Roadha Mihaaru
ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި

ބޭސްފަރުވާއަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި

22 ސެޕްޓެމްބަރ 2023

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ޑޮކްޓަރުންގެ ލަފައާ އެކު ބޭރުން ފަރުވާ ހޯއްދަވަން އަދީބު ސިންގަޕޫރަށް ވަޑައިގަތީ ޖުލައި 12 ވަނަ ދުވަހުގެ އެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ބެލުމުގެ ދަށުން އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ފުރަތަމަ ދިނީ 10 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން ދިން މުއްދަތު ވެސް ހަމަވެ ފަހުން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އިތުރު ކޮށްދީފަ އެވެ.

އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މިރޭ ބުނީ އަދީބު އެނބުރި ވަޑައިގަތީ ފަރުވާގެ ފުރަތަމަ މަރުހަލާ ނިމިފައި ވާތީ ކަމަށެވެ. އަދި އަންނަ މަހު އަނެއްކާވެސް ރާއްޖެއިން ބޭރަށް ދާން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ބޭރަށް ވަޑައިގަތުމަށް އަދީބަށް ސަރުކާރުން ހުއްދަ ދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެމްޓީޑީއިން ބުންޏެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އަދި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ. އަދީބު ޖަލަށްލާން ހުކުމްކުރި ނަމަވެސް ސިއްހީ ސަބަބުތަކަކާ ހެދި އޭނާ ހުކުމް ތަންފީޒު ކުރައްވަނީ ގޭ ބަންދުގަ އެވެ.

އަދީބު ވަނީ ޕެރޯލްގެ ދަށުން އަދަބު ލުއިކުރަން ހުށަހަޅައިފަ އެވެ. އެކަމަކު އެ ހުށަހެޅުމަށް އަދި ގޮތެއް ނުނިންމަ އެވެ.