Roadha Mihaaru
"އެންޑްގޭމް" ބަލައިގެން ހަދަން އުޅުނު ރެކޯޑް ކަށަވަރު

"އެންޑްގޭމް" ބަލައިގެން ހަދަން އުޅުނު ރެކޯޑް ކަށަވަރުވެއްޖެ

30 މާޗް 2021

ދެހާސް ނަވާރަ ވަނަ އަހަރު ރިލީޒްކުރި މާވެލް ސްޓޫޑިއޯސްގެ "އެވެންޖާޒް: އެންޑްގޭމް" އެންމެ ގިނަ ފަހަރު ސިނަމާތަކުގައި ބަލައިގެން ދުނިޔޭގެ ރެކޯޑެއް ހަދަން އެމެރިކާގެ ޒުވާނަކު ފެށި މަސައްކަތް އެންމެ ފަހުން ކާމިޔާބުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ނަވާރަ ވަނަ އަހަރު ރިލީޒްކުރި މާވެލް ސްޓޫޑިއޯސްގެ "އެވެންޖާޒް: އެންޑްގޭމް" އެންމެ ގިނަ ފަހަރު ސިނަމާތަކުގައި ބަލައިގެން ދުނިޔޭގެ ރެކޯޑެއް ހަދަން އެމެރިކާގެ ޒުވާނަކު ފެށި މަސައްކަތް އެންމެ ފަހުން ކާމިޔާބުކޮށްފި އެވެ.

އެޕްރީލް 26، 2019 ގައި ރިލީޒްކުރި ފިލްމު އެންމެ ގިނަ ފަހަރު ބެލި މީހާގެ ރެކޯޑް ހަދަން ފްލޮރިޑާގައި ދިރިއުޅޭ އަގަސްޓިން (ރޮމާރިއޯ) އެލާނިސް ފެށި މަސައްކަތުގެ ތެރެއިން އެ އަހަރުގެ ޖޫން މަހުގެ މެދުތެރެއާ ހަމައަށް އޭނާ 114 ފަހަރު "އެންޑްގޭމް" ބަލާފައިވެ އެވެ.

އެ ރިކޯޑް ކަށަވަށަރު ކުރަން 2019 ގައި ޖޫންގައި ހުށަހެޅި ނަމަވެސް ރަސްމީކޮށް މި މަހުގެ ތެރޭގައި ރެކޯޑް ކަށަވަރުވީ ޖުމްލަ 191 ފަހަރު އަގަސްޓިން "އެންޑްގޭމް" ބަލާފައި ވަނިކޮށެވެ. އޭނާ ކުރިން ވެސް ބުނެފައި ވަނީ ރެކޯޑް ނެހެދެނީސް އެ ފިލްމު ބެލުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެންމެ ފަހުން އެކަން ކާމިޔާބުވުމުން ޓްވިޓާގައި މި މަހުގެ 17 ވަނަ ދުވަހު ރޮމާރިއޯ ވަނީ އޭނާ އަށް ރެކޯޑް ކަށަވަރުކުރެވުނު ވާހަކަ ވެސް ހިއްސާކޮށް ކަމަށް އެކަމ ވަރަށް އުފާވާ ކަމަށް ބުނެފަ އެވެ.

އޭނާ ގިނިސް ވޯލްޑް ރެކޯޑަށް ކިޔައިދިން ގޮތުގައި ސުޕަހީރޯ ފިލްމު "އެންޑްގޭމް" އަކީ ބަލައި ފޫހިނުވާ ކަހަލަ ފިލްމެކެވެ. އެންތަނީ އާއި ޖޯ ރުޒޯގެ "އެވެންޖާޒް" ސީރީޒްގެ ހަތަރު ވަނަ އަދި ފަހު ފިލްމުގެ ގޮތުގައި "އެންޑްގޭމް" ގެނެސްދިން އިރު އެ ސީރީޒްގައި ހިމެނޭ ކެރެކްޓާތަކުގެ ތެރެއިން އަގަސްޓިން އެންމެ ގަޔާވަނީ ކްރިސް އިވަންސް ކުޅެފައިވާ ސްޓީވް ރޮޖާޒް ނުވަތަ ކެޕްޓަން އެމެރިކާގެ ކެރެކްޓާ އެވެ.

"އަހަންނާ ވެސް ވަރަށް ރިލޭޓްވާ ކަަހަލަ ކެރެކްޓާއެއް އެއީ،" އަގަސްޓިން ބުންޏެވެ. "އެއީ ވަރަށް ހިތްހެޔޮ، ތެދުވެރި، އިހުލާސްތެރި ކެރެކްޓާއެއް. އަބަދު ވެސް އަމިއްލަ ނަފުސާ މެދު ވިސްނުމުގެ އެހެން މީހުންނާ ދޭތެރޭ ވިސްނާ މީހެއް ކެޕްޓަން އެމެރިކާ އަކީ."

އޭނާ ކިޔައިދިން ގޮތުގައި "އެންޑްގޭމް" ބަލައިގެން ރެކޯޑް ހެދުމަށް ކުރި މަސައްކަތަކީ ކުރިން ހީކުރިހާ ފަސޭހަ ކަމެއް ވެސް ނޫނެވެ. ސަބަބަކީ 191 ފަހަރު ތިން ގަޑިއިރާއި ދެ މިނިޓްގެ ފިލްމު ބަލަން އާންމު ދިރިއުޅުމުގެ ވަރަށް ގިނަ އެހެން ކަންކަން ވެސް ގުރުބާންކޮށްފައި ސިނަމާތަކަށް ދާން ވަގުތު ހޯދަން ޖެހުމެވެ. ހަމައެއާ އެކު އެކަމާ ބެހޭ ތަފުސީލުތައް ޓްވިޓާގައި ގެނެސްދޭން ކުރަން ޖެހުނު މަސައްކަތެވެ.

"އަސްލު މިކަން ކާމިޔާބުވުމުގެ ސިއްރަކީ ފިލްމު ބެލުމަށް އޮންނަ ޝައުގުވެރިކަން. އަނެއްކާ ފިލްމަކީ ވަރަށް މުހިއްމު މެސެޖްތައް ފޯރުކޮށްދޭ ވަސީލަތެއް. އޭގެ ސަބަބުން އަސްލު މީހުންނަށް އެހީވުމުގެ ޖޯޝް ވެސް އާދޭ. އަހަރެން އަބަދު ވެސް ވަރަށް ޕެޝަނޭޓްވާކަމެއް އެއީ." އަގަސްޓިން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރެކޯޑް ކަށަވަރުވިކަން އެނގުނު ދުވަހަކީ އުފަލުން ގޮސް ލޮލުން ކަރުނަ ހިލުނު ދުވަހެކެވެ. ގިނިސް އިން އަގަސްޓީން އަށް އެކަން އެންގީ އީމެއިލަކުންނެވެ.

"ހަޔާތުގައި އެންމެ އުފާވި ދުވަސް އެއީ. މިކަން ކާމިޔާބުވުމުގައި އާއިލާ އާއި ރައްޓެހިންނާއި އެންޑްގޭމް ބަލަން ދިޔަ ސިނަމާތަކުގެ މެނޭޖަރުންނާއި ސްޓާފުން ދިން ސަޕޯޓާއި އެހީތެރިކަން ވެސް ހިމެނޭ. އެހެންވީމަ އެ އެންމެންނަށް ވަރަށް ބޮޑު ޝުކުރެއް ހައްގުވާނެ." އަގަސްޓިން ބުންޏެވެ.

ތިއޭޓަރުގައި އެންމެ ގިނަ ފަހަރަށް އެއް ފިލްމެއް ބެލި މީހާގެ ރެކޯޑް ކުރިން އޮތީ އެންތަނީ (ނެމްރެޕްސް) މިޝެލްގެ އަތުގަ އެވެ. އޭނާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދީ 2018 ގައި "އެވެންޖާޒް" ގެ ތިން ވަނަ ފިލްމު "އިންފިނިޓީ ވޯ" 103 ފަހަރު ބަލައިގެންނެވެ.

"އެންޑްގޭމް" ބަލައިގެން އަގަސްޓިން އަށް ރެކޯޑެއް ހެދުނަސް އެ ފިލްމަށް ލިބުނު ރެކޯޑެއް މިހާރު ވަނީ ގެއްލިފަ އެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމުގެ ރެކޯޑް 2019 ގެ ޖުލައިގައި ލިބުނު ނަމަވެސް މި މަހުގެ ތެރޭގައި އެ ރެކޯޑް ގެއްލުނީ ކުރިން ވެސް ބޮޑު އާމްދަނީ ހޯދި ފިލްމުގެ މަގާމުގައި އޮތް ޖޭމްސް ކެމެރޮންގެ 2009 ގެ ފިލްމު "އެވެޓާ" އަލުން މަގާމު އަތުލުމުންނެވެ.