Roadha Mihaaru
ޔާމީންގެ ދިފާއުގައި އަލީ ވަހީދު ނުކުމެވަޑައިގެންފި

ޔާމީންގެ ދިފާއުގައި އަލީ ވަހީދު ނުކުމެވަޑައިގެންފި

12 ސެޕްޓެމްބަރ 2021

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި، ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނުކުމެވަޑައިގެންފި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި، ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނުކުމެވަޑައިގެންފި އެވެ.

އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ކުށްތަކެއްގައި އެ ގައުމުގައި ހައްޔަރު ކޮށްފައިވާ އަލީ ވަހީދު ދެންމެ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅުވައި، ޔާމީންގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށެވެ.

"އެ މަނިކުފާނުގެ ވެރިކަމުގައި ރާއްޖެ އިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެ މަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މި ދެންނެވި ސަބަބާ ހެދި. ރައީސް ޔާމީން މިނިވަން ކުރަންޖެހޭ،" އަލީގެ ޓުވީޓުގައި ވެ އެވެ.

އޭނާގެ އެހެން ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ފެށެނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ހިސާބުން ކަމަށާއި "ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ" ކަމަށެވެ.

"ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަހުގީގު ޓީމަށް ރައްދު ކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މި އަޑު ކަނޑުވާނުލެވޭނެ،" އަލީ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނާއި ލެޕްޓޮޕްގައި ހިމެނޭ މެސެޖުތަކާއި ޑޮކިއުމަންޓްތައް އިނގިރޭސި ވިލާތުގެ އިދާރާއެއް މެދުވެރިކޮށް ހޯދުމުގައި އިސްކޮށް ހުންނެވީ އަލީ ކަމަށް ކުރިން ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ޕީޖީ ޝަމީމްގެ އިސްތަށިފުޅުގައި އަލީ އެޅުވި ނަމަވެސް ޝަމީމް ވަނީ އެކި ފަހަރު މަތިން އެކަން ދޮގުކުރައްވައިފަ އެވެ.

ޔާމީންގެ ދިފާއުގައި އަލީ މި ނުކުންނެވީ، ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދަނިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް، ރާއްޖެ ވަޑައިނުގެން އެ ގައުމުގައި ހުންނަވަނިކޮށް، މިދިޔަ މަހުގެ 25 ގައި އަލީ ހައްޔަރުކުރި ފަހުން އޭނާ ވަނީ ދައުލަތާ ދެކޮޅަށް ޓުވީޓު ކުރައްވަން ފައްޓަވައިފަ އެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަަމަށެވެ. އަދި ވިދާޅުވީ، އިންސާފުވެރި، އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވެވަޑައިގަންނަވަން ޖެހުނު "ކޮންމެ ގުރުބާނީއެއް ވާނަން" ކަމަށެވެ.

"އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" ދިވެހި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާއެކު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި އަލީ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ކަމާގުޅޭ އިދާރާގެ ބަންދުން އަލީ މިނިވަންވި ކަމެއް އަދި ސާފެއް ނުވެ އެވެ.