10 ސެޕްޓެމްބަރ 2022
ހުރިހާ ކަމެއްގައި މައި ސަރުކާރަށް ބަރޯސާވުން ހުއްޓާލައި، ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު އެއް ވައުދެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު، އިންތިހާބުކުރި ފުރަތަމަ ކައުންސިލަށް އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ރަނގަޅަށް މަސައްކަތްކުރުމަށް ގިނަ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.
ހުރިހާ ކަމެއްގައި މައި ސަރުކާރަށް ބަރޯސާވުން ހުއްޓާލައި، ލޯކަލް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު އެއް ވައުދެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު، އިންތިހާބުކުރި ފުރަތަމަ ކައުންސިލަށް އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ރަނގަޅަށް މަސައްކަތްކުރުމަށް ގިނަ ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ މާލީ އެހީތެރިކަމާއި ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހެދުމާ ގުޅޭ ކަންތައްތަކެވެ.
އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫއެސްއެއިޑްގެ އެހީގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ އަހަރު ފެށި "ފަނޯއްލަ" ދަރުބާރަކީ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ހުޅުވައިލަދިން ދޮރެކެވެ.
އޭގެ ހަތަރު ވަނަ ބައްދަލުވުން ދ، ތ، ލ، ގއ، ގދ، ގެ ރަށްރަށާއި އަތޮޅު ކައުންސިލްގެ ރައީސުން އަދި ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް އަދި އައްޑޫގެ މޭޔަރުންގެ އިތުރުން އެ ރަށްތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު، ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމުގައި އިއްޔެ ވަނީ ފަށައިފަ އެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު "މިހާރު" އަށް ވިދާޅުވި ގޮތުގައި، ފަނޯއްލަ ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ސިޔާސަތުތައް ވިލަރެސްކުރުމެވެ. ކޮވިޑުގެ ސަބަބުން ދަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މިދިޔަ އަހަރުގެ މާޗު މަހާއި ސެޕްޓެމްބަރު މަހު އޮންލައިންކޮށް އަދި މިދިޔަ މޭ މަހު އއ. އުކުޅަހުގައި ބޭއްވި އޭގެ ތިން ވަނަ ބައްދަލުވުމުގައި ގިނަ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ބައްދަލުވުންތަކުގައި ކައުންސިލަރުންނާއެކު މިނިސްޓްރީތަކުގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
"މަގުސަދަކީ ފަންނީ ބޭފުޅުންގެ އެހީއާއެކު، ކައުންސިލްތަކުގައި ހުރި އެންމެ ބޮޑު ކަންބޮޑުވުންތަކާއި ޝަކުވާތައް ޑިސްކަސް ކުރެވި، ފުޅާ މަޝްވަރާއަކަށް ފަހު، އެ ބޭފުޅުން ޕްރޮޕޯސްކުރާ ހައްލުތަކެއް ވިޔަވަތި ކޮންފަރެންސަށް، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓު ތިއްބަވާ ކޮންފަރެންސަށް ހުށަހެޅުން،" އަފްޝަން ވިދާޅުވި އެވެ.
މި ފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކުރަމުން އަންނަނީ ވަކި މައުލޫއު ތަކަށެވެ. އޭގެ ބައެއް ކަންތައްތަކަކީ؛
- ކައުންސިލްތަކަށް މާލީ އެހީތެރިކަން ދޭ ފިސްކަން ފޯމިއުލާ މުއާޖައާކުރުން.
- ލޭންޑުޔޫސް ޕްލޭނާ ގުޅޭގޮތުން.
- ވިލުންވެރި މުޖުތަމައެއް ބިނާކުރުން.
ފަނޯއްލަ ދަރުބާރުގެ ބައްދަލުވުންތައް މިއަދު ނިމޭނެ އެވެ. އެ ބައްދަލުވުމުގައި ނިންމާ ކަންތައްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ "ވިޔަވަތި" ކޮންފަރެންސަށް ހުށަހަޅާނެ އެވެ. ކައުންސިލާއި ފަންނީ އަދި ޓެކްނިކަލް ބޭފުޅުންނާއެކު ވިޔަވަތީގެ ތިން ވަނަ ކޮންފަރެންސްގެ ރަސްމީ ބައްދަލުވުންތައް މާދަމާ ފަށާނެ އެވެ.
އަފްޝަން ވިދާޅުވީ މިދިޔަ މޭ އުކުޅަހުގައި ބޭއްވި ކޮންފަރެންސްގައި ފިސްކަލްގެ ކަންތައްތައް ރިވިއު ކުރުމަށް ނިންމި ކަމަށެވެ. އެއާ އެއްގޮތަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ މިނިސްޓްރީ އަށް ފެންނަ ކަންތައްތައް ގަމުގެ ކޮންފަރެންސަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
Very lively and open discussions happening at the 4th #FanoallaDharubaaru in Laamu pic.twitter.com/xDwtSNrZMH
— Afshan Latheef ? (@AfshanLatheef) September 9, 2022
އޭގެ އިތުރުން ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން ތަމްރީނުތަކެއް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.
"އެ ކަހަލަ ނިންމުންތަކެއް މި ކޮންފަރެންސް އިން ވެސް އަންނާނެ ކަމަށް މި ބަލަނީ."
އަފްޝަން ވިދާޅުވީ ފުރަތަމަ ބޭއްވި ދެ ކޮންފަރެންސުން ވެސް މުހިއްމު ނަތީޖާތަކެއް ނެރެވުނު ކަމަށެވެ. އެ ނަތީޖާތަކަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބޭ ބާރު ތަންފީޒުކުރުމުގައި ހުރަސް އަޅާ ގާނޫނުތައް ދެނެގަތުން ކަމަށާއި އޭގެ ތެރެއިން ބައެއް ގާނޫނުތައް އިސްލާހުކުރަން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މާލިއްޔަތު ގާނޫނާއި ޓޫރިޒަމް ގާނޫނަކީ އެ ތަނުން ދެ ގާނޫނެވެ.
އެ ކަންތައްތައް ބެލުމަށް ފަހު، އެ ގާނޫނުތަކަށް އިސްލާހު ހުށަހަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވި އެވެ.
އެހެން އިސްލާހުތަކަށް ވެސް މަޝްވަރާކޮށް، ކޮމިޓީ މަރުހަލާގައި ބައްދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ގާނޫނަކީ ފަޅު ރަށްރަށުގެ ގާނޫނެވެ.
މީގެ ކުރިން ބޭއްވި ފަނޯއްލަ ކޮންފަރެންސަށް އެލްޖީއޭ އިން ހުށަހެޅީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓާ ރަށްތައް، ކައުންސިލްތަކުގެ އިހުތިސާސްތަކަށް ބަދަލުކުރުމަށެވެ.
"މި ކަހަލަ ހުށަހެޅުންތަކަށް މިނިސްޓްރީން ވެސް ވަރަށް ޕޮޒިޓިވް. އެ މަސައްކަތްތައް ދަނީ ކުރެވެމުން. މަޖިލީހުގައި ވެސް މަޝްވަރާތައް ކުރެވި، ކޮމިޓީ އަދި ފްލޯގައި އެ ވާހަކަތައް ދެއްކެވޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ ފެނޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް، ގަވައިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ސިޔާސަތުތައް ބައްޓަންކުރުމުގައި ފަނޯއްލަ ދަރުބާރުގެ ހިމެނިގެންދާތަން،" އަފްޝަން ވިދާޅުވި އެވެ.
ފަނޯއްލަ އަދި ވިޔަވަތި ކޮންފަރެންސްގައި މި ފަހަރު ބައިވެރިވީ ރާއްޖޭގެ އާބާދީގެ އެންމެ ބޮޑެތި ރަށްތަކުންނެވެ.
އަފްޝަން ވިދާޅުވީ މި ފަހަރުގެ ބައްދަލުވުމުގައި ވެސް އިހުތިސާސްގެ ސުވާލުތައް ކުރިމަތިވާ ކަމަށެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފުވައްމުލައް އަދި އައްޑޫ ސިޓީ ކައުންސިލުން ވަނީ މާލެއާ އެއް ބާސްކެޓެއްގައި އެ ސިޓީތައް ހިމެނި، މާލީ އެހީތެރިކަން ދޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކައުންސިލްތަކުން ބޭނުންވާ ނަމަ އެކަން ބަދަލުކުރަން ވިއަވަތި ކޮންފަރެންސަށް ހުށަހަޅާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިއަވަތި ކޮންފަރެންސްގައި ސީދާ ރައީސާއި ކެބިނެޓު ވަޒީރުން ބައިވެރިވެވަޑައިގަންނަވާތީ އެ ގާތް ގުޅުމާއި އިތުބާރު އޮތުމަކީ ކައުންސިލްތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގައި މަގުސަދު އޮތްކަން އެނގޭ ކަމެއްކަން، އޭނާ ފާހަގަކުރެއްވި އެވެ.
އެލްޖީއޭ ވާނީ ކައުންސިލްތަކުގެ ގާތް ރަހުމަތްތެރިއަކަށް!
އެލްޖީއޭއާ މެދު ދެކޭގޮތް ބަދަލުވާންޖެހޭ: އަފްޝަން
ތަރައްގީގެ ޕްލޭން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްފި
ހެލްތުގެ 20 މަޝްރޫއެއް ހިންގަން ކައުންސިލްތަކަށް
ތަރައްގީގެ ދުވެލި ބަރުހެލީ ލާމަރުކަޒީ ކުރަން ނުކެރޭތީ
ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓްދޭން މަޝްވަރާއަށް
ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މިހާރު ވެސް މަދު: އެލްޖީއޭ
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
ފައިސާ ނުދައްކާ މީހުންގެ އާއިލާތަކަށް ހިދުމަތް ނުލިބޭނެ
ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން އެދިއްޖެ