Roadha Mihaaru
ޗައިނާގެ އާ ސަފީރު މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޗައިނާގެ އާ ސަފީރު ރައީސަށް މަގާމުގެ ފަތްކޮޅު އަރުވައިފި

06 ސެޕްޓެމްބަރ 2021

ޗައިނާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އޭނާގެ މަގާމު ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗައިނާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އޭނާގެ މަގާމު ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރު ފަހު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު ވާން ލިޖިން، އޭނާގެ މަގާމުގެ ފަތްކޮޅު ރައީސަށް އަރުވާފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ މަހު 22 ގަ އެވެ.

ސަފީރު ކަމަށް ވާން ލިޖިން ހަމަޖެއްސެވީ ކުރިން އެ މަގާމުގައި ހުންނެވި ޖަންގް ލިޖޮންގްގެ ދައުރު ހަމަވުމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި މަސައްކަތަށް ރައީސް ތައުރީފުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރެއްވުމަށް އާ ސަފީރު ވެސް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 50 އަހަރު ފުރޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް މިދިޔަ ޖުލައި މަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތައް ވެސް އާ ސަފީރާ ހިއްސާކުރައްވައިފަ އެވެ.

އެކި ދާއިރާތަކުން ޗައިނާގެ އެހީ ރާއްޖެ އަށް ލިބޭ ކަމަށާއި ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ޗައިނާގެ ސަރުކާރުގެ ފަރާތުން 700،000 ޑޯޒްގެ ސިނަފޯމް ވެކްސިން ރާއްޖެ އަށް ހަދިޔާކޮށްފައި ވާތީ އެކަމަށް ވެސް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ކުރީގެ ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިހާރު ހުންނެވީ ޗައިނާ އިން ޔޫގެންޑާ އަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގަ އެވެ. މިދިޔަ އޭޕްރިލްގައި އޭނާ ދައުރު ހަމަވުމުން ބޭއްވި ވަދާއީ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެ އާއި ޗައިނާ އަކީ ވަރަށް ރަހުމަތްތެރި ދެ ގައުމު ކަމަށާއި، ދެ ގައުމުގެ ސައިޒުގައި ކިތަންމެ ބޮޑު ފަރަގެއް ހުރި ނަމަވެސް، އޮތީ ހަމަހަމަ ގުޅުމެއް ކަމަށެވެ.