Roadha Mihaaru
ޕޮއިންޓެއް ނުލިބި މާޒިޔާއިން މުބާރާތް ނިންމާލައިފި

ޕޮއިންޓެއް ނުލިބި މާޒިޔާ އިން މުބާރާތް ނިންމާލައިފި

25 އޯގަސްޓް 2021

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ބެންގަލޫރު އެފްސީ އަތުން ވެސް 6-2 ގެ ނަތީޖާ އަކުން ބަލިވެ އޭއެފްސީ ކަޕު މާޒިޔާ އިން ނިންމާލައިފި އެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ބެންގަލޫރު އެފްސީ އަތުން ވެސް 6-2 ގެ ނަތީޖާ އަކުން ބަލިވެ އޭއެފްސީ ކަޕު މާޒިޔާ އިން ނިންމާލައިފި އެވެ.

މި މެޗަށް، ކޯޗް ރިސްޓޯ ވިޑަކޮވިޗް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އުޒުބެކިސްތންގެ ކީޕަރު މިރްޒޯހިދު ބެންޗަށް ބަދަލު ކުރުމަށް ފަހު ފުރަތަމަ 11 އިން ފުރުސަތު ދިނީ ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު ހުސައިން ޝަރީފް އަށެވެ. އންމުކޮށް ބަދަލު ކުޅުންތެރިެއްގެ ގޮތުގއި ކުޅެން ނުކުންނަ ޑިފެންޑަރު އަމްދާން އަލީ އަށް ފުރަތަމަ 11 އިން ފުރުސަތު ދިނެވެ.

މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ބެންގަލޫރު ލީޑު ނެގި އެވެ. ޝާތަކް ގޮލުއީ ނަގައިދިން ހުރަސް ގޯލްގެ ތެރެއަށް ވައްދާލައިގެން ފުރަތަމަ ލަނޑު ޖެހީ ޑަންޓާ ސިންހް އެވެ. އެ ބޯޅަ ދިފާއު ކުރާނެ އެއްވެސް ފުރުސަތެއް ކީޕަރު ހުސައިން އަށް ނުލިބެ އެވެ.

މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓް ތެރޭ މާޒިޔާއިން ވަނީ ހަމަލާ އުފައްދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މެޗުގެ ކުރީ ކޮޅު ބެންގަލޫރުން ލީޑު ނެގުމުން މާޒިޔާ އަށް އުނދަގޫ ކުރިމަތިވި އެވެ. ބެންގަލޫރުން ދެ ވަނަ ލަނޑު ޖެހީ މާޒިޔާގެ ކީޕަރު ހުސައިން އަށް ހެދުނު ބޮޑު ގޯހަކުންނެވެ.

މެޗުގެ 19 ވަނަ މިނެޓްގައި މާޒިޔާގެ ހާފުގެ މެދެއްހާ ހިސާބުން ބެންގަލޫރުން މާޒިޔާގެ އޭރިއާގެ ތެރެއށް ބޯޅަ ދިން އިރު ކީޕަރު ހުސައިން ހުރީ ކުރިއަށް ނުކުމެވެ. ކުއްލިއަކަށް އޭރިއާ ތެރެއަށް ބޯޅަ ފޮނުވާލާނެ ކަމަށް އޭނާ ހުރީ ވިސްނައިގެންނެއް ނޫނެވެ. އޭނާ ފަސް ދީފައި ދިޔަ ބޯޅަ އަތުން ޖަހައި ފޮނުވާލަން މަސައްކަތްކުރި ނަމަވެސް އޭނާގެ އަތުގައި ބޯޅަ ލައްވައެއް ނުލި އެވެ. އޭރު އޭނާގެ ފަހަތުގައި ކްލައިޓޮން އަގްސްޓޯ ހުރީ ވިއްދައިފަ އެވެ. އޭނާ ވަނީ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ. ހުސައިންގެ ފަހަތުގައި ހުރެގެން އޮގަސްޓޯ ފައުލު ކުރި ކަމަށް ހުސައިން އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ލަނޑެއް ކަމަށެވެ.

ކީޕަރު ހުސައިން އަށް އަނިޔާ ވުމުން ޕްލޭންގައި ނެތް ބަދަލެއް ކުރަން ޖެހުމަކީ މާޒިޔާ އަށް އުނދަގޫ ކުރިމަތިވާނެ ސަބަބެކެވެ. ދަނޑު މަތީގައި ފަރުވާ ދިނުމަށް ފަހު އަށިގަނޑުގައި ބާލައިގެން ހުސައިން ދަނޑުން ބޭލި އެވެ. ބަދަލުގައި ކުޅެން އެއީ މިރްޒޯހިދެވެ. އެއް ވަނަ ކީޕަރު ކުޅެން ނުކުތަސް ބެންގަލޫރުގެ ލީޑަށް މަޑު ޖެހުމެއް ނާދެ އެވެ. ކީޕަރު މިރްޒޯހިދު ކުޅެން އެރިތާ ދެ މިނެޓް ތެރޭ ބެންގަލޫރުން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ 36 ވަނަ މިނެޓްގައި ލިއޯން އަގްސްޓީން ބެންގަލޫރުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަގޮސްޓޯ ދިން ފުރުސަތަކުންނެވެ. އޭގެ ދެ މިނެޓް ފަހުން ހަތަރު ލަނޑުގެ ލީޑެއް ނަގަން ވެސް ބެންގަލުރަށް ފުރުސަތު ލިބިގެން ދިޔަ އެވެ. އުދަންތާ ސިންހް ވާތް ފަޅިން ނަގައިދިން އިރު ޖަޔޭޝް ރަނޭ ހުރީ ވާތް ފަޅީގަ އެވެ. ރަނޭ ފޮނުވާލި ބޮޅަ ގޯލާ ސީދާވާ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފުގައި ގެނައި ބަދަލުތަކުން މާޒިޔާއިން ކުޅުން ރަނގަޅު ކުރި އެވެ. މާޒިޔާގެ ފުރަތަމަ ލަނޑު 64 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. ކޯނޭލިއސް ސްޓްވާޓް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ހަމްޕް ވަނީ ބެންގަލޫރުގެ ކީޕަރު ގްރުޕްރީޓް ސިންހް އަށް ފުރުސަތެއް ވެސް ނޫދީ ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން ޝިވާ ޝަކްތީ ނަރަޔާނަން ވަނީ ބެންގަލޫރަށް ލީޑު ފާޅާ ކޮށްދީފަ އެވެ.

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ މެޗުގެ 82 ވަނަ މިނެޓްގައި ލަނޑު ޖަހައި މާޒިޔާ އަށް ފަރަގު ކުޑަ ކޮށްދިނެވެ. އޭނާ ލަނޑު ޖެހީ ހަމްޕު ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ތިން މިނެޓް ފަހުން ބިދުޔަޝަގަރް ސިންހް ބެންގަލޫރުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ބިދުޔަޝަގަރް ސިންހް ވަނީ އތުރު ލަނޑެއް ޖަހައި ނަތީޖާ 6-2 އަށް ބަދަލުކޮށްފަ އެވެ.

މި މުބާރާތުގައި މާޒިޔާ ކުޅުނު ތިން މެޗުގައި އެ ޓީމު ކޮޅަށް 11 ލަނޑު ވަނެވެ. އެ ޓީމަށް ޖެހުނީ ތިން ލަނޑެވެ. މި އަހަރުގެ ސީޒަނަށް ބޮޑު ހަރަދެއް ކުރި މާޒިޔާ އަށް ނާކާމިޔާބުވުމަކީ އެ ޓީމުގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް އަށް ކުރިމަތިވާނެ ޕްރެޝަރެކެވެ.