Roadha Mihaaru
އާ ކުޅުންތެރިންނާ އެކު ގްރޫޕް ސްޓޭޖުގެ އުއްމީދު ބޮޑު

އާ ކުޅުންތެރިންނާ އެކު ގްރޫޕް ސްޓޭޖުގެ އުއްމީދު ބޮޑު: ޝާޒް

08 އޯގަސްޓް 2021

އާ ކުޅުންތެރިންނާ އެކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ އުއްމީދު ބޮޑު ކަމަށް އީގަލްސްގެ ކޯޗް ޝާޒްލީ މުހައްމަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އާ ކުޅުންތެރިންނާ އެކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ އުއްމީދު ބޮޑު ކަމަށް އީގަލްސްގެ ކޯޗް ޝާޒްލީ މުހައްމަދު ބުނެފި އެވެ.

"އީގަލްސް މި ތައްޔާރު ވަނީ ހަމައެކަނި ޕްލޭއޮފް މެޗަކަށް ނޫން. ގުރޫޕް ސްޓޭޖަށް ދެވޭނެ ކަމުގެ ޔަގީންކަން ބޮޑުވުމުން މުޅި މުބާރާތާ މެދު ވެސް ވިސްނަން،" ޝާޒް ބުންޏެވެ.

އޭނާ ބުނީ މިހާ ވަރުގަދަ މުބާރާތަކާ ކުރިމަތިލާއިރު ސްކޮޑް ވަރުގަދަވާން ޖެހޭނެ ކަމަށެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗުގައި، އަންނަ އާދިއްތަ ދުވަހު މާލޭގައި އީގަލްސް ނުކުންނާނީ، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. މިއީ އެ މެޗަށް އީގަލްސް ތައްޔާރުވާ ދެ ވަނަ ފަހަރެވެ. މިފަހަރު އެ ޓީމުގެ ތައްޔާރުވުން ތަފާތެވެ.

ފުރަތަމަ ޑިވިޝަންގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިން އެ ޓީމުން ވަނީ ސޮއިކުރުވައިފަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ގަނީ، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އިސްމާއީލް އީސާ، ކީޕަރު މުހައްމަދު ފައިސަލް، އަހްމަދު ރަޝީދު (އައްމަޑޭ) ލައްވައި ސޮއި ކުރުވީ އޭއެފްސީ ކަޕަށް ހާއްސަކޮށެވެ. މިއީ އީގަލްސްގެ ތާރީޚުގައި އެކުލަވާލި އެންމެ ވަރުގަދަ ސްކޮޑަށް ވާނެ އެވެ.

ބެންގަލޫރާ ދެކޮޅަށް ކުޅެން މިދިޔަ މެއި މަހު ހަަމަޖައްސައި އެ ޓީމު އޭރު މާލެ ވެސް އައެވެ. ނަމަވެސް އެ ޓީމުގެ ބައެއް ކުޅުންތެރިން ކޮވިޑް-19 ގެ ޕްރޮޓޮކޯލްއާ ހިލާފުވުމުންނާއި ރާއްޖޭގައި އޭރު ކޮވިޑްގެ ހާލަތު އޮތް ގޮތުން އޭއެފްސީން ނިންމީ މެޗު ފަސް ކުރުމަށެވެ.

މެޗު ފަސް ވެގެން ދިއުމަކީ އީގަލްސް އަށް އެޑްވާންޓޭޖާއި ޑިސް އެޑްވާންޓޭޖު އޮތް ކަމެއް ކަމަށް ޝާޒް ބުންޏެވެ. އޭރު ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތުމުން ޓީމު އޮތީ ރަނގަޅު ފޯމެއްގައިކަން ޝާޒް ފާހަގަ ކުރި އެވެ. މިހާރު އޮތް އެޑްވާންޓޭޖަކީ ޓީމު އިތުރަށް ވަރުގަދަ ވުން ކަމަށް އޭނާ ބުންޏެވެ. ޓީމު އޭރު ރަނގަޅު ފޯމެއްގައި އޮތީ ލީގުގައި ވަރުގަދަ މެޗުތަކެއް ކުޅުމަށް ފަހު ދިގު ބްރޭކެއް ނުނަގައި ކުރިއަށް ދިއުމެވެ.

"އޭރު މާލެ އައިރަށް ވުރެ ބެންގަލޫރު ވެސް މިހާރު ކުރިއަށް ވުރެ ވަރުގަދަ ވެއްޖެ. އެ ޓީމު ވެސް ރަނގަޅުކޮށްފައި އެ ވަނީ. އީގަލްސް ހޯމްގައި ކުޅޭއިރު މިހާރު ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އެއީ އެހާ އެކްސްޕީރިއަންސް ކުޅުންތެރިން ގިނަ ވީމަ އަދި އީގަލްސްގައި ކުރިން ވެސް ތިބި ކުޅުންތެރިންނާ އެކު ރަނގަޅު ޓީމެއް މި މެޗަށް ތައްޔާރު ކުރެވޭނެ،" ޝާޒް ބުންޏެވެ.

ދެ ވަނަ ފަހަރަށް ބެންގަލޫރު މެޗަށް ތައްޔާރުވާއިރު އީގަލްސް އިން ވަނީ އެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ފޮނުވާލައިފަ އެވެ. މިހާރު އެ ޓީމުގައި ތިބީ ލުބުނާންގެ ކީޕަރު ތޯހާ މުހައްމަދު އާއި މިސްރުގެ ޑިފެންޑަރު ސައްޔިދު މުހައްމަދު (ރާމޯސް) އެވެ. ޝާޒް ބުނި ގޮތުގައި ކުރިން ތިބި ބިދޭސީ ދެ ފޯވަޑުން ފޮނުވާލަން ނިންމީ އަނިޔާގައި ތިބުމުންނެވެ. ބަދަލުގައި ބިދޭސީ އިތުރު ކުޅުންތެރިން ނުގެނައީ ރިސްކެއް ނަގަން ބޭނުން ނުވުމުގެ އިތުރަށް މިހާރު ފޯވަޑްލައިންގައި ތިބި ކުޅުންތެރިންނަށް މާ ބޮޑަށް އިތުބާރު އޮތުމުން ކަމަށް އޭނާ ބުންޏެވެ.

"އަލަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ފެންވަރާ މެދު ޔަގީން ކަމެއް ނޯންނާނެ. ކުޅުނީމަ އެނގޭނީ. އެ ރިސްކު ނުނަގަން ވެގެން ދަންނަ ފަރިތަ ކުޅުންތެރިންނަށް ބޮޑަށް މިދިޔައީ،" ޝާޒް ބުންޏެވެ. "އެހެންވީމަ ސީނިއާ މޮޅެތި ކުޅުންތެރިންނަށް މިދިޔައީ. ފޮރިން ކުޅުންތެރިންނަށް ވުރެ އީގަލްސްގައި މިހާރު މިތިބަ ދިވެހި ކުޅުންތެރިން މާ ރަނގަޅު ވާނެ. ޓީމަށް ވެސް ބޮޑަށް ރަނގަޅު ވާނެ."

ލީގުގައި ރަނގަޅު ކުޅުމެއް ދެއްކި ލުބުނާންގެ ކީޕަރު ހުއްޓައި، އީގަލްސް އިން ވަނީ ގައުމީ ކީޕަރު ފައިސަލް އެ ޓީމަށް ގެނެސްފަ އެވެ.

ގުރޫޕް ސްޓޭޖު މެޗުތައް ފަށާނީ، މި މަހު 18 ގަ އެވެ. ގުރޫޕް ސްޓޭޖުން ސީދާ ޖާގަ ކަށަވަރުކޮށްފައި ވަނީ ރާއްޖޭގެ މާޒިޔާގެ އިތުރުން، ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަންބަގާން އެވެ. ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތަށް ތައްޔާރު ވުމަށް، އެފްއޭއެމުން ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޒިޔާ އިން ދަނީ ސައުދީ އަރަބިއާގައި ޓްރޭނިން ހަދަމުންނެވެ. އެ ޓީމު މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.