއްޗަކީ."

ޖޮކޮވިޗް ވަނީ އޭނާއާ ދެކޮޅަށް ނުކުތް ރޫން ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ.