Roadha Mihaaru
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ

ކައުންސިލްތަކަށް ވީހާ ވެސް އަވަހަށް ބްލޮކް ގްރާންޓު ޖަމާކޮށްދޭން އެލްޖީއޭ އިން އެދިއްޖެ

16 މެއި 2024

ލޯކަލް ކައުންސިލްތަކަށް ވީހާ ވެސް އަވަހަށް މާލީ އެހީ ފޯރުކޮށްދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލްތަކަށް ވީހާ ވެސް އަވަހަށް މާލީ އެހީ ފޯރުކޮށްދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެދިއްޖެ އެވެ.

އެ އިދާރާގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ސޮއިކުރައްވައި، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މަހުން މަހަށް ކައުންސިލްތަކަށް ދޫކުރަމުން ގެންދާ ބްލޮކް ގްރާންޓު ޖަމާވުން ލަސްވަމުން ދާތީ، އެ ކަންބޮޑުވުން ބައެއް ކައުންސިލްތަކުން ފާޅުކުރަމުންދާ ކަމަށެވެ.

ގްރާންޓު ޖަމާވުން ލަސްވާ ސަބަބު އޮޅުން ފިލުވުމަށާއި އެހެނިހެން ކަންކަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅަން ދަތިވާ ކަމުގެ ކަންބޮޑުވުންތައް ވެސް ކައުންސިލްތަކުން ފާޅުކުރަމުންދާ ކަމަށް ސިޓީގައި ބުންޏެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ގިނަ ކައުންސިލްތަކުން މަހުން މަހަށް މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ރިކަރަންޓު ހަރަދު ހަމަޖައްސަމުން ގެންދަނީ އެ މަހެއްގައި ކައުންސިލަށް ދޫކުރާ ބްލޮކް ގްރާންޓުގެ ތެރެއިން ކަމަށް ވެފައި، ބްލޮކް ގްރާންޓު ދޫކުރުން ލަސްވެއްޖެ ނަމަ މުވައްޒަފުންގެ މުސާރަ، މަސް ނިމޭއިރު ވެސް ޖަމާނުވުމުގެ ސަބަބުން ގިނަ މުވައްޒަފުންގެ ނުރުހުން ކައުންސިލަށް އަމާޒުވަމުން ދާކަން ކައުންސިލްތަކުން ދަނީ ފާހަގަކުރަމުންނެވެ،" ސިޓީގައި ވެ އެވެ.

އެހެންވެ، ވީހާ ވެސް އަވަހަށް ބްލޮކް ގްރާންޓް ޖަމާކޮށް، އެއްވެސް ސަބަބަކާ ހުރެ ކައުންސިލެއްގެ ބްލޮކް ގްރާންޓު ހިފަހައްޓާ ނަމަ އެ ހިފެހެއްޓި ސަބަބު އެ ކައުންސިލަކާއި އެލްޖީއޭ އަށް އެނގޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެލްޖީއޭ އިން އެދުނެވެ. ކައުންސިލްތަކާއި އެލްޖީއޭ އަށް އަށް ފަސޭހައިން ފިނޭންސް މިނިސްޓްރީއަށް ގުޅޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ވެސް އެދިފައިވެ އެވެ.

ބްލޮކް ގްރާންޓު ލިބުން ލަސްވުމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ މީގެ ކުރިން، ކޮންމެ މަހެއްގެ 20 ވަނަ ދުވަހު ނުވަތަ އެ މަހެއްގެ ފުރަތަމަ ދެ ހަފުތާގައި ގްރާންޓު ޖަމާވާ ކަމަށެވެ.

ނަމަވެސް، މިހާރު އެއް މަސް ނިމި، އަނެއް މަހުގެ މެދާ ހަމައަށް ދާއިރު ވެސް ކުރީ މަހުގެ ގްރާންޓު ޖަމާނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އެ އަހަރަކަށް ކަނޑައަޅާފައި އޮންނަ އަދަދު، 12 މަހަށް ބަހާލައިގެން އެ ޖެހޭ އަދަދު ބަރާބަރަށް ދެމުން ދިޔައީ. ކުރިން އެއްވެސް މައްސަލައެއް ދިމާ ނުވޭ. އެކަމަކު، މިހާރު ވަރަށް ގިނަ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އެ މައްސަލަ ދިމާވެގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ދައުލަތުން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، ''ބްލޮކް ގްރާންޓް'' ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ ވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.