Roadha Mihaaru
ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނު ހޯދައިފި

ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނު ހޯދައި މީހަކު ހައްޔަރުކޮށްފި

30 އޯގަސްޓް 2021

މާފުށީ ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނާއި ކަރަންޓު ސާމާނު ފުލުހުން މިއަދު އަތުލައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާފުށީ ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނާއި ކަރަންޓު ސާމާނު ފުލުހުން މިއަދު އަތުލައިގެންފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލަށް ވައްދަން އުޅުނު މަނާ ތަކެތި އަތުލައިގަނެ، މީހަކު ހައްޔަރުކުރީ، ފުލުހުންގެ އިންޓެލިޖެންސާއި މާފުށީ ޕޮލިސް އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހައްޔަރުކުރި މީހާގެ އަތުން 50 ސްމާޓު ފޯނު، 42 ބައްތި ފޯނު، 109 ފޯނު ޗާޖަރު، 77 ކޭބަލް، 65 ހެޑްސެޓް، ދިރާގު 49 ސިމް ކާޑު، އުރީދޫ 12 ސިމްކާޑު، ކަޓަރު ހުރި ދެ ޕެކް، އިރާކު ދަނޑި އަދި އެހެނިހެން ތަކެތި އަތުލައިގަތް ކަމަށް ފުލުހުން ބުނެ އެވެ. އެ އެއްޗެހިތައް ހުރީ ފެހި ކުލައިގެ ޕެކިންގައި ބަންދުކޮށްފަ އެވެ.

ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނު މީގެ ކުރިން ވެސް އަތުލައިގަނެފައިވެ އެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރަން ޖަލުގެ ވަށައިފާރު އުސްކުރުމަށް ބަޔަކާ ހަވާލުކޮށް މިދިޔަ މަހުގެ 29 ގައި އޭގެ އަމަލީ މަސައްކަތް ފަށާފައިވެ އެވެ.

ކަރެކްޝަންސް އިން ބުނީ ފާރު އުސްކުރުމުގެ މަސައްކަތް ނިމުމުން، ފާރުމަތިން ޖަލަށް އެއްޗެހި އުކާ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ޖަލުގައި ފޯނު ބޭނުންކުރުން ހުއްޓުވުމަށް ޖަލުގައި ޖޭމަރު ހަރުކުރުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރިން ވިދާޅުވެފައި ވެ އެވެ.