Roadha Mihaaru
މުއްދަތު އިތުރުކުރަން އަދީބުގެ ހުށަހެޅުން ދިރާސާކުރަނީ

ބޭސްފަރުވާ އަށް އަދީބު ބޭރުގައި ހުންނަ މުއްދަތު އިތުރުކޮށްދޭން ހުށަހެޅި ލިޔުންތައް ދިރާސާކުރަނީ

23 ޖުލައި 2023

ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދޭން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހުށަހެޅުއްވި ލިޔުންތައް ދިރާސާކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދޭން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހުށަހެޅުއްވި ލިޔުންތައް ދިރާސާކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް ގޭބަންދަށް ބަދަލުކޮށްފައިވާ އަދީބު މިދިޔަ ހަފުތާގައި ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ. އޭނާ ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސުން ދިނީ ޑޮކްޓަރުގެ ލިއުންތަކަށް ބަލަ އެވެ.

ފުލުހުންނާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުން ފަރުވާއަށް އަދީބު ސިންގަޕޫރުގައި ހުންނަވަން ދިން 10 ދުވަސް އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ފަރުވާ އަށް އިތުރު މުއްދަތު ބޭނުންވާތީ އޭނާ ވަނީ އެ ހުއްދައަށް ކަރެކްޝަންސްގައި އެދިވަޑައިގެންފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، އަދީބުގެ ފަރުވާ އަށް އިތުރު މުއްދަތު ބޭނުންވާ ކަން އޭނާ އަށް ދިން 10 ދުވަސް ހަމަވުމުގެ ކުރިން ހުށަހަޅުއްވާފައިވާ ކަމަށެވެ. އެކަމަކު ސިންގަޕޫރުގައި މަޑުކުރައްވަން އަދީބު އެދިވަޑައިގަތީ ކިހާ މުއްދަތެއް ކަމެއް އޭނާ މިއަދު ވިދާޅެއް ނުވެ އެވެ.

"ލިއުންތައް އަޅުގަނޑުމެން މި އަންނަނީ ދިރާސާކުރަމުން. އޭގެ ފަހުން އެ މައުލޫމާތު އާއްމު ކުރާނަން،" އަހުމަދު ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް އަދީބު ފުރާވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައިވާއިރު، މި ފަހުން އޭނާ އަށް ވަނީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާދީފަ އެވެ. ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތީ އޭގެ ފަހުންނެވެ.

ދައުލަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުމަކުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ އަދީބު 2020 ވަނަ އަހަރުން ފެށިގެން ގޭބަންދުގައި ހުންނަވާ މައްސަލައިގައި ސަރުކާރަށް ފާޑުކިއުން ބޮޑެވެ.

އޭގެ ރައްދުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ އަދީބު ގޭގައި ހުންނަވަނީ ނިދަން މެޝިނެއް ބޭނުން ކުރައްވަން ޖެހިވަޑައިގަންނަވާތީ އެވެ. އެ މެޝިން ޖަލުގައި ބޭނުން ނުކުރެއްވޭ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ކަހަލަ މެޝިނެއް ކަމުގެ ތަފުސީލެއް މިހާތަނަށް އާއްމެއް ނުކުރައްވަ އެވެ.