Roadha Mihaaru
ޑިޖިޓަލް ބޭންކްގެ ހިދުމަތް މާޗް މަހު ފެށޭނެ: އަމްރު

ޑިޖިޓަލް ބޭންކްގެ ހިދުމަތް މާޗް މަހު ފެށޭނެ: އަމްރު

20 ޑިސެމްބަރ 2020

އެސްޓީއޯގެ ޑިޖިޓަލް ބޭންކްގެ ހިދުމަތް އަންނަ އަހަރުގެ މާޗް މަހު ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ޑިޖިޓަލް ބޭންކްގެ ހިދުމަތް އަންނަ އަހަރުގެ މާޗް މަހު ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު "މިހާރު" އަށް ވިދާޅުވީ، މިއީ ރާއްޖޭގައި ހިންގާ ކޮންވެންޝަނަލް ބޭންކްތަކާ ހިލާފަށް، ހިންގުމުގައި ހަރަދު ކުޑަ ބޭންކެއް ކަމަށެވެ. އަދި ހިދުމަތް ހޯދުމުގައި ވެސް ލުއި ގޮތްތައް ހެދިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ޑިޖިޓަލް ބޭންކުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެކައުންޓެއް ހުޅުވޭނެ ކަމަށެވެ. އެކަން ކުރަން އެއްވެސް އޮފީހަކަށް ދާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން އެއް މިނެޓް ތެރޭގައި ލޯނެއް ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަސްޓަމަރުންނަށް މާލީ ގޮތުން ހާސިލް ކުރަން ބޭނުންވާ ކަންކަމަށް މަގުފަހިވާ ގޮތަށް، މުއާމަލާތްތައް ފަސޭހައިން ޓްރެކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބޭންކް ހިންގާނީ މީހުންނާ ވަރަށް ގާތްކޮށް. އަވަހަށް ހިދުމަތް ލިބޭނެ ގޮތަށް. ޔޫރަޕްގެ މަޝްހޫރު ޑޮއިޗޭ ބޭންކުން ކޮންސަލްޓެންސީ ހޯދުމުގެ މަސައްކަތް މި ކުރަނީ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ޖެނުއަރީ މަހުން ފެށިގެން ދެ މަސް ދުވަހަށް ކޮންސަލްޓެންސީ ހޯދުމަށް ފަހު މާޗް މަހު ޑިޖިޓަލް ބޭންކުން ހިދުމަތް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އެސްޓީއޯ އިން ޑިޖިޓަލް ބޭންކްގެ ހިދުމަތް ދިނުމުގެ ގޮތުން، ރާއްޖޭގެ ބޭންކިން ނިޒާމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބޭނުމުގައި މާކެޓް ސާވޭއެއް މިހާރު ކުރިއަށް ގެންދެ އެވެ. މި ސާވޭ ކުރަނީ ސީޑީއީ ކޮންސަލްޓެންސީއާ ގުޅިގެންނެވެ.