Roadha Mihaaru
"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ރެކޯޑް ފޮތަށް

"ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ޓްރެއިލާ ރެކޯޑް ފޮތަށް ވެސް އަރައިފި

06 ސެޕްޓެމްބަރ 2021

މާވެލްގެ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ސުޕަހީރޯ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި ޔޫޓިއުބުން އެ ބެލި މީހުންގެ އަދަދު ރެކޯޑަށްވެ، ގިނިސް ވޯލްޑް ރެކޯޑުން އެކަން ރަސްމީކޮށް ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާވެލްގެ އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ސުޕަހީރޯ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި ޔޫޓިއުބުން އެ ބެލި މީހުންގެ އަދަދު ރެކޯޑަށްވެ، ގިނިސް ވޯލްޑް ރެކޯޑުން އެކަން ރަސްމީކޮށް ކަށަވަރުކޮށް ދީފި އެވެ.

މި ވާހަކަ އެތަނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް އިއުލާންކޮށްފައިވެ އެވެ.

ޒުވާން އެކްޓަރު ޓޮމް ހޮލަންޑް ސްޕައިޑަމޭންގެ ރޯލު ކުޅުނު ތިން ވަނަ ފިލްމު "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ޓްރެއިލާ މިދިޔަ މަހުގެ 23 ގައި ދޫކޮށްލުމާ އެކު 24 ގަޑިއިރުގެ ތެރޭގައި އެއަށް 355.5 މިލިއަން ވިއުސް ލިބިފައިވެ އެވެެ.

ފިލްމުގެ ޓީޒާ ޓްރެއިލާ ރެކޯޑަކަށްވުމުން ޓޮމް އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ޕޯސްޓެއްގައި އެއީ ވަރަޑް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށް، ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެ އެވެ.

"މިއީ ތިޔަ ފޭނުން ދިން ލޯތްބާއި ސަޕޯޓްގެ ނަތީޖާ. ވަރަށް އުފާވެއްޖެ ފޭނުންގެ ހިތްވަރުން އަހަރެމެންގެ ފިލްމަށް ރެކޯޑެއް ހޯދައިދިނީތީ،" އޭނާ ބުންޏެވެ. "މިކަމަށް އަސްލު ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ."

އޭނާ ބުނި ގޮތުގައި "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ގެ ހިއްސާއަކަށްވުމަކީ ވަކިން ބޮޑަށް އުފާވާ ކަމެކެވެ. ޓޮމް ކުރިން ސްޕައިޑަމޭންގެ ރޯލު ކުޅުނު ދެ ފިލްމަކީ 2017 ގެ "ސްޕައިޑަ-މޭން: ހޯމްކަމިން" އާއި 2019 ގެ "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" އެވެ.

އެ ފިލްމުތައް ބޮކްސް އޮފީހުގައި ހޯދި ކާމިޔާބީ އަށް ބަލާ އިރު 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ހޯމްކަމިން" އަކީ 880.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އަދި 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ފާ ފްރޮމް ހޯމް" އަކީ 1.132 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

ކުރިން 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ބަޔަކު ޔޫޓިއުބްގައި ބެލި ޓީޒާ ޓްރެއިލާގެ ރެކޯޑް އޮތީ 2019 ގެ "އެވެންޖާޒް: އެންޑްގޭމް" އަށެވެ. ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި ދެވަނަ ފިލްމުގެ މަގާމުގައި އޮތް އެ ފިލްމުގެ ޓީޒާ ޓްރެއިލާ އަށް 24 ގަޑިއިރުގެ ތެރޭގައި 289 މިލިއަން ވިއުސް ލިބުނެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 17 ގަ އެވެ. އެހެންވެ އަދި މި ފިލްމުގެ ރަސްމީ ޓްރެއިލާ ވެސް ކުރިއަށް އޮތީ އެވެ. އެ ވެސް ރެކޯޑަށް ވެދާނެ ކަމަށް ބަލަމާ ހިނގާށެވެ.