Roadha Mihaaru
އީގަލްސްގެ މެޗަށް ބެންގަލޫރު ދެވަނަ ފަހަރަށް މާލެއަށް

އީގަލްސްގެ މެޗަށް ބެންގަލޫރު ދެވަނަ ފަހަރަށް މާލެ އަށް

12 އޯގަސްޓް 2021

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗުގައި، ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެން އިންޑިއާގެ ބެންގަލޫރު އެފްސީ ދެ ވަނަ ފަހަރަށް މާލެ އަތުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗުގައި، ރާއްޖޭގެ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެން އިންޑިއާގެ ބެންގަލޫރު އެފްސީ ދެ ވަނަ ފަހަރަށް މާލެ އަތުވެއްޖެ އެވެ.

ބެންގަލޫރާއި އީގަލްސް ކުޅޭ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ މެޗު ކުޅެން އެންމެ ފުރަތަމަ ރާވާފައި އޮތީ މެއި މަހު އެވެ. އޭރު ބެންގަލޫރު އެފްސީ މާލެ އައިސް ކޭމްޕް ވެސް ކުރި އެވެ.

އޭރު ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވަނިކޮށް މުބާރާތް ކުރިއަށް ގެންދަން ސަރުކާރުން ހުއްދަ ދިނީ، ކޮވިޑް-19 އާ ގުޅިގެން އޭއެފްސީން އެކުލަވާލާފައިވާ ގައިޑްލައިނާއި ރާއްޖޭގެ ކޮވިޑްގެ ޕްރޮޓޮކޯލަށް ހުރިހާ ޓީމަކުން ވެސް އަމަލު ކުރާނެކަމުގެ ޔަގީންކަން އޭއެފްސީ އާއި އެފްއޭއެމުން ދިނުމުންނެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އޭރު ވިދާޅުވީ ރާއްޖޭގެ ކޮވިޑް ގައިޑްލައިނަށް ވުރެ އޭއެފްސީ އެކުލަވާލާފައިވާ ކޮވިޑްގެ ގައިޑްލައިން ހަރުކަށި ކަމަށެވެ. ޕްރެކްޓިހަށް އަދި މެޗަށް ދާން ނޫން ގޮތަކަށް ޓީމުތަކުގެ ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުތުން ވެސް އޮތީ މަނާކޮށްފަ އެވެ.

ބެންގަލުރު އެފްސީގެ ޓީމު މާލެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ: އަހްމަދު އަވްޝަން | މިހާރު

ބެންގަލުރު އެފްސީގެ ޓީމު މާލެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ: އަހްމަދު އަވްޝަން | މިހާރު

ނަމަވެސް އޭރު މާލެ އައިސް ހޮޓެލް ޖެންގައި ކޭމްޕް ކުރުމަށް ފަހު ބެންގަލޫރުގެ ބައެއް ކުޅުންތެރިން ބޭރަށް ނުކުތެވެ. އަދި މާލޭގެ މަސްވެރިންގެ ޕާކާއި މަގުމަތީގައި އެ ޓީމުގެ ކުޅުންތެރިން އުޅުނު ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެގެން ދިޔަ އެވެ. ބެންގަލޫރުގެ ކުޅުންތެރިން ޕްރޮޓޮކޯލްއާ ހިލާފުވުމުން، މިނިސްޓަރު މަހްލޫފް ވަނީ ބެންގަލޫރު މާލެއިން ފޮނުވާލަން އަންގައި މުބާރާތް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ބެންގަލޫރުގެ ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުތް ކަމެއް ފުރަތަމަ އެ ޓީމުގެ މެނޭޖަރަށް ނޭނގުނެވެ. ނަމަވެސް ކުޅުންތެރިން ބޭރަށް ނުކުތް މައްސަލައިގައި އެ ކަލްބުން ފަހުން މާފަށް އެދުނެވެ. އެ ކްލަބުގެ ސީއީއޯ ޕާތު ޖިންދަލް ވެސް ވަނީ ބާޔާނެއް ނެރެ ބޭރަށް ނުކުތް ކުޅުންތެރިންގެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.

ބެންގަލުރު އެފްސީގެ ޓީމު މާލެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ: އަހްމަދު އަވްޝަން | މިހާރު

ބެންގަލުރު އެފްސީގެ ޓީމު މާލެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ: އަހްމަދު އަވްޝަން | މިހާރު

ބެންގަލޫރު ޓީމުން ޕްރޮޓޮކޯލްއާ ހިލާފުވުމުންނާއި ރާއްޖޭގައި ކޮވިޑުގެ ހާލަތު އޭރު އޮތް ގޮތުން އޭއެފްސީން ނިންމީ މުބާރާތުގެ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް ފަސް ކުރުމަށެވެ. އަލުން މުބާރާތް ބާއްވަން ހުޅުވާލި ބިޑު އަނެއްކާ ވެސް ރާއްޖެ އިން ކާމިޔާބުކުރި އެވެ.

އީގަލްސްގެ މެޗަށް ދެ ވަނަ ފަހަރަށް ބެންގަލޫރު ޓީމު އިއްޔެ މާލެ އައިތަން ފޮޓޯ ނަގަން ރާއްޖޭގެ މީޑިއާ އިން މަސައްކަތް ކުރުމުން އެ ޓީމުން ވަނީ އެކަމާ ހިތްހަމަނުޖެހޭކަން އިޝާރާތުން ހާމަކޮށްފަ އެވެ. މެޗު ފަސް ވުމުން އީގަލްސް އާއި ބެންގަލޫރުގެ ޓީމަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އައި ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ބިޑިޔާޝަގަރް ސިންހް ލައްވައި ބެންގަލޫރުން ވަނީ ސޮއިކުރުވައިފަ އެވެ.

އީގަލްސް އިން ވަނީ އޭއެފްސީ ކަޕަށް އަމާޒުކޮށް، ގައުމީ ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ގަނީ، ގައުމީ ކީޕަރު މުހައްމަދު ފައިސަލް، މުހައްމަދު އާރިފް (ބަކާ)، އީސްމާއީލް އީސާ އަދި އަހްމަދު ރަޝީދު (އަންމަޑޭ) ގެ ސޮއި ހޯދައިފަ އެވެ.

ބެންގަލޫރާއި އީގަލްސް ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރެ އެވެ.