Roadha Mihaaru
އެޓަމިކް ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ އީރާނަށް

އެޓަމިކް ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ އީރާނަށް

12 ސެޕްޓެމްބަރ 2021

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އދ.ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ)ގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީ މިއަދު ތެހެރާނަށް ވަޑައިގެންފި އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އދ.ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ)ގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް ގްރޮސީ މިއަދު ތެހެރާނަށް ވަޑައިގެންފި އެވެ.

ރަފައެލްގެ މިދަތުރުގައި އީރާންގެ ނިއުކްލިއާ ހަކަތައާ ބެހޭ އިދާރާގެ ވެރިޔާ މުހައްމަދު އިސްލާމީއާ ބައްދަލުކުރައްވައި، ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ. ރަފައެލްގެ މި ދަތުރަކީ، ނިއުކްލިއާ މަޝްރޫއުގެ މަޝްވަރާތައް އަލުން ފެށުމާ ބެހޭ ގޮތުން އީރާންގެ ބަހެއް ހޯދުމަށް ކުރައްވާ ދަތުރެކެވެ. އީރާންގެ މަސްއޫލުވެރިންނާ އެކު ކުރައްވާ މަޝްވަރާތަކުގެ ތަފްސީލްތައް، ރަފައެލް ހުށަހަޅުއްވާނީ، މިއަންނަ ހަފުތާގައި އޮންނަ އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑުގެ ބައްދަލުވުމަށެވެ.

އައިއޭއީއޭގެ ފަރާތުން މިދިޔަ ހަފުތާގައި މެމްބަރު ގައުމުތަކަށް އަންގާފައިވަނީ، އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ މުހިންމު ދެ ކަމެއް އަދިވެސް އީރާނުން ސާފުކޮށްނުދޭ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، އީރާންގެ ނިއުކްލިއާ ރިއެކްޓަރު ހުރި ސަރަހައްދުގެ ބޭރުން ޔޫރޭނިއަމްގެ އަސަރު ފެނުނު ގޮތުގެ ހަގީގަތެވެ. ދެ ވަނަ ކަމަކީ، ރިއެކްޓަރުގެ ހަރަކާތްތައް ބެލުމަށް ހަރުކޮށްފައިވާ އާލާތްތައް ބޭނުންކުރެވޭނެ ގޮތް، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ހަމަޖައްސައިދިނުމެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައިގައި އެމެރިކާ މިހާރު ކަންބޮޑުވަނީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އީރާނާ އެކުގައި ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމުގެ މަޝްވަރާތައް އީރާނުން ނުފަށާތީ އެވެ. ނިއުކްލިއާ މުއާހަދާގައި ސޮއިކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާ އިން އެމެރިކާ ވަކިވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދުވަސްވަރު 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަމަވެސް ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވުމަށް އެމެރިކާ އިން ނިންމި އެވެ. އެކަމާ ގުޅޭ ގޮތުން އީރާނާ އެކުގައި މަޝްވަރާތައް ބާއްވަމުން އައީ އޮސްޓްރިއާގެ ވިއެނާގަ އެވެ.

އީރާނުން، ޖޫން 20 ވަނަ ދުވަހު ނިއުކްލިއާ މަޝްވަރާތައް މެދުކަނޑައިލީ، އޮގަސްޓް 3 ވަނަ ދުވަހު އީރާންގެ ރިއާސީ ދައުރު ހަމަވާތީ، އާ ސަރުކާރު އެކުލަވައިލުމަށް ފަހުގައި އަލުން މަޝްވަރާތައް ފަށަން ކަމަށް ބުނެ އެވެ.

އެމެރިކާ އިން ބުނާ ގޮތުގައި، އީރާނުން އަލުން މަޝްވަރާތައް ފަށާނެ ދުވަހަކަށް އިންތިޒާރު ކޮށްގެނެއް ދެން ނޯވެވޭނެ އެވެ. އީރާނުން ބުނާ ގޮތުގައި ނިއުކްލިއާ މަޝްވަރާތައް އަލުން ފެށޭނީ، އެމެރިކާ އަމިއްލަ އަށް ނިއުކްލިއާ މުއާހަދާ އިން ވަކިވެ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުންނެވެ.