Roadha Mihaaru
އެލްޖީއޭގެ ނައިބު ރައީސަކަށް މިންނާ އިންތިޚާބުކޮށްފި

އެލްޖީއޭގެ ނައިބު ރައީސަކަށް މިންނާ އިންތިޚާބުކޮށްފި

26 ޖޫން 2017

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސްގެ މަގާމަށް މިންނާ ރަޝީދު އިންތިޚާބު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސްގެ މަގާމަށް މިންނާ ރަޝީދު އިންތިޚާބު ކޮށްފި އެވެ.

އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމާ ގުޅިގެން ދާދި ފަހުން އެލްޖީއޭގެ ބޯޑަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މިންނާ އަކީ ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން އެ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.

އެލްޖީއޭގެ ނައިބު ރައީސް ކަމަށް، ނިލަންދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލާ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ މިންނާ އިންތިޚާބުވީ މިއަދު ބޭއްވި އެ ބޯޑުގެ ބައްދަލުވުމުގައި ނެގި ވޯޓުން ކަމަށް އެލްޖީއޭ އިން ބުންޏެވެ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެލްޖީއޭގެ ނައިބު ރައީސް އިންތިޚާބު ކުރާނީ އެ ބޯޑުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓުންނެވެ.

ގާނޫނު އޮންނަ ގޮތުން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނަވާނީ އެލްޖީއޭ ހިންގުން ރައީސުލް ޖުމްހޫރިއްޔާ ހަވާލުކުރާ މިނިސްޓަރެވެ. މި ވަގުތު އެލްޖީއޭ ހިންގުން ހަވާލު ކުރައްވާފައި އޮތީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ކަމަށްވާތީ އެލްޖީއޭގެ ރައީސަކީ އަޒްލީނެވެ.

އަޒްލީނާއި މިންނާގެ އިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ތިއްބަވަނީ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރެއްގެ ގޮތުން ސ. ހިތަދޫ ފަރުދާބަގީޗާގޭ އަހުމަދު ހަސަން (ޗާނދަލިޔާ ހަސަން) އާއި ގަވަނަންސާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ގއ. ކަނޑުހުޅުދޫ ހެޕީކޯނަރު އާމިރު އަލީ އާއި އެލްޖީއޭގެ ސީއީއޯ އެވެ.

ކުރިން ގާނޫނު އޮންނަ ގޮތުން އެލްޖީއޭގެ ބޯޑުގައި ކައުންސިލަރުންނާ އެކު ނުވަ މެމްބަރުން ތިބެ އެވެ. އެކަމަކު މިހާރު ވަނީ އެ އަދަދު ފަހަކަށް ދަށްކޮށްފަ އެވެ.