Roadha Mihaaru
ވެކްސިން ނުޖަހައި އެމެރިކާގައިވެސް ޖޮކޮވިޗަށް ނުކުޅެވޭނެ

ވެކްސިން ނުޖަހައި އެމެރިކާގައި ވެސް ޖޮކޮވިޗަށް ނުކުޅެވޭނެ

22 ޖުލައި 2022

ނިއުޔޯކް ސިޓީ، އެމެރިކާ (ޖުލައި 22) - ކޮވިޑް-19 އިން ރައްކާތެރިވާން ޖަހާ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް، ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗަށް، މިއަހަރުގެ ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ވާދަ ނުކުރެވޭނެ ކަން މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިއުޔޯކް ސިޓީ، އެމެރިކާ (ޖުލައި 22) - ކޮވިޑް-19 އިން ރައްކާތެރިވާން ޖަހާ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކޮށް، ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗަށް، މިއަހަރުގެ ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ވާދަ ނުކުރެވޭނެ ކަން މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.

ޔޫއެސް އޯޕަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުޅުންތެރިންނަށް ވެކްސިން ދިނުމުގެ އަމިއްލަ މެންޑޭޓެއް ނެތަސް، އެމެރިކާ އަށް ދަތުރުކުރާ ބޭރުގެ ފަރާތްތަކުން އެގައުމަށް އެތެރެވުމުގައި ވެކްސިން ޖަހަން ސަރުކާރުން މަޖުބޫރު ކޮށްފައި އޮތް އޮތުމަށް އިހުތިރާމް ކުރާ ކަމަށެވެ.

މިއާ އެކު، ވެކްސިން ޖަހަން ދެކޮޅު ހަދާފައިވާ ޖޮކޮވިޗަށް، މުބާރާތުގައި ވާދަކުރަން އެމެރިކާ އަކަށް އެރުމުގެ ފުރުސަތެއް ނެތެވެ. ކޮވިޑް-19 އަށް ވެކްސިން ނުޖަހައި ހުރުމަށްޓަކައި މުބާރާތްތައް ގުރުބާން ކުރަން ޖެހުނަސް ފަރުވާލެއް ނެތް ކަމަށް ޖޮކޮވިޗް ވަނީ މީގެ ކުރިން ބުނެފަ އެވެ.

ވެކްސިން ނުޖަހާތީވެ، ޖޮކޮވިޗަށް ވަނީ އަހަރުގެ ފުރަތަމަ ގްރޭންޑް ސްޕޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން މުބާރާތް ވެސް ގެއްލިފަ އެވެ. އޭގެ ފަހުން ފްރެންޗް އޯޕަންގައި ވާދަކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. އަދި އޭނާ ވަނީ މި މަހު އިންގްލެންޑުގައި އޮތް ވިމްބަލްޑަން ކާމިޔާބު ކޮށްފަ އެވެ.

އެ މުބާރާތުގެ ކާމިޔާބާ އެކު ޖޮކޮވިޗް ވަނީ 21 ގްރޭންޑް ސްލޭމް މުބާރާތް ހަމަކޮށްފަ އެވެ. އޭނާއަށް ވުރެ ގިނައި ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައި ވަނީ، މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން އާއެކު 22 ތަށި ހަމަކުރި ސްޕެއިންގެ ރަފައެލް ނަޑާލް އެވެ.

ޔޫއެސް އޯޕަން މުބާރަތް އޮންނާނީ އޮގަސްޓު 29 އިން ސެޕްޓެމްބަރު 11 ގެ ނިޔަލަށެވެ. ޖޮކޮވިޗަށް މުބާރާތުގައި ވާދަ ނުކުރެވޭ އިރު، ދުނިޔޭގެ އެއްވަނައިގައި މިވަގުތު އޮތް ރަޝިއާގެ ޑެނީލް މެޑްވެޑޭވް މި މުބާރާތުގައި ފެންނާނެ އެވެ. މެޑްވެޑޭވް އަކީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި ޖޮކޮވިޗް ބަލިކޮށް، މުބާރާތް ކާމިޔާބު ކުރި ކުޅުންތެރިޔާ އެވެ. އެއީ މެޑްވެޑޭވް ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެވެ.

ރަޝިއާ އަދި ބެލަރޫސްގެ އެތުލީޓުންނަށް މިދިޔަ ހަފްތާ ނިމުނު ވިމްބެލްޑަން އޯޕަން ގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމުން މެޑްވެޑޭވް އެ މުބާރާތުގައި ނުކުޅެ އެވެ. ނަމަވެސް، އެމެރިކާގައި އެ އެތުލީޓުންނަށް، އެމީހުންގެ ގައުމު ނިސްބަތް ނުވާ ގޮތަށް ވާދަކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.