Roadha Mihaaru
ސިޓީ ކައުންސިލަށް 1 އަހަރު، އެއްބާރުލުމެއް ނުލިބޭ!

ސަރުކާރުގެ އެއްބާރުލުން ނުލިބި ސިޓީ ކައުންސިލަށް އަހަރެއް!

17 މެއި 2022

ގާނޫނީ އާ ބާރުތަކާއެކު މަގާމާ ހަވާލުވި ނަމަވެސް މުހިއްމު ބައެއް މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ނުދޭތީ މާލެ ސިޓީ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގާނޫނީ އާ ބާރުތަކާއެކު މަގާމާ ހަވާލުވި ނަމަވެސް މުހިއްމު ބައެއް މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ނުދޭތީ މާލެ ސިޓީ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކައުންސިލަށް އެއް އަހަރު ފުރުމާ ދިމާކޮށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހާއްސަ ކޮށްގެން އުފައްދަން އުޅުނު ކުންފުންޏާއި މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ މާޔޫސްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން ހަދައި ހުއްދަ ހޯދަން ވަނީ ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ. އެކަމަކު، އިސްލާހުކުރަން ޖެހޭ ކަންތައްތައް ހުރުމުން އެ މިނިސްޓްރީން އެންގި ގޮތަށް އަލުން ފޮނުވާފައިވާ ކަމަށާއި އެކަން ލަސްވުމަކީ ވެސް މަސައްކަތްތަކަށް ހުރަސް އެޅޭ ކަމެއް ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ.

އެކަމަކު ޖުމުލަ ގޮތެއްގައި ސަރުކާރުގެ އިދާރާތަކުން ވަރަށް ބޮޑު އެހީތެރިކަން ލިބޭ ކަމަށް، އިދިކޮޅު ޕީޕީއެމްގެ ސުޕަ މެޖޯރިޓީ އޮންނަ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޖުމުލަ އެއް އަހަރު ފާހަގަވަނީ މި ގޮތުގައި. ރައްޔިތުން އަޅުގަނޑުމެންނަށް ދެއްވި އެހީތެރިކަމާ އެކީގައި ދުވަހުން ދުވަހަށް އެ ރައްޔިތުންނަށް ދަތިވާ އެތައް ކަމެއްގައި އަޅުގަނޑުމެންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ދިޔައީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެޕޭސިޓީގައި ކޮށްދެވޭތޯ ބަލަމުން. ނަމަވެސް ބޮޑެތި މަސައްކަތްތައް ކުރުމުގައި އެބަހުއްޓޭ އަޅުގަނޑުމެން ބޭނުންވި ހިސާބަށް އަދި ނުދެވި،" ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މި ތިބީ ޕޮޒިޓިވް ނޯޓެއްގައި."

މުއިއްޒު ވިދާޅުވިގޮތުގައި، ކައުންސިލުން ތިބީ އުއްމީދީ ގޮތެއްގަ އެވެ. އަދި ކުރިއަށް އޮތް އަހަރު ބަދަލު އައިސް، ފުރިހަމަ ގޮތެއްގައި ސަރުކާރުން ގާނޫނީ ޒިންމާ އަދާކުރަން އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އޭރުން ވަރަށް ރަނގަޅަށް ހުރިހާ ކަމެއް ދާނީ. މިސާލަކަށް ހުޅުމާލެ މުނިސިޕަލް ހިދުމަތް ހަވާލުކުރުން. އެއީ އަޅުގަނޑުމެން ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެއް. އެހެން ނަމަވެސް [ސިޓީ ކައުންސިލާ] ހަވާލުނުކޮށް ހުރީ. މި ކަހަލަ ބައެއް ކަންކަން ހަވާލުކޮށްގެން ނޫނިއްޔާ ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ދާން ފުރުސަތު ދެއްވާނެ ކަމުގެ އުއްމީދާ އެކީގައި މިއަދު މި ފާހަގަކުރަނީ،" އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައިފު ފާތިހު ވިދާޅުވި ގޮތުގައި އެ ކައުންސިލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުން އަދި ވެސް ލާމަރުކަޒީ ނިޒާމު ރަނގަޅަށް ބަލައިނުގަތުން ކަމަށެވެ.

ތަރައްގީގެ ޕްލޭންތައް "މަތިން ތިރިއަށް" އަމުރު އަންނަ ގޮތަށް އައުމާއި ކައުންސިލާއެކު ކުރަންޖެހޭ މަޝްވަރާތައް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސިޓީ ކައުންސިލަށް އެއް އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސިޓީ ކައުންސިލަށް އެއް އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު އުއްމީދުކުރަން ކުރިއަށް މި އޮތް އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ވެސް އެ ވިދާޅުވާ ފަދައިން، އެ މަނިކުފާނުގެ ވެރިކަމުގެ އެންމެ ބޮޑު މަސައްކަތަކީ ލާމަރުކަޒީ ނިޒާމު. އެންމެ ބޮޑު ޕްރޮޖެކްޓަކީ ލާމަރުކަޒު ކުރުން. އެ ބޭފުޅުން ބޭނުންވަންޏާ އެ ކޮމިޓްމަންޓާ އެއްގޮތަށް އަޅުގަނޑުމެންނަށް އެ ބަދަލުތައް ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން، އެސްއޯއީތަކުގެ ތެރެއިން ފެންނާނެ ކަމަށް،" ސައިފް ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ގާނޫނެއް ވަރަށް ފުރިހަމައަށް ހެދިއަސް އެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބެންޖެހޭ ހުރިހާ ބާރަކާއި ދޭންޖެހޭ އެހީތެރިކަން ނުދޭ ނަމަ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

ކައުންސިލް، ކައުންސިލްގެ ގޮތުގައި ހިންގުމަށްޓަކައި އަދި މާލޭގައި އުޅޭ މީހުންނަށް ފުރިހަމައަށް ހިދުމަތް ދިނުމަށް ހަދާފައިވާ ޕްލޭނަށް އަމަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ސިޓީ ކައުންސިލަށް އެއް އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ސިޓީ ކައުންސިލަށް އެއް އަހަރު ފުރުން ފާހަގަކުރަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަރީޝް ވިދާޅުވީ އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރި ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން މިއަދާ ހަމައަށް އޭގެ ގޮތުގައި ފުރިހަމައަށް ލިބިފައި ނެތް ކަމަށެވެ. އެހެންވެ، ކައުންސިލުން ހިފި އަމާޒަށް ވާސިލްވުމުގައި ބައެއް ކަންތައްތަކުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ ނަރީޝް ވިދާޅުވި ގޮތުގައި އެކަށީގެންވާ މުވައްޒަފުން ނެތުމުވެ.

ދަތިތައް ހުއްޓަސް މުވައްޒަފުން ނެގޭނެ އުސޫލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްގެން ވެސް މުވައްޒަފުން ނުލިބޭ ކަމަށެވެ. އޮނިގަނޑަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ސީއެސްސީގައި މަޝްވަރާ ކުރިއަސް އެއް އަހަރު ނިންމާލަން ޖެހުނީ އިންސާނީ ވަސީލަތް ހަރުދަނާ ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރަކީ [އުންމީދަކީ] މި ކަންކަން ވާނެ އުސޫލެއް ދައުލަތުގެ މުއައްސަސާތަކުން ދެއްކުން،" ނަރީޝް ވިދާޅުވި އެވެ.