Roadha Mihaaru
ޔާމީންގެ އިސްތިއުނާފީ ހައްގަށް ހުރަހެއް ނާޅަން: އޭޖީ

ޖޫރިމަނާ ހޯދަން ދައުވާކުރީ ޔާމީންގެ އިސްތިއުނާފީ ހައްގަށް ހުރަސްއެޅޭ ގޮތަކަށް ނޫން: އޭޖީ އޮފީސް

25 އޯގަސްޓް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލަށްލާއި ޖޫރިމަނާކުރުމުގެ ހުކުމް އިސްތިއުނާފް މަރުހަލާގައި އޮއްވައި ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ހޯދަން ދައުލަތުން ދައުވާކުރަނީ އެ މަނިކުފާނުގެ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ނޫން ކަމަށް ބުނެ ޔާމީންގެ ވަކީލުންނަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައްދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލަށްލާއި ޖޫރިމަނާކުރުމުގެ ހުކުމް އިސްތިއުނާފް މަރުހަލާގައި އޮއްވައި ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ހޯދަން ދައުލަތުން ދައުވާކުރަނީ އެ މަނިކުފާނުގެ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ނޫން ކަމަށް ބުނެ ޔާމީންގެ ވަކީލުންނަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައްދު ދީފި އެވެ.

ޔާމީންގެ ވަކީލުން މިއަދު ނެރުނު ބަޔާނާ ގުޅިގެން އޭޖީ އޮފީހުން ބުނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީނަށް ކުރި ހުކުމުގައި ކޮށްފައިވާ ޖޫރިމަނާ އަދިވެސް ނުދައްކާ ކަމަށެވެ.

މައްސަލައެއް އިސްތިއުނާފުކުރުމަކީ، ދަށު ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުން އޮޓަމެޓިކުން ފަސްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމަށް ފަހު، އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު، އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަން އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކުރުމުން މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް އަންނަ މަހު ބާއްވަން އެ ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު ޔާމީންގެ ފަރާތުން ޖޫރިމަނާ ފައިސާ ނުދައްކާތީ އެ ފައިސާ ހޯދަން އެމަނިކުފާނާ ދެކޮޅަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މިއަދު ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހެޅުމާ ހަމަ އަށް ވެސް، ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އެ ކޯޓުން ނެރެފައި ނުވާ ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.

ޔާމީންގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔާމީން ޖަލަށް ލުމަށާއި ޖޫރިމަނާ ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެކަން ކަމާ ބެހޭ އިދާރާތަކަށް ލިޔުމުން ވެސް އަންގާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފައިވާއިރު، އެ ހުކުމް ތަަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ނުނިމި އޮއްވައި ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ދައުވާކުރަނީ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހުމަތުތައް ފޮރުވައި ޔާމީނާ ޒާތީގޮތުން ދިމާކޮށް، ފުރައްސާރަ ކުރުމުގެ ގޮތުން ކަމަށް ބަޔާނުގައިވެ އެވެ. އަދި އެއީ އެ މަނިކުފާނުގެ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން ކަމަށް ވެސް ބުނެފައިވެ އެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު އަންނަނީ ހިނގަމުންނެވެ.