Roadha Mihaaru
އެލްޖީއޭ ވާނީ ކައުންސިލްތަކުގެ ގާތް ރަހުމަތްތެރިއަކަށް!

އެލްޖީއޭ ވާނީ ކައުންސިލްތަކުގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށް

12 ޖޫން 2021

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ ރަށްރަށާއި އަތޮޅާއި ސިޓީތަކަށް ކައުންސިލަރުން އައްޔަންކުރާތާ 10 އަހަރުވެއްޖެ އެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލަރުން މަސައްކަތްކުރީ މާ ބޮޑެތި ބާރުތަކެއް ނެތި އެވެ. އެހެންވެ، ލޯކަލް ގަވަނެންސްގެ މަންޒަރު އެއްކޮށް ބަދަލުކޮށް ހަގީގީ މާނައިގައި ކައުންސިލްތައް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު ވައުދެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ ރަށްރަށާއި އަތޮޅާއި ސިޓީތަކަށް ކައުންސިލަރުން އައްޔަންކުރާތާ 10 އަހަރުވެއްޖެ އެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލަރުން މަސައްކަތްކުރީ މާ ބޮޑެތި ބާރުތަކެއް ނެތި އެވެ. އެހެންވެ، ލޯކަލް ގަވަނެންސްގެ މަންޒަރު އެއްކޮށް ބަދަލުކޮށް ހަގީގީ މާނައިގައި ކައުންސިލްތައް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު ވައުދެވެ.

ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު ގެނައި ތާރީހީ ބަދަލުތަކާ އެކު އަންހެނުންނަށް ހާއްސަ ކޯޓާއެއް ހަމަޖެހިގެން ދިޔަ އެވެ. ވިޔަފާރީގެ ތެރެއަށް ވަދެ މާލީ ފުދުންތެރިކަމަށް ދޮރުހުޅުވިގެން ދިޔަ އެވެ.

އެ ކަންކަމާ އެކު، ކައުންސިލްތައް ބަލަހައްޓާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފު ހުންނެވީ ކައުންސިލަރުންގެ "ފްރެޝް ބެޗާ އެކު" ރަނގަޅު ބަދަލެއް ގެނެވޭނެ ކަމުގެ އުއްމީދުގަ އެވެ.

އޭނާ ވިދާޅުވީ ގާނޫނަށް ގެނައި ބަދަލުތަކާ އެކު ކައުންސިލުންގެ މެންޑޭޓުގައި މީގެ ކުރިން ނުހިމެނޭ އެތައް ކަމެއް ބަދަލުވެފައިވާ ކަމަށެވެ. އެ ކަންކަމަކީ ލޯކަލް ގަވަނެންސް އަށް ވިސްނާއިރު ވަރަށް ރަނގަޅު ފިޔަވަޅުތަކެއް ކަމަށް، އެލްޖީއޭގެ ސީއީއޯ ކަމުގައި މިދިޔަ އެއް އަހަރު ހުންނެވި އަފްޝަން ވިދާޅުވި އެވެ.

އެ ކަންކަމަށް ސަރުކާރާއި މަޖިލީހުގެ ފުރިހަމަ އެއްބާރުލުމެއް ލިބޭ ކަމަށާއި އެއީ އެ ތަންފީޒުކުރުމުގައި ހުރި ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވި އެވެ. ސިޔާސީގޮތުން ފިކުރު ތަފާތުވިޔަސް ކައުންސިލްތަކުން ވަރަށް ޝައުގުވެރިކަމާ އެކު މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ. މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭ. އެއީ އަޅުގަނޑުމެންނަށް މިކަންކަން އިމްޕްލިމެންޓު ކުރުމުގައި ހުރި ފަސޭހަތަކެއް. އޭގެ އިތުރުން ކައުންސިލަށް މިހާރު ހޮވިފައިވަޑައިގެންފައި ތިއްބެވި ބޭފުޅުންނަކީ ވެސް ވަރަށް ބޮޑަށް އަޅުގަނޑަށް ގަބޫލުކުރެވޭ ސިޔާސީ ގޮތުން ފިކުރު ތަފާތުވިޔަސް ކައުންސިލްތަކުގައި ވަރަށް ބޮޑަށް ޝައުގުވެރިކަމާ އެކު މަސައްކަތްކުރައްވަން ފައްޓަވާފައި ތިއްބެވި ބޭފުޅުންކަން،" އޭނާ ވިދާޅުވި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެލްޖީއޭގެ ސީއީއޯ އަފްޝަން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

"ލޯކަލް ގަވަނެންސްގައި މި ބަލަނީ އަސްލު ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް. އެ ބޭފުޅުންގެ މުޖުތަަމައު ތަރައްގީ ހޯދައިދިނުމަށް. އިގުތިސޯދީގޮތުން ވިޔަސް، އިޖުތިމާއީގޮތުން ވިޔަސް އެކިއެކި ތަރައްގީ ގެނެވޭތޯ މި ބަލަނީ ރައްޔިތުންނާ ގާތުގައި ތިބެގެން، ރައްޔިތުންގެ މަޝްވަރާއާ އެކު ނިންމައިގެން އެ މީހުންނަށް ހެޔޮ ކަންތައްތަކެއް ކޮށްދެވޭތޯ،" އޭނާ ވިދާޅުވި އެވެ. "އެކަމުގައި އަޅުގަނޑަށް ފާހަގަވޭ ރަށްރަށުގެ ކައުންސިލް ވެސް އަތޮޅު ކައުންސިލް ވެސް ސިޓީ ކައުންސިލްތައް ވެސް ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ފައްޓަވައިގެން އުޅުއްވާތަން. އެއީ އަޅުގަނޑަށް ހީވަނީ ވަރަށް ޕޮޒިޓިވް ސައިނެއްހެން. އެހެންވީމަ އަޅުގަނޑަށް ހީވަނީ ބާރުތަކާ އެކީގައި ވަރަށް ރަނގަޅު ބޭފުޅުންހެން މި ތިއްބެވީ ހޮވިފައި."

ބާރުތަކުން ގާނޫނީ ފުށުއެރުންތައް އެބަހުރި

ބަދަލުތަކާ އެކު އެންމެ މުހިއްމު ކަމަކަށްވީ ރަށުގެ އިހުތިސާސް ކަނޑައެޅުމެވެ. ނަމަވެސް އަފްޝަން ވިދާޅުވީ ކައުންސިލްތަކުން އެ ޒިންމާތައް އަދާކުރުމުގައި ފުށުއަރާ ގާނޫނުތަކާއި ސިޔާސަތުތައް އެބަހުރި ކަމަށެވެ. އެކަންކަން ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ރިޕަބްލިކަން އިިންސްޓިޓިއުޓް (އައިއާރުއައި) އާ ގުޅިގެން މިދިޔަ މާޗު މަހު ބޭއްވި ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގެ ބޭނުމަކީ އެ ގާނޫނުތަކާއި ސިޔާސަތުތައް ދެނެގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވިގޮތުގައި ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ބައިވަރު ބާރުތަކެއް ދީފައިވާއިރު، މާލިއްޔަތު ގާނޫނާއި ޓޫރިޒަމް ގާނޫނު ނުވަތަ ބިމުގެ ގާނޫނުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަވި ކަމަށެވެ. އަމަލީގޮތުން މަސައްކަތް ކުރުމުގައި ދަތިތައް ކުރިމަތިވާތީ އެ ޝަކުވާތައް ނުވަތަ ލަފާ ހޯދަން ކައުންސިލްތަކުން ގުޅާކަން ވެސް އަފްޝަން ފާހަގަކުރެއްވި އެވެ.

"ކިހިނެއްހެއްޔޭ މި ގާނޫނުގައި މިހެން އޮއްވައި ނޫނީ މި ގަވައިދުގައި މިހެން އޮއްވައި ކިހިނެއް ހެއްޔޭ ތިމަންނަމެންނަށް ހަވާލުކޮށްފައި އިން މިވެނި ކަމެއް ކުރާނީ. އެއީ އަޅުގަނޑުމެން ބަދަލުކުރަންޖެހޭ، އިސްލާހުކުރަންޖެހޭ ކަންތައްތައް. ވަރަށް އުފާކުރަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ދެއްވި ޕްރެޒެންޓޭޝަނެއްގައި ފާހަގަކުރެއްވި ފުށުއަރާ ދަތިތައް ހުރި ގާނޫނުތައް ވެސް. އެހެންވެ، އެ ބޭފުޅުންގެ ވެސް އެ ކަންތައްތަކުގެ މަސައްކަތް މިހާރު އޮތީ ފައްޓަވާފައި އަޅުގަނޑަށް ގަބޫލުކުރެވެނީ،" އަފްޝަން ވިދާޅުވި އެވެ.

މިދިޔަ މަހުގެ 17 ގައި ހުވާކުރި އާ ކައުންސިލަރުންނާ އެކު މި އަހަރުގެ ފަހުކޮޅު ކޮންފަރެންސް ބާއްވާނެ އެވެ.

ގާނޫނީ ފުށުއެރުންތަކުގެ އިތުރުން، އަފްޝަން ވިދާޅުވީ އެހެން ގާނޫނުތަކާ ވެސް ކައުންސިލަރުން އަހުލުވެރިވާންޖެހޭ ކަމަށެވެ.

"މިސާލަކަށް ކައުންސިލެއްގެ އޮޑިޓުގެ މައްސަލައެއް ދިމާވީ ނޫނީ އޭސީސީން މައްސަލައެއް ބަލަނީ. އަޅުގަނޑުމެންނާ ހަމައަށް އެ މައްސަލަ އައިސްގެން ބަލާއިރު ގިނަ ފަހަރަށް އޮންނަނީ ކައުންސިލަށް އަސްލު ސާފުނުވެ އެ ކަންތައްތައް ކުރަންވީ ގޮތް. ކޮރަޕްޝަނެއް ހިންގުމުގެ ގަސްތުގައި ކޮށްފައި ހުންނަ ކަންކަމެއް ނޫނޭ ގިނަ ފަހަރަށް މި ހުންނަނީ. މައުލޫމާތު ރަނގަޅަށް، ފުރިހަމައަށް ނުލިބޭތީ ނޫނީ އެ ޕްރޮސެސްތައް އޮންނަގޮތް ރަނގަޅަށް ސާފުނުވާތީ ބައެއް ފަހަރު ކުރެވިފައި ހުންނަ ކަންތައްތަކުން ބޮޑެތި އިހުމާލުގެ ގޮތުގައި ނޫނީ ބޮޑެތި ކޮރަޕްޝަންގެ ގޮތުގައި ވެސް އެބަ ބެލޭ،" އަފްޝަން ވިދާޅުވި އެވެ.

"އެލްޖީއޭއިން، އަޅުގަނޑުމެންގެ ވިސްނުން މިހާރު މި ހުރީ އެ ކަހަލަ ކަންތައްތަކަށް ބޮޑަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، މިސާލަކަށް ކައުންސިލްތައް ސަސްޕެންޑުކުރުމެއް ނޫނޭ މީގައި އޮތް ހައްލަކީ. މީގައި ހަމަ ވީހާ ވެސް ބޮޑަކަށް ކައުންސިލްތައް މިހާރު ހަމަ މަސައްކަތް ފަށާއިރު ވީހާ ވެސް ބޮޑަކަށް އަހުލުވެރިކުރުވަންވީއޭ އެ ބޭފުޅުންނަށް މުހިއްމު ގާނޫނުތަކަށް. މިސާލަކަށް މާލިއްޔަތު ގާނޫނާއި އެއާ ގުޅޭ ގަވައިދުތައް."

ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެ، ބަދަލުތައް އެބަ ފެނޭ

ކައުންސިލަރުން ހުވާކުރާތާ ތިން މަހުގެ ތެރޭގައި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ފާސްކުރަންޖެހެ އެވެ. އެ ޕްލޭންތައް ފާސްކުރަންޖެހޭނީ ވެސް ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދުމަށްފަހު އެވެ.

އެ ކަންކަމަށް އަހުލުވެރިކުރުމަށް ފަހު އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނަށް ހާއްސަކޮށްގެން ޓްރެއިނިންތަކެއް ހިންގަން އެލްޖީއޭއިން ނިންމާފައި ވެ އެވެ.

އަފްޝަން ވިދާޅުވީ މީގެ ކުރިން އާއްމުންގެ ފަރާތުން ވެސް ލިބުނު އެއް ޝަކުވާއަކީ ކައުންސިލް ބައްދަލުވުމެއް ބާއްވާކަން ނޭނގުމާއި އެޖެންޑާ އާއި ކައުންސިލްގެ ނިންމުންތައް ވެސް ރަށުގެ ރައްޔިތުންނަށް ނޭނގުމެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެލްޖީއޭގެ ސީއީއޯ އަފްޝަން، މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކައުންސިލްތަކުގެ ނިންމުންތައް ހާމަކުރަންޖެހޭނެކަން ކުރިން ބަޔާންކޮށްފައި އޮތަސް އެއާ އެއްގޮތަށް ބައެއް ކައުންސިލްތަކުން އަމަލެއް ނުކުރެ އެވެ. އެކަމަކު، އާ ކައުންސިލްތަކަށް މަހެއް ވާން ބާކީ ފަސް ދުވަހަށް އޮތްއިރު، ސޯޝަލް މީޑިއާއިން ފެންނަނީ ރަނގަޅު ބަދަލުތަކެއްގެ ފެށުންކަން ފާހަގަކުރެއްވި އެވެ. މިސާލެއްގެ ގޮތުން ދެއްކެވީ، ކައުންސިލްގެ ނިންމުންތައް ސޯޝަލް މީޑިއާގައި އާއްމުކުރުމާއި އެ ކައުންސިލްތަކުގެ ޕްލޭންތައް ރައްޔިތުންނަށް ހިއްސާކުރުމެވެ.

"މިހާރު އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ބޮޑަށް ރައްޔިތުން ވެސް މިހާރު ވަރަށް ހޭލުންތެރިވެއްޖެ ކައުންސިލްގެ މަސައްކަތް ކުރަންޖެހޭނީ މިހާ ގާތުންކަން، މިހާ ޓްރާންސްޕޭރެންޓްކަން. އެހެންވީމަ، އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ބޮޑަށް ޑިމާންޑުކުރަން ފަށާނެ ކަންނޭނގެ ޖަވާބުދާރީވާން،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ އެންމެ ބޮޑު ކުރިއެރުމަކަށް ވާނީ ރައްޔިތުން އެދޭގޮތަށް ތަރައްގީ ޕްލޭންކުރެވުމެވެ.

އެލްޖީއޭ ވެސް މީގެ ކުރިން ފާހަގަވީ އާއްމުންނާ ދުރު، ބީރައްޓެހި ތަނެއްގެ ގޮތުގަ އެވެ. ކުރާ މާ ބޮޑު މަސައްކަތެއް ނޭނގުނަސް، ކައުންސިލަރުންނަށް ފިޔަވަޅު އަޅަ އެވެ. އެކަމަކު، އެލްޖީއޭގެ ސީއީއޯކަމާ ހަވާލުވެ އަފްޝަން ކުރެއްވި އެންމެ މުހިއްމު ކަމަކީ އެ އޮތޯރިޓީގެ ނިންމުންތައް ހާމަކުރުމެވެ.

އޭނާ ވިދާޅުވީ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމުން އެ ރޮނގުން ކުރިއަށް ދިއުމަށް ކައުންސިލްތަކަށް ވެސް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. އެއީ ލޯކަލް ގަވަނެންސް އަށް ލިބޭ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވި އެވެ.

"އެލްޖީއޭގައި އޮތީ ވަރަށް ގާބިލް، ޒުވާން ޓީމެއް. ކުރިން ފެނިފައި ވަނީ ނެގެޓިވް ސައިޑެއް. ދެން މިހާރު ކުރާ މަސައްކަތަކީ އެ ޓީމާއެކު ކުރާ ވީހާ ވެސް ގިނަ މަސައްކަތްތަކެއް ހާމަކޮށްދިނުން. މިއޮތް ހުރިހާ ދުވަހަކު ވެސް ދިޔައީ ހަމަ އެ މަސައްކަތްތައް ކުރަމުން."

"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ މިހާރު ފެންނަ ސައިންތަކުން... ކައުންސިލްތަކުން މަސައްކަތްކުރާ ގޮތް ތަފާތުކަން އެނގޭ،" އަފްޝަން ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކުރުން، އެންމެ ބޮޑު އަމާޒު

އަފްޝަން ވިދާޅުވިގޮތުގައި ވަގުތީ ކައުންސިލަރުން ތިބުމުން ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި އެ ނޫންވެސް އެހެން ކަންކަމުގައި އެލްޖީއޭގެ ހުއްދަ ނަގަންޖެހުމުން އެ ކަމަށް ގިނަ ވަގުތު ހޭދަވި ކަމަށެވެ. ނަމަވެސް އާ ކައުންސިލަރުންނާ އެކު އެ އޮތޯރިޓީގެ މިހާރުގެ ވިސްނުން ހުރީ ކެޕޭސިޓީ އިތުރުކުރުމާއި ކައުންސިލްތަކަށް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.

އޭގެ އިތުރުން ކައުންސިލްތަކުން ހަދާ ތަރައްގީގެ ޕްލޭންތައް ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރަން އެހީދޭނެކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވީ އެލްޖީއޭގެ މެންޑޭޓް އޮންނަގޮތުން އެ އޮތޯރިޓީއަކީ މިހާރު ވެސް ކައުންސިލްތަކާއި ސަރުކާރާ ދެމެދު އޮންނަ ބްރިޖެކެވެ.

އޭނާ ވިދާޅުވީ އެލްޖީއޭއަކީ ކައުންސިލްތައް ހިންގާނެ ގޮތާއި ދުވަހުން ދުވަހަށް ކައުންސިލްގެ މަސައްކަތުގެ ތެރެއަށް ވަންނަންޖެހޭ ބައެއް ނޫނެވެ. އޭގެ ބަދަލުގައި މައިގަނޑު މަސައްކަތަކަށް އޮންނަނީ ކައުންސިލްތަކުގެ ކަންކަމުގައި އެހީތެރިވުމެވެ.

ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ބަލާ އިންޑެކްސް މިހާރު ރަނގަޅަސް އާ ބާރާއެކު އެ އިންޑެކްސް ރިވިއުކުރުމުގެ މަސައްކަތް މި އަހަރު ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަންހެނުންގެ ބައިވެރިވުން

ސިޔާސީ ދާއިރާގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަފްޝަން އަށް މިހާރު ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކައުންސިލްތަކުގައި އަންހެނުންގެ ބަސް ވިކުމެވެ. ރަށްރަށުގައި ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު އިތުރުވުމެވެ.

އޭނާ ވިދާޅުވީ ގާނޫނުން އަންހެނުންނަށް ހާއްސަކުރި 33 ޕަސެންޓާއެކު ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާވެގެން ދިޔަ ކަމަށެވެ. އިންތިހާބުކޮށްފައިވާ 900 އަށްވުރެ ގިނަ ކައުންސިލަރުންގެ ތެރޭގައި 300 އަށްވުރެ ގިނަ އަންހެން ކައުންސިލަރުން އެބަތިއްބެވެ.

"އަންހެނުންގެ އަޑުއިއްވުމަށް ލިބިގެންދާނެ ފުރުސަތެއް މިއީ ކައުންސިލްތައް. ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް، ސިޔާސީގޮތުން ވެސް އަޅުގަނޑަށް ކޮންމެ ވެސް ވަރަކަށް މަސައްކަތްކުރެވިފައި ހުރީމަ އަޅުގަނޑަށް ފާހަގަކުރެވޭ ކެމްޕެއިންތަކުގައި އަބަދު ވެސް އިސްކޮށް އުޅުއްވާނީ އަންހެން ބޭފުޅުން. އެކަމަކު ވޯޓު ހޯދާނީ ފިރިހެން ކެންޑިޑޭޓަކަށް. ހޯދައިގެން އެ ފިރިހެން ކެންޑިޑޭޓް ހޮވިގެން މޭޒު ދޮށުގައި މި ނިންމުން ނިންމަން ތިއްބަވާނީ،" އަފްޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ ތަރައްގީގެ ވާހަކަތައް ދެކެވޭއިރު، މަޝްވަރާ އާއި ނިންމުންތައް ނިންމާ މަރުހަލާތަކުގައި އަންހެނުންގެ އަޑު އިވިފައި ނެތުމުން އެ ނިންމުންތަކުގެ ފުރިހަމަކަން ގެއްލޭ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ފިރިހެނުންގެ ވިސްނުމާއި އަންހެނުންގެ ވިސްނުން ތަފާތު ކަމެވެ.

އަފްޝަން ވިދާޅުވީ އަންހެނުންގެ ފޯކަސް ހުންނަނީ މުޅި އާއިލާގެ ކަންކަން ފަސޭހަވާނެ ނުވަތަ އިޖުތިމާއީ ދުޅަހެޔޮކަމަށް ވިޔަސް ފިރިހެނުންގެ ވިސްނުން ބޮޑަށް އަމާޒުކުރަނީ އުމްރާނީ ތަރައްގީއަށެވެ. އެހެންވެ، ޕޮލިސީތައް ނިންމާއިރު ދެ ފަރާތުގެ އަޑު ހިމެނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.