Roadha Mihaaru
ޖަލުގައި ފޯނު ބޭނުންކުރުން ހުއްޓުވަން ޖޭމަރު ހަރުކުރަނީ

ޖަލުގައި ފޯނު ބޭނުންކުރުން ހުއްޓުވުމަށް ނެޓްވޯކް ޖޭމަރު ހަރުކުރަނީ

18 ޖޫން 2021

ޖަލުގައި ގައިދީން ފޯނު ބޭނުންކުރުން ހުއްޓުވުމަށް ނެޓްވޯކް ޖޭމަރު ހަރުކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެކަމަށް އަންނަ އަހަރު ހައްލެއް ލިބޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަލުގައި ގައިދީން ފޯނު ބޭނުންކުރުން ހުއްޓުވުމަށް ނެޓްވޯކް ޖޭމަރު ހަރުކުރުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އެކަމަށް އަންނަ އަހަރު ހައްލެއް ލިބޭނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒްންސް (ސީޕީ) އަހުމަދު މުހައްމަދު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ޖަލުތެރެއިން ފޯނުގެ ނެޓްވޯކް ޖޭމްކުރުމަކީ ފަންނީ ކަމަކަށް ވާތީ އެ ކަމަށް ހައްލެއް ހޯދަން ކަމާ ގުޅުން ހުރި ދާއިރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެކަމުގައި ގޮންޖެހުމަކާ ދިމާވަނީ އާއްމުން ދިރިއުޅޭ ތަންތަނުގައި ޖަލު ހުރުމާއި ސިނާއީ އެހެން މަސައްކަތްތައް ވެސް ޖަލު ހުންނަ ރަށްރަށުގައި ކުރާތީ އެވެ.

ޖަލުގައި ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި ވަރަށް ގިނައިން ފޯނު އަތުލައިގެންފައި ވެ އެވެ. މި ފަހުން ވެސް ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނުން މާފުށީ ޖަލުން 40 އަށް ވުރެ ގިނަ ފޯނު އަތުލައިގަތެވެ.

އެއީ، ބޭންކުތަކާއި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ނަމްބަރުތަކަށް ގުޅައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ ކަމަށް ތުހުމަތުކުރާ އެއް ޖަލެވެ. އެހެންވެ، މާފުށީ ޖަލުގައި ފޯނާއި މުވާސަލާތީ އާލަތްތައް ބޭނުންކުރުން ހުއްޓުވުމަށް މީގެ ކުރިން ވެސް ޖޭމަރު ބޭނުންކުރި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"މީގެ ކުރިން ކުރެވިފައި ހުރި އެކްސްޕީރިއަންސް އަށް ބަލާއިރު އެބަހުރި ޖަލުގައި ޖޭމަރު ހަރު ވެސް ކޮށްފައި. އެހެން ނަމަވެސް އޭގެ ރިޒަލްޓްސް އެހާ ރަނގަޅެއް ނޫން އަދި. އެހެންވެ، އަޅުގަނޑުމެން މިހާރު އެކަން ކުރަން މި ގަސްތުކުރަނީ ކަމާ ގުޅުން ހުރި ދާއިރާތަކާ ވާހަކަ ދައްކައި އެކަމަށް ބޭނުންވާ އެސެސްމަންޓް ހަދާފައި އޭގެ ޓެކްނިކަލް ސަޕޯޓާ އެކީގައި ކުރަން މިހާރު މި މަސައްކަތްކުރަނީ،" ސީޕީ ވިދާޅުވި އެވެ.

"އެ މަޝްވަރާ އަޅުގަނޑުމެން މިހާރު ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް އާއި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާއެކު ކުރަމުން މި ގެންދަނީ."

ސީޕީ ވިދާޅުވިގޮތުގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ އެކު ވެސް އެ ވާހަކަ ދައްކާފައިވާނެ އެވެ. އެ މައްސަލައަށް އަންނަ އަހަރުގެ ތެރޭގައި ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުއްމީދުކޮށްގެން ހުރީ މި އަންނަ އަހަރު އެ އަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް. ޖަލުގައި ނެޓްވޯކް ޖޭމް ކުރުމާއި ޖަލުގައި މޮބައިލް ފޯން ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށްޓަކައި އަޅުގަނޑުމެން މިހާރު ގަސްދުކުރާ ކަންކަން އިމްޕްލިމެންޓްކުރަން އަންނަ އަހަރު ފެށޭނެ" އޭނާ ވިދާޅުވި އެވެ.

އާއްމުން ދިރިއުޅޭ ތަންތަނުގައި ޖަލުތައް ހުންނާތީ ޖޭމަރު ހަރުކޮށްގެން އާއްމުންނަށް ދަތިތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަހުމަދު ވިދާޅުވި އެވެ. އެކަމުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.