Roadha Mihaaru
މައްސަލަތައް ނުނިމި އެތައް އަހަރެއް: ހައްލެއް ނެތް؟

މައްސަލަތައް ނުނިމި އެތައް އަހަރެއް: އަދިވެސް ހައްލެއް ނެތް؟

25 އޯގަސްޓް 2021

މީހުން މެރުމާއި ނުރައްކާތެރި ކުށްތައް އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރު ވަމުންނެވެ. ކުދި ކުށްތައް ވެސް މަދެއް ނުވެ އެވެ. ކުށްކުރުން ހުއްޓުވުމުގެ ޒިންމާ އޮތް މުއައްސަސާތަކަށް އޮތް ބުރަ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވެ، ދައުލަތުން ކުރަންޖެހޭ ހަރަދު ވެސް އެތައް ގުނައެއް ބޮޑުވެއްޖެ އެވެ. އެހެން ނަމަވެސް މިފަދަ ކުށްތައް ކުރާ މީހުންނަށް އަދަބު ދިނުމަށް އޮތް ނިޒާމާ މެދު ޝަކުވާތައް ހުއްޓުވުމެއް ނެތެވެ. ކޯޓުތަަކުގައި މައްސަލަތައް ނުނިމި ލަސްވެގެންދާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީހުން މެރުމާއި ނުރައްކާތެރި ކުށްތައް އަހަރަކަށް ވުރެ އަހަރެއް ދަނީ އިތުރު ވަމުންނެވެ. ކުދި ކުށްތައް ވެސް މަދެއް ނުވެ އެވެ. ކުށްކުރުން ހުއްޓުވުމުގެ ޒިންމާ އޮތް މުއައްސަސާތަކަށް އޮތް ބުރަ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވެ، ދައުލަތުން ކުރަންޖެހޭ ހަރަދު ވެސް އެތައް ގުނައެއް ބޮޑުވެއްޖެ އެވެ. އެހެން ނަމަވެސް މިފަދަ ކުށްތައް ކުރާ މީހުންނަށް އަދަބު ދިނުމަށް އޮތް ނިޒާމާ މެދު ޝަކުވާތައް ހުއްޓުވުމެއް ނެތެވެ. ކޯޓުތަަކުގައި މައްސަލަތައް ނުނިމި ލަސްވެގެންދާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.

ގިނަ މީހުންނަށް އެނގެނީ މަޝްހޫރު ނަން ހިނގާ މަރުގެ ދެ ތިން މައްސަލައެއް ލަސްވެގެން އާއިލާއިން ފާޅުކުރާ ކަންބޮޑުވުންތަކާއި ހުށަހަޅާ ޝަކުވާތަކެވެ. އެހެން ނަމަވެސް ހަގީގަތަކީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގައިދިޔަ މަރުގެ މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިމިފައި ހުރީ ދެ ތިން މައްސަލަ އެކެވެ. އެއީ ވެސް ކޮންމެވެސް ގޮތަކުން އެ މައްސަލައަކާ މެދު އާންމުންގެ ޝައުގުވެރިކަން ބޮޑުވުމުންނެވެ. ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލައެއް އަވަސް މުއްދަތެއްގައި ނިމިފައެއް ނެތެވެ.

ކުށަށް އިއުތިރާފް ނުވާ ނަމަ، ޖިނާއީ ކުދި މަައްސަލަތައް ވެސް ހިނގަނީ މިގޮތަށެވެ. އަދަބެއްގެ ގޮތުން އެއް މަހުގެ ޖަލު ހުކުމް އަންނަ ފަދަ ކުދި މައްސަލަތައް ވެސް ބައެއް ފަހަރު ނިމެނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. މައްސަލަ ނުނިމި އޮންނަހާ ހިނދަކު ރަށުން ބޭރަށް ދާ ކޮންމެ ފަހަރަކު ކޯޓުގެ ހުއްދަ ހޯދަން ޖެހުމާއި ވަޒީފާއެއް ހޯދުމުގައި ދަތިތައް ކުރިމަތިވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިމަތިވާ ގެއްލުންތައް އެހާ ބޮޑެވެ. އެކަމަކު ކިތަންމެ ވަރަކަށް ޝަކުވާ ކުރިޔަސް، ލިބޭ ހައްލެއް ނޯވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންގެ މައްސަލަތަކުގައި ހާލަތު މާ ގޯހެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ކޮންމެ 30 ދުވަހަކުން ބަންދު މުރާޖާ ކުރަން ޖިނާއީ އިޖްރައާތުގެ ގާނޫނު ލާޒިމްކުރީ އެފަދަ މީހުންގެ ޝަރީއަތް މަދުވެގެން މަހަކު އެއްފަހަރު ބާއްވަން ޖެހޭ ގޮތަށް ހެދުމުގެ މަގްސަދުގަ އެވެ. އެހެން ނަމަވެސް ގިނަ މައްސަލަތަކުގައި އެކަން ވެސް ކުރަނީ ނަމެއްގަ އެވެ. ބަންދު މުރާޖާކޮށްލުމަށް ފަހު އަޑުއެހުން ނިންމާލަނީ އެވެ. ދައުވާ އުފުލިފައިވާ މައްސަލާގެ ޝަރީއަތް ކުރިއަކަށް ނުދެ އެވެ. މިގޮތަށް ބަންދުގައި ތިބޭތާ ފަސް އަހަރު ވެފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ. ދާދިފަހުން ޕްރޮސެކިއުޓާ ޖެނެރަލް ނެރުއްވި ރިޕޯޓެއްގައި ވެސް މިކަން ފާހަގަ ކޮށްފައިވެ އެވެ.

ކްރައިމް ސީނެއް ބަންދުކޮށް، ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު

ކްރައިމް ސީނެއް ބަންދުކޮށް، ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު

ޖިނާއީ އިޖްރައާތުގެ ގާނޫނު 2017 ގައި ވުޖޫދަށް އައުމުން، މައްސަލަތައް ލަސްވުމުގެ ޝަކުވާއަށް ނިމުމެއް އަންނާނެ ކަމަށް ބެލެވުނެވެ. އެއީ ޝަރީއަތްތައް ހިންގަންޖެހޭ މުއްދަތުތައް އެ ގާނޫނުގައި ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދުރާލާ ދެ ފަރާތަށް އަންގަން އެ ގާނޫނުގައި ލާޒިމް ކޮށްފައި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެ ގާނޫނުން ތައާރަފްކުރީ މެދުކެނޑުމެއް ނެތި އަޑުއެހުންތައް ގެންދެވޭ ފަދަ ކޮންޓިނުއަސް ހިއަރިންގެ ނިޒާމެކެވެ.

މާނައަކީ ޝަރީއަތް ފެށުމާ އެކު، އަޑުއެހުން އޮންނާނެ ހުރިހާ ދުވަހެއް ދެ ފަރާތަށް ދުރާލާ އެނގޭނެ އެވެ. ހެކިބަސް ނެގުމާއި ޝަރީއަތުގެ ތެރޭގައި ހިންގަންޖެހޭ އެހެން ހުރިހާ މަރުހަލާއެއް މަދު ހަފުތާތަކެއްގެ ތެރޭގައި ނިންމާލުމާ އެކު، ގިނަވެގެން މަހެއްހާ ދުވަސް ތެރޭގައި ހުކުމް ކުރެވޭނެ އެވެ. އަދި ޖިނާއީ ބޮޑު މައްސަލައެއް ނަމަ، އެންމެ ލަސްވެގެން ދެ ތިން މަސް ތެރޭގައި މުޅި މައްސަލަ ނިންމާލެވޭނެ އެވެ. މިދެންނެވި ކޮންޓިނިއަސް ހިއަރިން ނިޒާމަކީ އެހެން ގައުމުތަކުގައި ވެސް ކާމިޔާބު ނިޒާމެކެވެ.

އެހެން ނަމަވެސް، ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލު ކުރަން ފެށިތާ އެތައް އަހަރެއް ވީއިރު ވެސް، ކޮންޓިނިއަސް ހިިއަރިންގެ އުސޫލުން ރާއްޖޭގައި ހިންގި ޝަރީއަތެއް ނެތެވެ. ޝަރީއަތް އަވަހަށް ކުރިއަށް ނުދިއުން އެކަންޏެއް ނޫނެވެ. ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ކަނޑައަޅައި، ދެ ފަރާތާ ހިއްސާ ކުރަން ގާނޫނު ލާޒިމް ކުރިޔަސް، އެކަން ވެސް ކުރަނީ ބައެއް މައްސަލަތަކުގަ އެވެ. ހުރިހާ މައްސަލަތަކެއްގައިި އެއް އުސޫލަކުން އަމަލެއް ނުކުރެވެ އެވެ.

ކްރިމިނަލް ކޯޓުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ހަ މަސް ދުވަހު ނިންމީ 283 މައްސަލަ އެވެ. ހަ މަސް ދުވަހަށް ބަހާލާއިރު ދުވަހަކު ގިނަވެގެން ދެ މައްސަލަ އެވެ. އެ މުއްދަތުގައި 5،000 އަށް ވުރެ ގިނަ އަޑުއެހުން އެ ކޯޓުގައި ތާވަލް ކުރިޔަސް، ބޭއްވި އަޑުއެހުންތަކަށް ވުރެ ކެންސަލްކުރި އަޑުއެހުންތައް ގިނަ އެވެ. ތަފާތު އެކި ސަބަބުތަކާ ހުރެ އެވެ. އޭގެ ތެރޭގައި ދައުވާލިބޭ މީހުންނާއި ވަކީލުންގެ އިތުރުން ކަމާބެހޭ އެހެން މުއައްސަސާތަކާ ގުޅުންހުރި ސަބަބުތައް ވެސް ހިމެނެ އެވެ.

އެތައް އަހަރެއް ފަހުން ދައުވާ ކުރުމަކީ ވެސް މި މައްސަލަ ކުރިމަތިިވާ އަނެއް ސަބަބެވެ. ދާދިފަހުން ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކަށް އެކަނި ބެލިޔަސް، އާދައިގެ މައްސަލަތަކުގައި ހާދިސާ ހިނގިތާ ފަސް އަހަރު ފަހުން ވެސް ދައުލަތުން ކޯޓަށް އެ މައްސަލަ ފޮނުވާފައި ދައުވާ ކޮށްފައި އެބަހުއްޓެވެ. އަދި މީގެ 10 އަހަރުު ނުވަތަ 12 އަހަރު ކުރީގެ ހާދިސާތަކުގައި ވެސް މީގެ ދެ އަހަރު ކުރިން ދައުވާ ކޮށްފައި އެބަހުއްޓެވެ. ދައުވާ ކުރުމުގެ މުއްދަތު ނުހިނގާ މައްސަލަތަކުގައި މިގޮތަށް އަދިވެސް އަމަލު ކުރެ އެވެ.

ޖިނާއީ މައްސަލަތައް ލަސްވުމުގެ ޝަކުވާ އޮތީ ދަށު ކޯޓުތަކާ ހަމައިން އެކަންޏެއް ނޫނެވެ. އިސްތިއުނާފް މަރުހަލާއަކީ ދަށު ކޯޓުތަކުގެ ވުރެ އަވަހަށް ޝަރީއަތް ކުރިއަށް ގެންގޮސް ނިންމާލެވޭ މަރުހަލާ އެކެވެ. ހެކިވެރިން ހާޒިރު ކުރުމާއި ހެކިބަސް ނެގުން ފަދަ ކަންކަމަކީ ވަރަށް މަދު ހާލަތްތަކެއްގައި ނޫނީ އިސްތިއުނާފް މަރުހަލާގައި ކުރަންޖެހޭ ކަންކަމެއް ނޫނެވެ. އެކަމަކު ފަސް އަހަރު ދުވަސްވެފައިވާ އެތައް މައްސަލައެއް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި މިހާރު ވެސް ނުނިމި އެބަހުއްޓެވެ.

ދަށު ކޯޓުތަކުން ބައެއް މަައްސަލަތަކުގައި ތާވަލްތައް ކަނޑައަޅައިގެން ކުރިއަށް ގެންދިޔަޔަސް، ހައި ކޯޓާއި ސުޕްރީމް ކޯޓުން އެއްވެސް މައްސަލައެއްގައި މިގޮތަށް އަމަލެއް ނުކުރެ އެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލު ކުރުމުގައި ހައި ކޯޓާއި ސުޕްރީމް ކޯޓަށް ގާނޫނުން ވަކި އިސްތިސްނާއެއް ދީފަައި ނެތަސް، އެ ދެ ކޯޓުން އެ ގާނޫނުގެ އުސޫލުތަކަށް މިހާތަނަކަށް އަމަލެއް ނުކުރެ އެވެ. އެހެންވުމުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ޖިނާއީ މައްސަލައެއް ނިމޭނެ ދުވަހެއް ލަފާކޮށްލުމަކީ ވެސް އުނދަގޫ ކަމެކެވެ.

ޝަރީއަތްތައް ލަސްވާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މައްސަލަތައް ލަސްވާ އެއް ސަބަބަކީ ފަނޑިޔާރުންގެ ގާބިލްކަން ދަށްވުމެވެ. ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ގިނަ ފަނޑިޔާރުންނަކީ އެ ރިޕޯޓް ނެރުނު ފަހުން ޖޭއެސްސީން އެ ކޯޓަށް އައްޔަންކުރި ނުވަތަ ބަދަލުކުރި އިލްމީ ފަނޑިޔާރުންނެވެ. އެކަމަކު ފަނޑިޔާރުން ބަދަލުވިޔަސް، މައްސަލަތައް ނިންމާ ސްޕީޑް ކުރިއާ އަޅާ ބަލާއިރު މާ ބޮޑު ތަފާތެއް މިހާތަނަށް ނުފެނެ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޖިނާއީ މައްސަލަތައް ނުނިމި ލަސްވުމުގެ ޝަކުވާ އަންނަނީ ގާނޫނުގައި ބުނާ އިޖްރައާތަށް ފުރިހަމައަށް އަމަލު ނުކުރެވޭތީ އެވެ. އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލް ދުރާލާ އެކުލަވާލައިގެން ބައެއް މައްސަލަތަކުގައި ކުރިއަށް ދިޔަޔަސް، ހުރިހާ މައްސަލަތަކުގައި އެއް އުސޫލަކުން އެކަން ނުކުރެވޭ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ބައެއް މައްސަލަތަކުގައި އަމަލުކުރާ ގޮތުން ގާނޫނުގެ މަގްސަދު ހާސިލްނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

"އެންމެ ރަނގަޅަށް މިކަން ކުރެވޭނީ ގާނޫނުގައި ބުނާ ގޮތަށް އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ތާވަލް ކަނޑައެޅިގެން. ހުރިހާ މައްސަލަތަކެއްގައި އަދިވެސް އެގޮތަކަށް އަމަލެއް ނުކުރޭ." އެއް ވަކީލަކު ވިދާޅުވި އެވެ.

ޖިނާއީ އަދުލުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނެވި، ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދިއްޖެ އެވެ. އެހެން ނަމަވެސް އެ ބަދަލުތަކުގެ ފައިދާއެއް އެކަށީގެންވާ ގޮތެއްގައި އަދިވެސް ނުފެންނަ ސަބަބަކީ ކޯޓުތަކުން މައްސަލަތައް ނުނިމި ލަސްވާ ލަސްވުމެވެ. މައްސަލަތައް ނުނިމިގެން ޝަކުވާ ކުރާ ކޮންމެ ފަހަރަކު މުއައްސަސާތަކުގެ ފަރާތުން ފެންނަނީ ކޮންމެވެސް ބަހަނާ އެކެވެ. މިފަދަ ކަންކަމުން އެތައް ބަޔަކަށް ބޮޑެތި ގެއްލުން ލިބޭއިރު ވެސް މުއައްސަސާތަކުގެ ފަރާތުން ފެންނަނީ އިހުމާލުވަމުންދާ ތަނެވެ.