Roadha Mihaaru
ބޭނުންވާ ތަކެތި އެބަހުރި، ދަތިކަމެއް ނެތް: ނަރުދޫ

ބޭނުންވާ ތަކެތި އެބަހުރި، ދަތިކަމެއް ނެތް: ނަރުދޫ ސިއްހީ މަރުކަޒު

04 މެއި 2020

މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގައި ސިއްހީ ހިދުމަތައް ބޭނުންވާ ތަކެތި ނެތް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނާއި އެ ރަށު ކައުންސިލުން ދައްކާ ވާހަކަ ރަށުގެ ސިއްހީ މަރުކަޒުން ދޮގު ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެ ފިޔަވައި އެންމެ ގިނަ މީހުން ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގައި ސިއްހީ ހިދުމަތައް ބޭނުންވާ ތަކެތި ނެތް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނާއި އެ ރަށު ކައުންސިލުން ދައްކާ ވާހަކަ ރަށުގެ ސިއްހީ މަރުކަޒުން ދޮގު ކޮށްފި އެވެ.

އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ ނަރުދޫން 11 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ނަރުދޫން އެކަށީގެންވާ ފަރުވާއެއް ދެވެން ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި އެތައް ބަޔަކު އެ ރަށުގައި ތިބިއިރު އެ މީހުން ކަރަންޓީން ކުރުމުގެ އިންތިޒާމު ހަމަޖައްސާފައި ނުވާ ކަމަށް އެ ދެ ޕާޓީން ވަނީ ބުނެފަ އެވެ.

Narudhooge haalathu goas, kanboduvey: PPM/PNC

Narudhooge haalathu goas, kanboduvey: PPM/PNC

The most trusted news source in the Maldives

Mihaaru

ނަރުދޫގެ ހާލަތު ގޯސް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނުން

އެ ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ޓީމެއް އިއްޔެ ވަނީ ނަރުދު އަށް ވަޑައިގެން ހާލަތު ބައްލަވައިފަ އެވެ.

އެ ދަތުރަށް ފަހު، ނަރުދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓާ ހެލްތު ސާވިސް، މުސްތަފާ މޫސާ، "މިހާރު" އަށް ވިދާޅުވީ، ކޮވިޑް-19 އަށް އެ ރަށުން މީހަކު ޕޮޒިޓިވްވި ދުވަހުން ފެށިގެން އެކަމުން ސަލާމަތްވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން، ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ބަލި މީހުން ރައްކާތެރި ވުމަށް ބޭނުންވާނެ ތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ފުނަދޫ އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރެއް ވަގުތުން ގެނެވޭނެ ގޮތަށް ކަންކަން ވާނީ ހަމަޖައްސާފައި. އެ ރަށުން މި ރަށަށް އަންނަން ނަގާތީ 12 ވަރަކަށް މިނިޓް،"

"އަންގި އާއި ސެނަޓައިޒާ އާއި މާސްކް ފަދަ ތަކެއްޗަކީ އެއްވެސް ރަށެއްގައި އާންމުކޮށް ހުރިހާ ރައްޔިތުންނަށް ބަހާ އެއްޗެއް ނޫން. ސިއްހީ ހިދުމަތް ދޭ މީހުންނާއި ބަލި މީހުން ބޭނުންވާ ވަރަށް އެ ތަކެތި އެބަހުރި،" ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މުސްތަފާ ވިދާޅުވި އެވެ.

ނަރުދޫން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރައިގެން އެ ރަށަށް ދިޔަ އަމާޒު ބޯޓްގެ ކެޕްޓަން އެވެ. އެ އަށް ފަހު، ކެޕްޓަންގެ އާއިލާގެ ބައެއް މެމްބަރުންނާއި އަމާޒު ބޯޓުގެ ދެ ފަޅުވެރިން ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގައި ލަސްތަކެއް އުޅޭ ކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މުސްތަފާ ވިދާޅުވި ގޮތުގައި، ކެޕްޓަނާ ބައްދަލުވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ވަނީ ނިމިފަ އެވެ. ނުނިމި ވަނީ ޕޮޒިޓިވްވި ދެ ފަޅުވެރިންނާ ބައްދަލުވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ކަމަށާއި އޭގެ ވެސް ބޮޑު ބައެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، 11 މީހެއްގެ ސާމްޕަލް ނަގައި މިދިޔަ ހޮނިހިރު ދުވަހު މާލެ ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ނަރުދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކާ އެކު، ދެ ނަރުހުން މަސައްކަތް ކުރާއިރު އެ ތިން މީހުން ވެސް މި ވަގުތު ތިބީ ހޯމް އައިސޮލޭޝަންގަ އެވެ. އެ ރަށު ކައުންސިލްގެ ތިން މެމްބަރުން ވެސް ތިއްބެވީ ހޯމް އައިސޮލޭޝަންގަ އެވެ.

އެހެންވެ، މުސްތަފާ ވިދާޅުވީ އިތުރު ނަރުހެއް އެހެން ރަށަކުން ގެނެސް މިހާރު ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި ހޯމް އައިސޮލޭޝަންގައި ހުރި ނަރުދޫގެ ޑޮކްޓަރު އޮންލައިންކޮށް ބަލި މީހުން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އިމަޖެންސީ ކަމެއް ދިމާވެއްޖެ ނަމަ ފުނަދޫ އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރެއް ވަގުތުން ގެނެވޭނެ ގޮތަށް ކަންކަން ވާނީ ހަމަޖައްސާފައި. އެ ރަށުން މި ރަށަށް އަންނަން ނަގާތީ 12 ވަރަކަށް މިނިޓް،" މުސްތަފާ ވިދާޅުވި އެވެ.

ނަރުދޫ ޓާސްކް ފޯހުގެ ވެރިއަކަށް ހުންނެވި މުސްތަފާ ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ވެސް އެ ރަށުގެ ހުރިހާ ގެއެއްގެ މީހުންގެ ހާލަތާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހުރިތޯ ބަލައި ޗެކް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި އޮތް ނަރުދޫގައި ކޮވިޑް-19 ގެ އަލާމާތް ހުރި މީހަކު މި ވަގުތަކު ނެތް ކަމަށެވެ. އަދި އާންމު ރޯގާ ވެސް މި ދުވަސްވަރު ވަރަށް މަދު ކަމަށް ވިދާޅުވި އެވެ.

"އަންގި އާއި ސެނަޓައިޒާ އާއި މާސްކް ފަދަ ތަކެއްޗަކީ އެއްވެސް ރަށެއްގައި އާންމުކޮށް ހުރިހާ ރައްޔިތުންނަށް ބަހާ އެއްޗެއް ނޫން. ސިއްހީ ހިދުމަތް ދޭ މީހުންނާއި ބަލި މީހުން ބޭނުންވާ ވަރަށް އެ ތަކެތި އެބަހުރި،" މުސްތަފާ

"މިހާރު ރަށުގެ ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ. ކޮންޓެކްޓްވި މީހުން ދެނެގަނެވިއްޖެ. އެ އެންމެން ތިބީ ގޭގައި،" މުސްތަފާ ވިދާޅުވި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ޓީމެއް ނަރުދު އަށް ދިޔައީ، އެ ރަށުގެ ތައްޔާރީތައް ބެއްލެވުމަށް ކަމަށެވެ. ރަށުގައި ތައްޔާރު ކޮށްފައިވާ ތަންތަން އިންސްޕެކްޓްކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރާނެ ގޮތްތަކާ ގުޅޭގޮތުން ރަށުގެ ޓާސްކް ފޯހާ އެ ޓީމުން މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ދަތުރަށް ފަހު ރަނގަޅު ކުރަންޖެހޭ ކަންތައްތަކާއި ފޮނުވަން ޖެހޭ ތަކެތި ފޮނުވުމުގެ ކަންކަން ކުރިއަށް ދާނެ،" މަބްރޫކް ވިދާޅުވި އެވެ.

މި ބަލި މިހާތަނަށް ފެނިފައި ވަނީ މާލޭ އިތުރުން ނަރުދު އާއި ހއ. ތަކަންދު އާއި ހއ. އުލިގަމާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ. ރާއްޖެ އިން މިހާތަނަށް މި ބައްޔަށް ވަނީ 527 މީހަކު ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ.