Roadha Mihaaru
ޔާމީން މުޅިންހެން ދެއްކެވީ އަދީބުގެ ވާހަކަ: އިމްރާން

އަދީބު ކުރެއްވި ކަންތަކުގެ ޒިންމާ ޔާމީން އެޅުއްވީ އަޅުގަނޑުގެ ބޮލުގައި: އިމްރާން

28 ފެބުރުއަރީ 2020

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރައްވާފައިވާ ހުރިހާ ގޯސް ކަންތައްތަކުގެ ޒިންމާ ކުރީގެ ރައީސް ޔާމީން އެޅުއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބޮލުގައި ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރައްވާފައިވާ ހުރިހާ ގޯސް ކަންތައްތަކުގެ ޒިންމާ ކުރީގެ ރައީސް ޔާމީން އެޅުއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ބޮލުގައި ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނުގެ އަރިހަށް އިމްރާން ދާދިފަހުން ޒިޔާރަތް ކުރެއްވި އެވެ. ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން މިއަދު ވިދާޅުވީ ޔާމީނާ ބައްދަލުކުރައްވަން ޖަލަށް ވަޑައިގެންނެވި ދުވަހު ގާތްގަނޑަަކަށް ބައި ގަޑިއިރު އެމަނިކުފާނު ދެއްކެވި ވާހަކަތައް އަޑު އައްސަވާފައި ވާނެ ކަަމަށެވެ. ޔާމީނު ގާތްގަނޑަށް ބައިގަޑި އިރު ވާހަކަފުޅު ދެއްކެވި އިރު، އެންމެ ގިނައިން ދެއްކެވީ އަދީބު ކުރަައްްވާފައިވާ ގޯސް ކަންތައްތަކުގެ ވާހަކަ ކަމަށާއި އެ ކަންތައްތަކުގެ "އެންމެ ބޮޑު ބްލޭމެއް ކުރެއްވީ" އިމްރާނަށް ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީން އެހެން ވިދާޅުވިޔަސް، އެ ޒިންމާ އުފުލައްްވަން ޖެހިވަޑައިގަންނަވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އޭނާ ވިދާޅުވީ ޖަލަށް ޒިޔާރަތް ކުރެއްވި ދުވަހު ޔާމީން ދެއްކެވީ އަދީބުގެ ވާހަކަކަމަށް. ފައިލް ފޮޓޯ/މިހާރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އޭނާ ވިދާޅުވީ ޖަލަށް ޒިޔާރަތް ކުރެއްވި ދުވަހު ޔާމީން ދެއްކެވީ އަދީބުގެ ވާހަކަކަމަށް. ފައިލް ފޮޓޯ/މިހާރު

"އަޅުގަނޑު ހަމަ އަޑު އަހައިލަން ހުރިން ބައިގަޑިއެއްހާ އިރު، ހިތުގެ ހުރިހާ އުދާސްތަކާއި ޝަކުވާތައް ހަމަ އަޑު އަހައިލަން، އޭގެ ތެރޭގައި ހަމަ ވަރަށް މުހިއްމު އެއް ބައެއް [އެއީ] އަދީބުގެ ވާހަކަ، ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ދެއްކެވި، އަދީބު ކޮށްފައި ހުރި ގޯސްކަންތަކުގެ ވާހަކަ،" އިމްރާން ވިދާވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އަދީބާ ބެހޭ ގޮތުން ޔާމީނު ދެއްކެވި ވާހަކަފުޅު ނިންމަވައިލެއްވީމާ، ޔާމީނުގެ ވެރިކަމުގައި އަދީބާ ބެހޭ ގޮތުން އިމްރާން ހުށަހެޅުއްވި ޝަކުވާތައް އިމްރާން ހަނދުމަފުޅުކޮށް ދެއްވި އެވެ. މި ހިސާބަށް ކަންތައްތައް ދިޔައީ އޭރު ޔާމީން ފިޔަވަޅު ނޭޅުއްވީމާ ނޫންތޯ އެމަނިކުފާނާ ސުވާލު ވެސް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނިންމައިލެއްވީމާ އަޅުގަނޑު ދެންނެވިން ރައީސް ޔާމީނޭ، ރައީސް ޔާމީންގެ ރައީސް ކަމުގައި، ރައީސް އޮފީހުގައި އިންނަވަނިކޮށް އަޅުގަނޑު ރައީސް ޔާމީނާ ބައްދަލުކޮށްފައި ނުދަންނަވަންތޯއޭ އަދީބު ތިޔަ ކަހަލަ ގޯސްކޮށް ކަންކަން ކުރައްވާ ވާހަކަ. އެ ދުވަހު އެ ފިޔަވަޅު ނޭޅުއްވީމާ ނޫންތޯ މި ހިސާބަށް ކަންކަން މިއައީ،" އިމްރާން ވިދާޅުވި އެވެ.

އެ ދުވަހު ފިޔަވަޅު ނޭޅުއްވުމުން، އޭގެ ފަހުން އަދީބުގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާވާން ޖެހޭނީ އަދީބުތޯ، އިމްރާންތޯ ނުވަތަ ޔާމީން އަމިއްލަފުޅަށްތޯ ނިންމަވާށޭ ވެސް ޔާމީން އަރިހު ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދީބު ކުރެއްވި ކަންކަމުގެ ރަހަ ޔާމީނަށް ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށާއި އެކަންކަމުގެ ރަހަ، ޔާމީނަށް ނުވަތަ އެހެން ބަޔަކަށް ލިބުނަސް، އެއީ ކާކު ޒިންމާވާން ޖެހޭ ކަމެއްތޯ ވިސްނާވަޑައިގަންނަވަން ޔާމީނަށް ދަންނަވާފައިވާނެ ކަަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ރައީސް ޔާމީނު އެކަމުގެ ވަރަށް ބޮޑު ބްލޭމެއް އަޅުގަނޑު ބޮލު އެޅުވި،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި އިމްރާނާއި އެހެން ގިނަ ސިޔާސީ ލީޑަރުން ޖަލުގައި ބަންދު ކުރެއްވި އެވެ. އޭރު އެބޭފުޅުންނާ މެދު އަމަލުކުރެއްވި ގޮތުގެ ވާހަކަ އިންޓަވިއުގައި އިމްރާން ވިދާޅުވި އެވެ. އެހެން އެކަން އޮތުުމުން، ޔާމީނުގެ ކިބައިން ބަދަލު ހިފަން ވެސް ބައެއް މީހުން އެދުނު ކަމަށާއި އެހެން ނަމަވެސް ބަދަލު ހިފުމުގެ އެއްވެސް ކަމެއް ސަރުކާރުން ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އެނގިވަޑައިގެން އިސްކޮށް ހުންނަވައިގެން އަޅުގަނޑު ޖަލަށް ލާފައި ދެފޫޓް ހަމަނުވާ ސިމެންތި އަށްޓެއްގެ މަތީގައި 100 ދުވަސް ވަންދެން އަޅުގަނޑު އޮތިން. ރައީސް ޔާމީން ޖަލަށް ގެންދެވުމާ އެކީގައި އަޅުގަނޑު ކަށަވަރު ކުރިން ރައީސް ޔާމީން ފެންވަރަން ހޫނުފެން ލިބޭތޯ، އޮށޯވެވަޑައިގަންނަވާ ގޮދަޑިއަކީ ރަނގަޅު ގޮދަޑިއެއްތޯ،" އިމްރާން ވިދާޅުވި އެވެ.