Roadha Mihaaru
މާލޭ ސިޓީގެ ކައުންސިލްގެ ދަތިތައް އެލްޖީއޭއިން ބަލައިފި

މާލޭ ސިޓީ ކައުންސިލަށް ދަތިވާ ކަންތައްތައް އެލްޖީއޭ އިން ބަލައިފި

20 އޯގަސްޓް 2021

މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަޝްވަރާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަޝްވަރާކޮށްފި އެވެ.

ސީއީއޯ އަފްޝަން ލަތީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީީ، މާލޭ ސިޓީކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އަފްޝަން ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝް ވަރާ ކުރެއްވި އެެވެ.

"ދެ ފަރާތް ވެސް ހިއްސާވާ އެ ކަންބޮޑުވުންތަކުގެ ކަންތައް އެލްޖީއޭ އިން ބަލަމުން ގެންދާނެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ،" ޓްވީޓްގައި އަފްޝަން ވިދާޅުވި އެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ހެންވޭރު އުތުރު ސެގްމެންޓް ފަށަން މިދިޔަ އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މުއިއްޒު ވިދާޅުވީ އަލަށް އިންތިހާބުކުރި ސިޓީ ކައުންސިލަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެދުނު ކަންކަން ފުރިހަމަ ކޮށްދީފައި ވާނެ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ޖެއްސުންކުރާތަން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ކައުންސިލްގެ ބޭނުމެއް ކަމަށާއި އެކަން ކޮށްދިނުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ނަމަވެސް މި ތިން މަހުގެ ތެރޭގައި ފެނިގެން ދަނީ ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް އަދި ބައެއް ވުޒާރާތަކުން އެއްބާރުލުން ނުދީ ހުރަސްތައް ކުރިމަތިކުރާތަން. މި މަޝްރޫއުން ވެސް ފެނިގެންދަނީ އެތަން،" އޭނާ އެދުވަހު ވިދާޅުވި އެވެ.

ކައުންސިލްގެ ޒިންމާ އަދާކުރަން ސަރުކާރުގެ ތެރެއިން އެކިއެކި ދިމަދިމާލުން ހުރަސްތައް ކުރިމަތިކުރުވާތީ ހިތާމަ ކުރައްވާ ކަމަށާއި ރައްޔިތުން އެދޭ އަމާޒަށް ހިދުމަތް ދިނުމަށް، އިދިކޮޅު ކޯލިޝަންގެ މެޖޯރިޓީ އޮތް ކައުންސިލަށް އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.