Roadha Mihaaru
ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް ވަކިކޮށްފި

ލައިން ޖަޖެއްގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް ގެޔަށް ފޮނުވާލައިފި

07 ސެޕްޓެމްބަރ 2020

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 7) - ޔޫއެސް އޯޕަންގެ ހަތަރު ވަނަ ބުރުގައި ރޭ މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ޖަޖެއްގައި ބޯޅައިން ޖެހިކަމަށް ނިންމައި އޭނާ މުބާރާތުން ވަކިކޮށްފި އެވެ.

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 7) - ޔޫއެސް އޯޕަންގެ ހަތަރު ވަނަ ބުރުގައި ރޭ މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ގަސްދު ލައިން ޖަޖެއްގައި ބޯޅައިން ޖެހިކަމަށް ނިންމައި އޭނާ މުބާރާތުން ވަކިކޮށްފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓުގައި ސްޕެއިނުގެ ޕަބްލޯ ކަރޭނޯއާ ދެކޮޅަށް 5-6 އިން ފަހަތުގައި އޮއްވައި ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ޖޮކޮވިޗް ޖީބުން ބޯޅަ ނެގުމަށް ފަހު އޭނާ ބޭރަށް ފޮނުވާލި ބޯޅަ އަމާޒުވީ އަންހެން ލައިން ޖަޖެއްގެ ކަރަށެވެ. ގިނައިރުތަކެއް ވަންދެން އަމްޕަޔަރުން (ރެފްރީން) މައްސަލައިގައި މަޝްވަރާ ކުރުމަށް ފަހު ނިންމީ އުމުރުން 33 އަހަރުގެ ޖޮކޮވިޗް މުބާރާތުން ޑިސްކޮލިފައި ކުރުމަށެވެ.

އެމެރިކާގެ ޓެނިސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭންޑް ސްލޭމްގެ ގަވާއިދުގައިވާ ގޮތުން ގަސްދުގައި އެހެން މީހެއްގެ ގައިގައި ބޯޅައިން ޖެހުމަކީ ވަރަށް ގިނަ ގޮތްގޮތުން ބެލިޔަސް ގޯސްކަމެއް ކަމަށާއި އެހެންވެ އެކު ގަވާއިދުގައިވާ އެންމެ ހަރުކަށި އަދަބު އޭނާ އަށް ދޭން ނިންމީ ކަމަށެވެ.

"ޑިސްކޮލިފައިކުރުމާ އެކު ޖޮކޮވިޗް ޔޫއެސް އޯޕަން މުބާރާތުގައި ހޯދާފައިވާ ހުރިހާ ރޭންކިން ޕޮއިންޓާއި މި މުބާރާތުގައި ހޯދާފައިވާ ފައިސާގެ އިނާމް ގެއްލޭނެ،" އެމެރިކާ ޓެނިސް އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.

ޖޮކޮވިޗް (ކ) ލައިން ޖަޖުގެ ކިބައިން މާފަށް އެދެނީ.-- ފޮޓޯ: އޭއެފްޕީ

ޖޮކޮވިޗް (ކ) ލައިން ޖަޖުގެ ކިބައިން މާފަށް އެދެނީ.-- ފޮޓޯ: އޭއެފްޕީ

ސާބިއާ އަށް އުފަން ޖޮކޮވިޗަކީ މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔާ އެވެ. ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ކުޅޭ ޓެނިހުގެ ފުރަތަމަ ބޮޑު މުބާރާތް ކުރިއަށްދަނީ ސަޕޯޓަރުން ނުވައްދަ އެވެ. ޖޮކޮވިޗް މުބާރާތުން ވަކިވުމާ އެކު މި އަހަރު ވެގެންދާނީ 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި މުބާރާތުގައި މުޅިން އާ ފިރިހެން ޗެމްޕިއަނެއް ފެންނަ ފަހަރަށެވެ.

ސަސްޕެންޑްކުރުމާ ގުޅިގެން ޖޮކޮވިޗް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ބަޔާނެއް ނެރެފަ އެވެ. ޖޮކޮވިޗް ބުނީ އެއީ އޭނާ ގަސްދުގައި ލައިން ޖަޖުގައި ޖަހަން ފޮނުވާލި ބޯޅައެއް ނޫން ކަމަށާއި އެކަން ހިނގާދިޔަ ގޮތުން އޭނާ އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.

"ލައިން ޖަޖަށް އެކަން ކުރިމަތިވީތީ އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން. ހަގީގަތަކީ މިއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން. މުބާރާތުން ސަސްޕެންޑްކުރުމުން އަހަންނަށް މި ލިބުނީ ފިލާވަޅެއްގެ ގޮތުގައި ދެކެން. އަހަންނަށް މި އުނދަގޫވަގުތުގައި ވެސް ހިތްވަރުދެމުން އަންނަ އާއިލާ މީހުންނާއި އެކުވެރިން އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ޝުކުރިއްޔާ. އަދި އެންމެންގެ ކިބައިން މާފަށް އެދެން،" ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗްގެ މި މައްސަލަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން އަންނަނީ ބަލަމުންނެވެ.

މިއީ މިދިޔަ ތިން އަހަރު ތެރޭ މަޝްހޫރު ޓެނިސް ކުޅުންތެރިއަކު ޔޫއެސް އޯޕަން މުބާރާތުގައި ބޮޑު މައްސަލައެއްގެ ތެރޭގައި ތާށިވި ދެ ވަނަ ފަހަރެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ އަންހެން ފައިނަލުގައި މަޝްހޫރު ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އާއި އެ މެޗުގެ އަމްޕަޔަރާ ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. އެ މެޗުގައި ސެރީނާގެ ކޯޗު އޭނާ އަށް ގަވާއިދާ ހިލާފަށް މެޗުގެ ތެރެއިން ކިޔައިދޭ މަންޒަރު ފެނުމުން އަމްޕަޔަރު ވަނީ އޭނާ އަށް އިންޒާރުދީ ފިޔަވަޅު އަޅައިފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ސެރީނާ ވަނީ ރެކެޓް ބިންމައްޗަށް އެއްލާލައިފަ އެވެ. މި މައްސަަލަ ބެލުމަށް ފަހު އެމެރިކާގެ ޓެނިސް އެސޯސިއޭޝަނުން ވަނީ ސެރީނާ ޖޫރިމަނާކޮށްފަ އެވެ.