Roadha Mihaaru
ޖަލަށް ޑްރަގް ވައްދަން އުޅުނު އޮފިސަރު ސަސްޕެންޑްކޮށްފި

ޖަލަށް ޑްރަގް ވައްދަން އުޅުމުން ހައްޔަރުކުރި ޖަލު އޮފިސަރު ސަސްޕެންޑުކޮށްފި

22 ނޮވެމްބަރ 2022

ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތަށް ހައްޔަރުކުރި ޖަލު ބަލަހައްޓާ އޮފިސަރު ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތަށް ހައްޔަރުކުރި ޖަލު ބަލަހައްޓާ އޮފިސަރު ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޕޮލިހާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަރެކްޝަންސްގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އެ އޮޕަރޭޝަން ހިންގާފައި ވަނީ ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުކުރެވިގެންނެވެ.

އެކަމުގެ އިތުރު ތަފްސީލު ނުދިން ނަމަވެސް، އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ ލ. ކަލައިދޫ، ފޯލައިޓް، ހިޝާމް އަލީ، 24، އެވެ. މާފުށި ޖަލުގައި މަސައްކަތްކުރާ އެ އޮފިސަރު ކަރެކްޝަންސާ ގުޅުނީ މީގެ ފަސް އަހަރު ކުރިން 2017 ގަ އެވެ.

އެނގިފައިވާ ގޮތުގައި ހިޝާމް މަސައްކަތްކުރީ މާލެ އިން ޑްރަގްސް ހިފައިގެން ގޮސް މާފުށީ ޖަލަށް ވައްދާށެވެ. އެކަމަކު، ލިބުނު އިންޓެލިޖެންސް ރިޕޯޓާ ގުޅިގެން އޭގެ ކުރިން އޭނާ ހައްޔަރުކުރީ އެވެ.

ޖަލަށް ފޯނާއި މަސްތުވާތަކެތި އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ކަރެކްޝަންގެ މުވައްޒަފުން ބައިވެރިވުން އޮތް ކަމަށް އަބަދު ވެސް ތުހުމަތުކުރެ އެވެ. ހެއްކާއި ގަރީނާ ލިބުމުން 2020 ވަނަ އަހަރު އެކަނި ވެސް ކަރެކްޝަންސްގެ 10 މުވައްޒަފަކު ވަޒީފާއިން ވަކިކުރި އެވެ. މީހުން އަތުލައިގަތީ މަސްތުވާތަކެތި ވެއްދުމުގައި އެހީތެރިވަނިކޮށް، ރެޑްހޭންޑް ކޮށެވެ.