Roadha Mihaaru
ތަރައްގީގެ ދުވެލި ބަރުހެލީ ލާމަރުކަޒީ ކުރަން ނުކެރޭތީ

ތަރައްގީގެ ދުވެލި ބަރުހެލި ވެގެން އުޅެނީ ލާމަރުކަޒީ ކުރަން ނުކެރިގެން: ރައީސް

10 ފެބުރުއަރީ 2019

ރާއްޖޭގެ އިގުތިސޯދީ ދުވެލި މަތިވަމުން އައި ނަމަވެސް ތަރައްގީގެ ދުވެލި ބަރުވެގެން އުޅެނީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ނުކެރިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އިގުތިސޯދީ ދުވެލި މަތިވަމުން އައި ނަމަވެސް ތަރައްގީގެ ދުވެލި ބަރުވެގެން އުޅެނީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ނުކެރިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ކުރުމަކީ ކައުންސިލްތައް އުފައްދައި ކައުންސިލަރުންތަކެއް އިންތިޚާބުކުރުން އެކަނި ނޫން ކަމަށާއި އެ ކައުންސިލްތަކަށް އިދާރީ އަދި މާލީ ބާރުވެރިކަން ދޭންޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ކުރުމަކީ ރަށު އޮފީހުގެ ނަން، ކައުންސިލް އިދާރާގެ ނަމަށް ބަދަލުކުރުން އެކަނި ނޫން ކަމަން އެމަނިކުފާނު ވިދާޅުވި އެވެ.

ރަށްރަށުގެ ހިންގުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ދިނުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި އެބޭފުޅުންގެ ތަސައްވުރުގައި ލާމަރުކަޒީ ނިޒާމަކީ މުޅި ރަށް ނުވަތަ ސިޓީގެ ހުރިހާ ކަމެއް އެ ތަނެއްގެ ރައްޔިތުން ބޭނުންވާ ގޮޮތަކަށް ރާވައި ހިންގުމުގެ ހުރިހާ ބާރަކާއި އިހުތިޔާރެއް ދޫކޮށްލުމެވެ. ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްގީގެ އައްސޭރި އަތުލަން ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

".އަޅުގަނޑުމެން މި ތިބީ ކައުންސިލްތަކަށް ބާރުތައް ދޫކުރަން. ލާމަރުކަޒީ ރާއްޖެއެއް ބިނާކުރުމަށް. ޖަޒީރާ ދިރިއުޅުން އެންމެ ފުރިހަމަ ގޮތުގައި ހޯދައިދޭން،" ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދީ ދުވެލި ހުރި ގޮތާއި ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނޫން ނަމަ 2050 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓް އުޅޭނީ މާލޭ ގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކައުންސިލްތަކުގެ ގާނޫނަށް 10 އަހަރު ވާއިރު، ތަފާތު ކަންތައްތަކެއް ވަނީ ތަޖުރިބާ ކުރެވިފަ އެވެ. ސިޔާސީ ގޮތުން ލާމަރުކަޒީ ކޮށްފައި ވިޔަސް އެންމެ އެދެވޭ ގޮތުގައި ތަންފީޒީ މަރުހަލާގައި ގިނަ ކަންކަން އަދި ވެސް ލާމަރުކަޒީ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)، ހޯމް މިނިސްޓަރު އިމްރާންއާ މިއަދު ސަލާމްކުރައްވަނީީީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ)، ހޯމް މިނިސްޓަރު އިމްރާންއާ މިއަދު ސަލާމްކުރައްވަނީީީ.-- ފޮޓޯ: ރައީސް އޮފީސް

އަންހެނުން ބާރުވެރި ކުރެވޭނެ ގޮތްތައް ނެތި ގެންނަ ލާމަރުކަޒީ ނިޒާމަކީ ހަގީގީ ލާމަރުކަޒީ ނިޒާމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތައް ބައިވެރި ކުރުމަކީ އެ މަޝްރޫއުތައް އަވަހަށް ހިންގުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި އަދި ރަށުގެ ތަރައްގީ އަށް މަޝްރޫއުތައް ހިންގާއިރު ރައްޔިތުންގެ ލަފައާ މަޝްވަރާގެ މަތިން ކަންކަން ކުރުމަށް މަގުފަހިވާނެ ކަމެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ މަގުސަދުގައި ކައުންސިލަރުން ވަކިކޮށް ސަސްޕެންޑު ކުރުން ފަދަ ކަންކަމުން ދުރުވާން ޖެހެ އެވެ. އަދި ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހަކީ ވެސް ފުރިހަމަ ލާމަރުކަޒީގެ ތަސައްވުރަކާ މުޅިން އިދިކީލި އިސްލާހެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ އިސްލާހުގައި ބުނަނީ ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސް ކަމަށެވެ. ހިދުމަތްތައް ދޭނީ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް އެ އިސްލާހުގައި ވެ އެވެ.

"މީގައި ކޮބައިތޯ ކައުންސިލްތަކަށް އޮތް ބާރަކީ؟ ކޮބައިތޯ ކައުންސިލްތަކަށް އޮތް އިހުތިޔާރަކީ؟ މިގޮތަށް ކައުންސިލްތަކުގެ ބާރުތައް މަރުކަޒީ ސަރުކާރަކަށް ނެގުމުން ކައުންސިލްތަކުގެ ދައުރަކަށް ވަނީ އެއްވެސް މާނައެއް ނެތް ދައުރަކަށް ނޫންތޯ. މީ ހަމަ ގައިމު ވެސް އަޅުގަނޑު ދަންނަ ލާމަރުކަޒީ ގާނޫނެއް ހުންނަ ގޮތެއް ނޫން،" އަށާރަ ރަށެއްގެ ކައުންސިލްގެ ރައީސާއި ބައެއް ރަށްރަށުގެ އަންހުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށިއިރު، އެ ގާނޫނަށް ހުރަސް އެޅޭ ގޮތަށް ގިނަ ގާނޫނުތަކެއް ހުރި ކަމަށެވެ. ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށްޓަކައި އެ ގާނޫނުތައް ވެސް އިސްލާހު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.