Roadha Mihaaru
ކޯޓު މުވައްޒަފެއްގެ ގަޔަށް ކުޅު ޖެހުމުން ޖަލަށް

ކޯޓު މުވައްޒަފެއްގެ ގަޔަށް ކުޅު ޖެހި މީހަކު 15 ދުވަހަށް ޖަލަށް

13 އޯގަސްޓް 2022

ކްރިމިނަލް ކޯޓުގެ ޝަރީއަތަކަށް ހާޒިރުކުރި މީހަކު ކޯޓުގެ މުވައްޒަފެއްގެ ގަޔަށް ކުޅުޖެހުމުން 15 ދުވަހަށް ޖަލަށްލާން އެ ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ ޝަރީއަތަކަށް ހާޒިރުކުރި މީހަކު ކޯޓުގެ މުވައްޒަފެއްގެ ގަޔަށް ކުޅުޖެހުމުން 15 ދުވަހަށް ޖަލަށްލާން އެ ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ އަނިޔާއެއް ދިނުމާއި ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާލިބޭ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ޖަލު ހުކުމް އައީ ކޯޓުގެ އަދަބުތަކާ ޚިލާފަށް އަމަލުކޮށް، އަދި ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖެހުމުންނެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން އޭނާ ކޯޓުގެ އަދަބާ ޚިލާފަށް ތަކުރާރުކޮށް އަމަލުކުރާތީ ނަސޭހަތްތެރިވުމުން ވެސް އެކަންކަމަށް ބެލުމެއް ނެތި އަދި ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖަހާފައިވާތީ 15 ދުވަހަށް ޖަލަށްލީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުންނެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާ ގޮތުން ކޯޓު ހުރުމަތް ކަނޑައިފި ނަމަ ވަގުތުން އަދަބު ކަނޑައެޅޭނެ އެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން 15 ދުވަހަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހު ގޭގައި ބަންދުކުރުން ނުވަތަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކޯޓު ހުރުމަތް ކެނޑުމުގެ އަދަބު ތިން މަސް ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް، ކޯޓުތަކާބެހޭ ގާނޫނަށް ދާދިފަހުން އިސްލާހު ގެނެސްފައިވެ އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އެކަމަށް އޮންނަ އަދަބަށް އިސްލާހު ގެނެސްފައެއް ނުވެ އެވެ.

މީގެކުރިން ކޯޓުގައި ފަނޑިޔާރުންނަށް ދައުލަތުގެ ވަކީލުންނަށް އިންޒާރު ދިނުމާއި ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުން ވެސް ބައެއް މީހުންނަށް ޖަލު ހުކުމް އިއްވާފައިވެ އެވެ. އަދި ކްރިމިނަލް ކޯޓަކީ "ކީއްކުރާ ތަނެއްހޭ" ބުނި މީހެއްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވި އެވެ.