Roadha Mihaaru
"ޕެރޭޒަށް ޔޫއެފާ އިން ފާޑުކިޔުން ގަބޫލެއް ނުކުުރެވޭނެ"

ޕެރޭޒަށް ޔޫއެފާ އިން ފާޑުކިޔުން ގަބޫލެއް ނުކުުރެވޭނެ: އަންޗެލޮޓީ

12 ސެޕްޓެމްބަރ 2021

މެޑްރިޑް (ސެޕްޓެމްބަރު 12) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ އަށް އަމާޒުކޮށް ޔޫއެފާގެ ރައީސް އެލްގެޒެންޑާ ކެފެރިން ފާޑުކިޔުން ބަލައި ނުގަނެވޭނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ސެޕްޓެމްބަރު 12) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ އަށް އަމާޒުކޮށް ޔޫއެފާގެ ރައީސް އެލްގެޒެންޑާ ކެފެރިން ފާޑުކިޔުން ބަލައި ނުގަނެވޭނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

މިދިޔަ އޭޕްރީލް މަހު ޕެރޭޒްގެ ޗެއާމަންޝިޕުގެ ދަށުން އިއުލާން ކުރި ޔޫއެފާ ސުޕަ ލީގާ ގުޅިގެން ޕެރޭޒް އަށް ކެފެރިން ދަނީ އެކި ގޮތްގޮތުން ފާޑު ކިޔަމުންނެވެ. ޕެރޭޒްގެ ދިފާއުގައި އަންޗެލޮޓީ ނުކުމެ އޭނާ ބުނީ 13 ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދާފައިވާ ކްލަބެއްގެ ރައީސްއާ ދެކޮޅަށް ޔޫއެފާގެ ރައީސް ފާޑު ކިޔުމަކީ ބަލައިގަންނަށް އުނދަގޫ ކަމެއް ކަމަށެވެ.

"ޔޫއެފާ ކަހަލަ މުހިންމު އޮގަނައިޒޭޝަނަކުން ޗެމްޕިއަންސް ލީގު 13 ފަހަރު ހޯދާފައިވާ ކްލަބެއްގެ ރައީސްއާ ދެކޮޅަށް ފާޑު ކިޔުމަކީ ބަލައިގަންނަށް އުނދަގޫ ކަމެއް،" ސެލްޓަ ވީގޯއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުންޏެވެ.

"ޗެމްޕިއަންސް ލީގު 13 ފަހަރު ހޯދާފައިވާ ކްލަބެއްގެ ރައީސްއަކީ ކާމިޔާބު ނޫން މީހެއް ކަމަށް ބުނާ ކަމަށް ވާނަމަ ދެން އެހެން ރައީސުންގެ ފެންވަރު ހުންނާނީ ކިހިނެތް."

މިރޭ ސެލްޓައާ ދެކޮޅަށް ރެއާލް ކުޅޭ މެޗަކީ ހާއްސަ މެޗެކެވެ. މިރޭގެ މެޗަކީ ދޮޅު އަހަރު ފަހުން ސެންޓިއާގޯ ބެރްނެބުއޭގައި ކުޅޭ ފުރަތަމަ މެޗެވެ. ކޮވިޑް1-9 ގެ ބިރުވެރިކަން މިދިޔަ އަހަރު ކުރިމަތިވެ ސީޒަން ތިން މަސް ދުވަހަށް މެދުކަނޑާލުމުން ރެއާލް އިން ފެށީ ސްޓޭޑިއަމް އިމާރާތް ކުރުމުގެ މަސައްކަތެވެ. ސްޓޭޑިއަމް މަސައްކަތްތެރިންނަށް މިރޭގެ މެޗު ބަލަން ބެރްނެބުއޭ އަށް ހިލޭ ވަނުމުގެ ފުރުސަތު ރެއާލް އިން ވަނީ ދީފަ އެވެ.

މެޗަށް ނުކުންނައިރު އިންޓަނޭޝަނަލް ޕީރިއަޑްގައި ގައުމީ ޓީމުތަކުގައި ހިމެނުނު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. ގެރެތު ބޭލް އާއި ޑޭވިޑް އަލަބާ އަދި ލުކަ ޔޯވިޗް އަށް ވަނީ އަނިޔާގެ ކުދިކުދި މައްސަލަތައް ކުރިމަތި ވެފަ އެވެ. ރެއާލް އަށް އަލަށް ބަދަލުވި އެޑްއާޑޯ ކަމަވިންގާ މިރޭގެ މެޗުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ. އަންޗެލޮޓީ ބުނީ ކަމަވިންގާ ހުރީ ރަނގަޅު ފޯމުގައި ކަމަށެވެ.

މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.