Roadha Mihaaru
ބެންގަލޫރުގެ ތަފާތަކީ މާލީގޮތުން ވަރުގަދަވުން: ޝާޒް

ބެންގަލޫރުގެ ތަފާތަކީ މާލީގޮތުން ވަރުގަދަވުން: ޝާޒް

14 އޯގަސްޓް 2021

ކްލަބު އީގަލްސްއާ އަޅައިބަލާއިރު ބެންގަލޫރަކީ ނުބައްދަލު ޓީމެއް ކަމަށާއި އެންމެ ބޮޑު ތަފާތަކީ ބެންގަލޫރުގައި އޮތް މާލީ ވަރުގަދަ ކަމާއި އެ ކްލަބުން ކުރާ ބޮޑު ހޭދަ ކަމަށް، ކްލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްލަބު އީގަލްސްއާ އަޅައިބަލާއިރު ބެންގަލޫރަކީ ނުބައްދަލު ޓީމެއް ކަމަށާއި އެންމެ ބޮޑު ތަފާތަކީ ބެންގަލޫރުގައި އޮތް މާލީ ވަރުގަދަ ކަމާއި އެ ކްލަބުން ކުރާ ބޮޑު ހޭދަ ކަމަށް، ކްލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފި އެވެ.

އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި މާދަމާ ރޭ، ބެންގަލޫރާ ދެކޮޅަށް އީގަލްސް މާލޭގައި ކުޅޭނެ އެވެ. ޝާޒް ބުނީ މެޗުގައި ހޯމް ޓީމުގެ ގޮތުގައި މާލޭގައި މެޗު ކުޅެން ފުރުސަތު ލިބުމަކީ އީގަލްސް އަށް ލިބިފައި އޮތް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ބެންގަލޫރާ ދެކޮޅަށް ދިވެހި ކްލަބުތައް އެންމެ ފަހުން ކުޅުނު މެޗުތައް ވަނީ ކާމިޔާބުކޮށްފަ އެވެ. ޝާޒް ބުނީ ދިވެހި ކްލަބުތަކުން ބެންގަލޫރު ބަލި ކޮށްފައި ވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

"މީގައި އަޅާ ކިޔާލަން ވާނެ ބެންގަލޫރުގެ ފެންވަރާ އެ ޓީމު ތައްޔާރުވާ ގޮތާއި އެމީހުންގެ ކްލަބުގެ ފައިނޭންޝިއަލް ސްޓްރެންތު. އެއަށް ބަލާއިރު އަސްލު ނުބައްދަލު ދެ ޓީމު މިއީ. ކުޅުންތެރިންނަށް ބަލައިފިއްޔާ އެހާބޮޑަށް އެ ތަފާތު ނުފެނިދާނެ. އެކަމަކު ވެސް ކުޅުންތެރިންގެ ގޮތުން ކޮންމެވެސް ތަފާތެއް ހުންނާނެ،" ޝާޒް ބުންޏެވެ.

އޭނާ ބުނީ ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން އުފެދޭވަރު ގިނަ ކަމަށެވެ. އަދި މި ސަރަހައްދުގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅަށް ވާދަ ކުރެވޭނީ ދިވެހި ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުމުން ކަމަށް އޭނާ ބުންޏެވެ.

"ދިވެހި ކްލަބުތަކުން އިންޑިއާ ކްލަބުތައް ބަލިކޮށްފައި އެހުރީ ވަރަށް މަސައްކަތުން. މި މެޗަށް ނުކުންނައިރު ވެސް ވަރަށް މަސައްކަތް ކުރަން ޖެހޭނެ. އެކަމަކު މި ދެ ކްލަބުގެ ވާހަކަ ދައްކާއިރު ވަރަށް ހަނދާން ނެތޭ ކަންނޭނގެ ދެ ކްލަބުގެ ފެންވަރު،" ޝާޒް ބުންޏެވެ.

"ފުޓްބޯޅައަކީ ފައިސާ އާއި ވަރަށް ގުޅުން ހުރި އެއްޗެއް. ކުޅުންތެރިންނަށް ކުރާ ހަރަދާއި ދެ ޓީމު ތައްޔާރުވުމަށް ކުރާ ހަރަދާ ބަލާއިރު މި ހުރިހާ އެއްޗެއް މިއިނީ ފައިސާއާ ގުޅިފައި. މިއީ ނުބައްދަލު ދެ ޓީމު. ވަރަށް މަސައްކަތް ކޮށްގެން ދިވެހި ޓީމުތައް އެ ކާމިޔާބު ހޯދާފައި ހުރީ. އީގަލްސް ވެސް ކްލަބަށް ކުޅުންތެރިން ގެނައީ ވެސް އެގޮތަށް މަސައްކަތް ކުރީ ވެސް އެކަމަށް މަގުފަހިވާނެތީ. ބޮޑު ޗެލެންޖެއް އެކަމަކު ކުޅުންތެރިން ތިބީ އެޗެލެންޖު ނަގައިގެން ގުރޫޕް ސްޓޭޖުގެ ޖާގައި ހޯދަން."

އީގަލްސްއިން ވަނީ މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިން ކަމަށްވާ، އަލީ އަޝްފާގް (ދަގަނޑޭ) އަކުރަމް އަބްދުލް ގަނީ، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް، މުހައްމަދު އާރިފް (ބަކާ)، އިސްމާއީލް އީސާ، އަހްމަދު ރަޝީދު (އަންމަޑޭ) ލައްވައި ސޮއިކުރުވައިފަ އެވެ. މި ކުޅުންތެރިން އީގަލްސް އަށް އިތުރުވުމުން އެއީ އޭނާގެ ކޯޗިން ކެރިއާގައި މިހާތަނަށް މެނޭޖު ކުރާ އެންމެ ވަރުގަދަ އެއް ސްކޮޑެވެ. ބޮޑު މެޗަކަށް ނުކުންނައިރު އެއީ ޕްރެޝަރެއްތޯ ސުވާލު ކުރުމުން ޝާޒް ބުނީ އޭނާ އަށް އޮތް ޕްރެޝަރު ކުޑަ ކަމަށެވެ.

"ހަގީގަތުގައި ޕްރެޝާ ކުޑައީ. އެއީ ރަނގަޅު ކުޅުންތެރިން ތިބި ވަރަކަށް ހިތްހަމަޖެހުން ބޮޑުވާނެ،" އޭނާ ބުންޏެވެ.

"ދިވެހި ކުޅުންތެރިން ވީމަ އެ ކޮމްބިނޭޝަން ބޮޑު. އީގަލްސް އަކީ ވެސް ނެޝަނަލް ޕްލޭއަރުން ގިނަ ޓީމެއް. ހަމަ އޭގެ ތެރެއަށް ނެޝަނަލް ޕްލޭޔަރުން އައީ. އީގަލްސްގެ ޖޯޒީގައި އެގޮތަށް ކުޅެފައި ނެތަސް އެއްކޮށް ކުޅެފައި ތިބި ކުޅުންތެރިން މިތިބީ."

މާދަމާ ރޭ އޭއެފްސީ ކަޕް ފަށާއިރު، ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ވެސް އަންނަ އޮކްޓޯބަރުގައި ރާއްޖޭގައި އޮންނާނެ އެވެ. ޝާޒް ބުނީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާނެކަން އެނގުނު ހިސާބުން ބެންގަލޫރު މެޗާ މެދު ކުޅުންތެރިންނަށް ވެސް އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމަށެވެ. އެއީ ބެންގަލޫރު ބަލި ކުރުމަށް ފަހު ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ބޮޑު ކާމިޔާބަކަށް އެކަން ވެގެންދާނެ ކަމަށް ޝާޒް ބުންޏެވެ.

"ބެންގަލޫރު ބަލި ކުރުން އެކަންޏެއް ނޫން. މި ޓީމުގައި މިތިބަ ޒުވާން ކުޅުންތެރިން އިތުރަށް ކުރިއަށްދާން ލިބޭ ހިތްވަރަކަށް ވެސް އެކަން ވެގެންދާނެ."

ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ މެޗު، ނުކުޅެ ޕްލޭއޮފް މެޗަށް އެޑްވާންސްވީ މެނޭޖުމެންޓުން ކުރި ވަރަށް ބައިވަރު މަސައްކަތްތަކުގެ ސަބަބުން ކަމަށް ޝާޒް ވަނީ ފާހަގަކޮށްފަ އެވެ. ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގެ މެޗުގައި އީގަލްސްއިން ވަނީ އޭޕްރީލް މަހު ބޫޓާންގެ ތިމްޕޫ ސިޓީ ބަލި ކޮށްފަ އެވެ.