Roadha Mihaaru
އާސެނަލްއިން ރެކޯޑް އަދަދަކަށް ޓްރާންސްފާގައި ހޭދަކޮށްފި

އާސެނަލް އިން ރެކޯޑް އަދަދަކަށް ޓްރާންސްފާގައި ހޭދަކޮށްފި

01 ސެޕްޓެމްބަރ 2021

ލަންޑަން (ސެޕްޓެމްބަރު 1) - އާސެނެލްގެ ތާރީހުގައި މިހާތަނަށް އެ ޓީމުން ޓްރާންސްފާގައި ކުރި އެންމެ ބޮޑު ހޭދަކޮށްފައި ވަނީ ނިމިގެން ދިޔަ ޓްރާންސްފާ މުއްދަތުގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ސެޕްޓެމްބަރު 1) - އާސެނެލްގެ ތާރީހުގައި މިހާތަނަށް އެ ޓީމުން ޓްރާންސްފާގައި ކުރި އެންމެ ބޮޑު ހޭދަކޮށްފައި ވަނީ ނިމިގެން ދިޔަ ޓްރާންސްފާ މުއްދަތުގަ އެވެ.

އާސެނަލް އިން ވަނީ މި ފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި 142 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް 195 މިލިއަން ޑޮލަރެވެ.

ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮތް ޓީމު އަލުން ވަރުގަދަ ކުރަން އެ ކްލަބުގެ މެނޭޖްމެންޓަށް ވަނީ މުޖުބޫރުވެފަ އެވެ. ޓީމަށް ހޭދަ ނުކުރާ މައްސަލައިގައި މެނޭޖުމެންޓަށް އޮތް ޕްރެޝަރު ބޮޑެވެ. ނަތީޖާ ގޯސްވުމުން ކޯޗް މިކަލް އާޓެޓާ އަށް އަމާޒުވާ ފާޑުކިޔުން ވެސް އެހާމެ ބޮޑެވެ. އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ.

ރޭ ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑުގެ އެންމެ ފަހު ދުވަހު އާސެނަލް އިން ވަނީ ބޮލޯނިއާގެ ޓަކެހީރޯ ޓޮމިޔާސޫގެ ސޮއި ހޯދައިފަ އެވެ. ޖަޕާނުގެ ޑިފެންޑަރުގެ ޓްރާންސްފާ އަށް އާސެނަލް އިން ވަނީ 16 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.

އާސެނަލް އިން 142 މިލިއަން ޕައުންޑް ހޭދަ ކުރީ ހަ ކުޅުންތެރިން ސޮއިކުރުވުމަށެވެ.

އޭގެ ތެރޭގައި 50 މިލިއަން ޕައުންޑް ހޭދަކޮށްގެން ބްރައިޓޮންގެ ޑިފެންޑަރު ބެން ވައިޓް ސޮއިއާސެނަލް އިން ވަނީ ކުރުވައިފަ އެވެ. އަދި މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅުނު ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް ދާއިމީ އެއްބަސްވުމުގައި ސޮއިކުރުވީ 30 މިލިއަން ޕައުންޑް ރެއާލް މެޑްރިޑަށް ދިނުމަށް ފަހު އެވެ.

ޝެފީލްޑް ޔުނައިޓެޑްގެ ކީޕަރު އާރޮން ރަމްސްޑޭލްގެ ސޮއި އާސެނަލް އިން ހޯދީ 24 މިލިއަން ޕައުންޑަށެވެ. ބެލްޖިއަމްގެ އެންޑަލެކްޓްގެ މިޑްފީލްޑަރު އަލްބަޓް ސަމްބީ ލޮކޮންގާގެ ސޮއި ކުރުވީ 15 މިލިއަން ޕައުންޑަށެވެ. ބެންފީކާގެ ޑިފެންޑަރު ނޫނޯ ޓަވަރޭޒްގެ ސޮއި އާސެނަލްއިން ކުރުވީ 6.8 މިލިއަން ޕައުންޑަށެވެ.

މީގެ ކުރިން އާސެނަލް އިން ޓްރާންސްފާގައި އެންމެ ބޮޑު ހޭދައެއް ކުރީ 2019 ގެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގަ އެވެ. އެ ފަހަރު ޓްރާންސްފާ މުއްދަތުގައި 138 މިލިއަން ޕައުންޑް ހޭދަކުރި އެވެ.

މިފަހަރު ޓްރާންސްފާ ޕީރިއަޑްގައި އާސެނެލް އިން ވިއްކާލި ކުޅުންތެރިޔަކީ ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވި ޖޯ ވިލިކް އެވެ. އޭނާ ވިއްކާލީ 25 މިލިއަން ޕައުންޑަށެވެ.