Roadha Mihaaru
ހެލްތުގެ 20 މަޝްރޫއެއް ހިންގަން ކައުންސިލްތަކަށް

ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ހިންގަން ކައުންސިލްތަކާ ހަވާލުކޮށްފި

01 މާޗް 2020

ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ހިންގަން ރަށްރަށުގެ ކައުންސިލްތަކާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ހިންގަން ރަށްރަށުގެ ކައުންސިލްތަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި 20 ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ހިންގުމުގެ އެއްބަސްވުމުގައި، އެ ރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިން ވަނީ ސޮއިކުރައްވައިފަ އެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ވެސް ކުރިއަށްގެންދަން ކައުންސިލްތަކާ ހަވާލުކުރީ އޭގެ ދަށުންނެވެ.

މަޝްރޫއުތައް ހިންގަން ހަވާލުކުރީ، ހއ. މާރަންދޫ، ހއ. ފިއްލަދޫ، ހއ. ވަށަފަރު، ހދ. ވައިކަރަދޫ، ހދ. މަކުނުދޫ، ހދ. ފިނޭ، ނ. ކެނދިކުޅުދޫ، ރ. ހުޅުދުއްފާރު، ރ. ވާދޫ، އއ. ފެރިދޫ، އދ. ދިގުރަށް، އދ. ދަނގެތި، މ. މުލައް، ލ. މާމެންދޫ، ގއ. މާމެންދޫ، ގއ. ދެއްވަދޫ، ގއ. ނިލަންދޫ، ގދ. ފިޔޯރީ، ގދ. މަޑަވެލި އަދި ސ. ހުޅުދޫގެ ކައުންސިލަށެވެ.

އެ ކައުންސިލްތަކާ ހަވާލުކުރި ގިނަ މަސައްކަތަކީ، ސިއްހީ މަރުކަޒަށް އިތުރުކުރާ ބައި ހެދުމުގެ ކަންކަމެވެ.

ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ހިންގަން ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ހިންގަން ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އެ ރަސްމިއްޔާތުުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސިއްހީ ދާއިރާއިން އިސް ނަގަނީ ރައީސްގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ނަމޫނާއަކަށް ވުމަށްޓަކައި ކަމަށެވެ. އެ މަޝްރޫއުތައް ކައުންސިލްތަކާ ހަވާލުކުރީ އިއުލާނުކުރެވޭ ހިސާބަށް ގޮސްފައި ކަމަށާއި ލަހެއް ނުވެ އެ މަޝްރޫއުތައް ގެންދާނެކަން ކަށަވަރުކުރާ ކަމަށް ވިދާޅުވި އެވެ.

"މިއަދަކީ ރާއްޖޭގެ ކައުންސިލްތައް އުފެދި، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވި، ކައުންސިލްތަކަށް އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހަގީގީ ބާރުވެރިކަން ލިބިގެންދާ ދުވަހެއް. ސިއްހީ ދާއިރާ ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް،" އެ ރަށްރަށް ތަމްސީލުކުރައްވާ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެން، ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ރަށެއްގެ ކައުންސިލަރަކާއި ސިއްހީ މަރުކަޒުގެ އޮފިޝަލަކު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ހެލްތު މިނިސްޓްރީގެ މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ރަށެއްގެ ކައުންސިލަރަކާއި ސިއްހީ މަރުކަޒުގެ އޮފިޝަލަކު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ކައުންސިލްތަކާ ހަވާލުކުރީ، ރަށްރަށުގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިއްމު ބައެއްކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ މި ސަރުކާރު އައި އިރު ވެސް އެ ނިޒާމް އޮތީ ވަރަށް ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ކަމަށެވެ.

ދިރިއުޅުން ތަރުތީބުވެފައިވާ ގޮތަށް ބަލައި ސިއްހީ ނިޒާމު ބައްޓަންވާން ޖެހޭނެ ކަމަށާއި ފަރުވާ އަށް މާލެ އަންނަންޖެހޭ ޖެހުން ކުޑަ ކުރެވި އެ ބަޔަކު ދިރިއުޅޭ ސަރަހައްދުން ހިދުމަތް ފޯރުކޮށްދިނުމަކީ އެއް އަމާޒު ކަމަށް ވިދާޅުވި އެވެ.

އެ އަމާޒަށް ވާސިލްވުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެކަން ހައްލުވާއިރު ސިއްހީ މަރުކަޒުތަކުން، ހޮސްޕިޓަލްތަކާއި ޒަމާނީ ވަސީލަތްތައް ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ ފައިސާ ހަރަދުކުރުމާއި މަޝްރޫއުތައް ހިންގުމުގައި ވެސް ކައުންސިލްތަކަށް ބާރު ލިބިގެންދާއިރު ރައްޔިތުން އެދޭގޮތަށް، ބާރު ސްޕީޑުގައި މަޝްރޫއުތައް ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ. އެކަން ކަމަށް މިނިސްޓްރީގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.