Roadha Mihaaru
އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައިފި

އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައިފި

09 ޖޫން 2020

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނާ އެކު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަލުން އެކުލަވާލައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނާ އެކު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަލުން އެކުލަވާލައްވައިފި އެވެ.

ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު ތަންފީޒުކުރި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނާ އެކު އެލްޖީއޭ ބޯޑަށް ހަތް ބޭފުޅަކު އައްޔަންކުރައްވާފައިވާ ކަމަށެވެ.

އެލްޖީއޭގެ ވަގުތީ ބޯޑާ އެކު، މިހާތަނަށް ހިންގަމުން އައި ބޯޑު މިއަދު އުވުނީ އެވެ.

އެލްޖީއޭގެ ވަގުތީ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

- އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

- މުހައްމަދު ޝިހާބު، ރައީސްގެ އެޑްވައިޒަރު

- އަހުމަދު ސަމީރު، ރައީސް އޮފީހުގެ މިނިސްޓަރު

- އަފްޝަން ލަތީފު، ޗީފް އެގްޒެކެޓިވް އޮފިސަރު (އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް)

- މުހައްމަދު މާހިރު އީސާ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

- އަހުމަދު ޝަރީފް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

- ފާތިމަތު ނިއުމާ، ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރިއިރު މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު މިދިޔަ ބުދަ ދުވަހު ވަނީ ހަމަވެފަ އެވެ. އެކަމަކު، އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބިި ކައުންސިލް މެމްބަރުން މަގާމުގައި ދެމިތިބޭ ގޮތަށް ގާނޫނުއަސާސީ އަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެކަމަކު އެ އިސްލާހު އޮތްގޮތުން ވަގުތީ ގޮތުން ކައުންސިލް މެމްބަރުން ދެމިތިބޭ މުއްދަތުގައި ބާރުތައް ބޭނުން ކުރުމާ ބެހޭ ވަކި ގާނޫނެއް ފާސްކުރަން ޖެހޭނެ އެވެ.

އެހެންވެ އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލެއް ފާސްކޮށްފައިވެ އެވެ. އެ ގާނޫނުގައިވާ ގޮތުން ބައެއް ބާރުތައް ކައުންސިލްތަކަށް ބޭނުން ކުރެވޭނީ އެލްޖީއޭގެ ހުއްދަ ހޯދުމަށް ފަހު އެވެ.

އާ ކައުންސިލަރުން ހުވާ ކުރެވެންދެން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ބިންތައް ވިއްކުމާއި ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ކައުންސިލް ޒިންމާވާ ގޮތަށް ދަރަނި ނެގުމާއި އާއްމު ހިދުމަތްތަކަށް އިންވެސްޓް ކުރުމާއި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދު ކުރުމާއި މުވައްޒަފުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ކަންކަން ކުރުމަށް އެލްޖީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.