Roadha Mihaaru
އެސްޓީއޯގެ ބޭންކުން ލޯނު ލިބެން ނަގާނީ މިނިޓެއް

އެސްޓީއޯގެ ޑިޖިޓަލް ބޭންކުން މިނިޓެއްގެ ތެރޭގައި ލޯނު ނެގޭނެ: އަމްރު

07 ސެޕްޓެމްބަރ 2021

އެސްޓީއޯ އިން ހުޅުވާ ޑިޖިޓަލް ބޭންކް މެދުވެރިކޮށް، މިނިޓެއްގެ ތެރޭގައި ލޯނު ނެގޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އިން ހުޅުވާ ޑިޖިޓަލް ބޭންކް މެދުވެރިކޮށް، މިނިޓެއްގެ ތެރޭގައި ލޯނު ނެގޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

ޑިޖިޓަލް ބޭންކް ފެށުމަށް ލައިސަންސަށް އެދި އެމްއެމްއޭ އަށް ހުށަހެޅުމަށް ފަހު ނޫސްވެރިން ގާތު އަމްރު ވިދާޅުވީ، އެ ބޭންކުގެ ހިދުމަތް އަންނަ އަހަރު ފެށޭނެ ކަމަށެވެ. އަދި މިއީ އެހެން ބޭންކުތަކާ ހިލާފަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިދުމަތް ހޯދޭނެ ބޭންކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކައުންޓް ހުޅުވަން މީހެއް ކައިރިއަށް ދާކަށް ނުޖެހޭނެ. އެންމެ ލަސްވެގެން ފަސް މިނިޓު ތެރޭގައި އަމިއްލަ އަށް އެކައުންޓު ހުޅުވައިލެވޭނެ. އަދި 60 ސިކުންތު ތެރޭގައި ލޯނަށް އެޕްލައިކޮށް، ލޯނުގެ ފައިސާ އެކައުންޓަށް ޖަމާވާނެ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ބޭންކު ހުޅުވާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި ކަމަށާއި ބޭންކު ހިންގަން ބޭނުންވާ ތަޖުރިބާކާރުން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަމްރު ވިދާޅުވިގޮތުގައި މަރުކަޒީ ބޭންކަށް ލައިސަންސް ލިބެން ތިން މަސް ދުވަސް ނަގާނެ އެވެ. އަދި ލައިސަންސް ލިބުމުން ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި އެ ކަންކަން ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި ބޭންކު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ވަރުގެ ކަމެއް ކުރާ އިރު ވަރަށް ވަރުގަދަ މީހުން އެބަ ބޭނުންވޭ އެންމެ ޓޮޕް ލެވެލް އަށް ވެސް. އެހެންވެ ބޭރުގެ ބައެއް ފަރާތްތައް ވެސް އަޅުގަނޑުމެން އެބަ ހޯދަން. އެއީ ޓޮޕް ބޭންކުތަކުގައި މިހާރު ވެސް މަސައްކަތް ކުރާ މީހުން. އެހެންވީމާ ލައިސަންސް ލިބުނީމާ އެ މީހުންނަށް ވެސް ވަގުތު ދޭން ޖެހޭ،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ކުރިން ބުނީ މިއީ ރާއްޖޭގެ އެހެން ކޮންވެންޝަނަލް ބޭންކުތަކާ ހިލާފަށް، ހިންގުމުގައި ހަރަދު ކުޑަ ބޭންކެއް ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރިތަކަށް ވެސް ފައިދާ ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.